ފިނޭންސް މިނިސްޓަރަކަށް ގާސިމް ހުންނެވި އިރު ކްރެސެންޓް ފިހާރަ ކުއްޔަށް ދޫކުރުމުގައި ގާނޫނާ ހިލާފުވެފައެއް ނުވޭ: އޭސީސީ

ފިނޭންސް މިނިސްޓަރަކަށް މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ހުންނެވި އިރު "ރެޑް ކްރެސެންޓް 6" ފިހާރަ ކުއްޔަށް ދިނުމުގައި ގާނޫނާ ހިލާފު ވެފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ބިޑް ކުރުމުގެ ގަވާއިދާ ހިލާފަށް ބާޒާރުމަތީގައި ހުންނަ ކްރެސެންޓް ފިހާރަ 25،000ރ. އަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ބުނެ އޭސީސީ އަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ ކޮމިޝަނުން ބުނީ މައްސަލައާ ގުޅުން ހުރި ފަރާތްތައް ތަހުގީގަށް ހާޒިރުކުރި ކަމަށެވެ. އެ ތަހުގީގުގައި، ގާސިމް ގަވާއިދާ ހިލާފަށް އެ ފިހާރަ ކުއްޔަށް ދެއްވާފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
"އެ ފިހާރަ ކުއްޔަށް ދީފައި ވަނީ އެ ދުވަސްވަރު ފިނޭންސް މިނިސްޓްރީން މިފަދަ ކަންކަމުގައި އަމަލުކުރަމުން ދިޔަ އުސޫލާ އެއްގޮތަށްތޯ ބެލިބެލުމުން، އެ އުސޫލާ ހިލާފުވެފައިވާ ކަމެއް ފާހަގައެއް ނުކުރެވެ އެވެ،" އޭސީސީން ނެރުނު ބަޔާނެއްގައި ވެ އެވެ.
އެ ބަޔާނުގައި ބުނީ ދައުލަތުގެ ތަންތަން ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ ގަވާއިދެއް މިހާތަނަށް އެކުލަވާލާފައިނުވާތީ، އެ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތައް ބެލުމުގައި ގާނޫނީ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން މާލިއްޔަތު ގާނޫނުގެ ދަށުން ނެރެފައިވާ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި، ދައުލަތުގެ ތަންތަން ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ ވަކިގޮތެއް ކަނޑައަޅައި ދައުލަތުގެ މާލިއްޔަތު ގަވާއިދު އިސްލާހުކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ