މަސްވެރިންނަށް ތެލުގެ ސަބްސިޑީސް ދިނުމުގެ ގޮތުން، ސަބްސިޑައިޒްޑް ރޭޓެއްގެ ގޮތުގައި މަސްވެރިންނަށް  6.36ރ. އަށް ޑީސަލް ލިޓަރެއް ވިއްކުމަށް ފިޝަރީޒް މިނިސްޓްރީން ހަމަޖައްސައިފި އެވެ. އެއީ މިހާރު ޑީސަލް ލިޓަރެއް ވަކިން ބާޒާރުގައި ވިއްކާ އަގު،  11.30ރ.ގެ  56 ޕަސެންޓެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ފާއިޒު ވިދާޅުވީ ތެލުގެ ސަބްސިޑީ ދޫކުރުމަށް ހަމަޖައްސާފައި ވަނީ ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރު ތިން ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ. އެ ގޮތުން ސަބްސިޑީ ބެހުމަށް ހަމަޖައްސާފައި ވަނީ ދޯނީގެ ދިގުމިން  85 ފޫޓުން މައްޗާއި  84 ފޫޓާއި  65 ފޫޓާ ދެމެދުގެ ދޯންޏަށާއި  64 ފޫޓް އަދި  64 ފޫޓާ  45 ފޫޓް ދެމެދުގެ ދޯންޏަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ތިން ކެޓަގަރީގެ ދޯނިތައް ފާއިތުވި އަހަރު އެވްރެޖްކޮށް މަހަށް ފުރާފައި ވަނީ އަހަރަކު ކިހާ ދުވަހަކުތޯ. އަދި އެ ދުވަސްތަކަށް ބަލައި އެވްރެޖްކޮށް މަސް ދަތުރެއްގައި ތެލަށް ހަރަދުވެފައި ވަނީ ކިހާވަރަކަށްތޯ. މި އެއްޗިއްސަށާއި ފާއިތުވި ތަނުގައި ތެލުގެ އަގަށް އައިސް ފައިވާ ބަދަލަށް ބެލުމަށް ފަހު ބޭސް ރޭޓެއް ހަދައި އޭގެ މައްޗަށް ބިނާކޮށްގެން މި ދެނީ،" ފާއިޒު ވިދާޅުވި އެވެ.
ފިޝަރީޒު މިނިސްޓްރީން ބުނީ އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން ސަބްސިޑީސް ދޫކުރުމަށް މަސައްކަތް ކުރާ ކަމަށާއި އަހަރު ދުވަހުގެ ތެރޭގައި  މަހަށް ފުރާ ހުރިހާ ދޯންޏަކަށް ވެސް ސަބްސިޑީސް ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިބަލަނީ  85 ފޫޓުން މަތީ ދޯންޏެއް އަހަރަކު  137 ދުވަހު މަހަށް ފުރާނެ ކަމަށް. އަދި  84 ފޫޓާއި  64 ފޫޓާ ދެމެދުގެ ދޯންޏެއް އެވްރެޖްކޮށް  147 ދުވަހު މަހަށް ފުރާއިރު  65 ފޫޓާއި  45 ފުޓާ ދެމެދުގެ ދޯންޏެއް  138 ދުވަހު މަހަށް ފުރާނެ ކަމަށް ބެލެވޭ. މި އަދަދުތައް ހެދީ ވޭތު ވެދިޔަ އަހަރުތަކުގެ ހިސާބުތަކަށް ބެލުމަށް ފަހު،" ފާއިޒު ވިދާޅުވި އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން  85 ފޫޓުން މަތީ ދޯންޏެއް އަހަރަކު  137 ދުވަހު މަހަށް ފުރާއިރު މަސް ދަތުރެއްގައި ދުވާލަކު  750 ލިޓަރުގެ ތެޔޮ ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އަދި އެއް އަހަރު ދުވަހު މަހަށް ފުރާ ނަމަ  02،565.43 1 ލީޓަރުގެ ތެލަށް  69،746.39 8ރ. ހަރަދުވާނެ ކަމަށް ލާފާކުރެވޭ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. 
ފިޝަރީޒް މިނިސްޓްރީން ހަމަޖައްސަވާފައި ވަނީ  85 ފޫޓުން މަތީ ދޯންޏަކަށް އަހަރަކު ސަބްސިޑީގެ ގޮތުގައި  225،000ރ. ދެވޭނެ ކަމަށެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން  65 ފޫޓާއި  84 ފޫޓާ ދެމެދުގެ ދޯންޏަކަށް އަހަރަކު  147 ދުވަހު މަހަށް ފުރާއިރު އެވްރެޖްކޮށް ދުވާލަކު  480 ލީޓަރުގެ ތެޔޮ ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އަދި އެއް އަހަރު ދުވަހު މަހަށް ފުރާ ނަމަ  70،390.77 ލީޓަރުގެ ތެލަށް  96،913.72 5 ހަރަދުވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި  65 ފޫޓާއި  84 ފޫޓާ ދެމެދުގެ ދޯންޏަކަށް ސަބްސިޑީގެ ގޮތުގައި  150،000ރ. ދެވޭނެ އެވެ. އަދި  65 ފޫޓާއި  45 ފޫޓާ ދެމެދުގެ ދޯންޏެއް އަހަރަކު  138 ދުވަހު މަހަށް ފުރާއިރު ދުވާލަކު  125 ލިޓަރުގެ ތެޔޮ ހަރަދުވެ އެވެ. އަދި އަހަރު ދުވަހު މަހަށް ފުރާ ނަމަ  17،165 ލީޓަރުގެ ތެލަށް  145،559ރ. ހަރަދުވެ އެވެ. އެ މިނިސްޓްރީން ވިދާޅުވީ  65 ފޫޓާއި  45 ފޫޓާ ދެމެދުގެ ދޯންޏަކަށް ސަބްސިޑީސްގެ ގޮތުގައި އަހަރަކު  50،000 ރުފިޔާ ދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. 
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ސަބްސިޑީސް ދިނުމުގައި ކޮންމެ ދޯންޏަކަށް ދެވޭނެ އެންމެ މަތީ އަދަދެއް ނުވަތަ ކޯޓާއެއް ކަނޑައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.
"މިގޮތަށް ކޯޓާއެއް ކަނޑަނޭޅި އޮވެއްޖެ ނަމަ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކަށް ނުވަތަ މަސްވެރިންނަށް ސަބްސިޑީސްގެ ހަމަހަމަ ފުރުސަތު ގެއްލިގެން ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް. މަސްވެރިކަމުގެ ކެޓަގަރީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ބަލައިފި ނަމަ ސަބްސިޑީސް ދިނުމަށް ޖުމްލަ ހަރަދުވާނީ  91.4 މިލިއަން ރުފިޔާ،" އެ މިނިސްޓްރީން ބުންޏެވެ.
ފާއިޒު ވިދާޅުވީ ތެލުގެ ސަބްސިޑީ ދިނުމަށް ހަމަޖެހިފައި ވަނީ އެ ދުވަހަކު މަހަށް ގޮސްފައި އައުމުން ޖެހިގެން އަންނަ ދުވަހު މަހަށް ފުރުމަށް ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި  85 ފޫޓުން މަތީ  118 ދޯނި ރަސްޖިސްޓްރީކޮށްފައިވެ އެވެ. އަދި  65 ފޫޓާއި  84 ފޫޓާ ދެމެދުގެ  258 ދޯނި ރަޖިސްޓްރީކޮށްފައިވާ އިރު  64 ފޫޓާއި  45 ފޫޓާ ދެމެދުގެ  523 ދޯނި ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
    
    މަސްވެރިންނަށް ތެލަށް ދޫކުރާ ސަބްސިޑީ: 6.36ރ. އަށް ޑީސަލް ލިޓަރެއް ވިއްކާ ގޮތަށް ހަމަޖައްސައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ