އައްޑޫ ކައުންސިލް ތިން މެމްބަރުންނާއި، މަޖިލިސް މެމްބަރު ގޭ ބަންދަށް ބަދަލުކޮށްފި

މިދިޔަ ބުދަ ދުވަހުގެ ރޭ އައްޑޫގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ތަހުގީގަށް ފުލުހުން ހައްޔަރު ކުރި އައްޑޫ ސިޓީ ކައުންސިލްގެ ތިން މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެދު ދާއިރާގެ މެމްބަރު ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ސަދަން ކޮމާންޑަރު ސްޕްރިންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހް މިއަދު ވިދާޅުވީ ބުދަ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ބުރާސްފަތި ދުވަހާއި އެ ދުވަހުގެ ރޭ ހައްޔަރު ކުރި އައްޑޫ ސިޓީ ކައުންސިލްގެ ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދާއި، ކައުންސިލްގެ ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ އާއި ކައުންސިލްގެ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ފަހުމީ ގޭ ބަންދަކޮށް ދޫކޮށްލީ ރޭ ކަމަށެވެ.
މީގެ އިތުރުން ހަމަނުޖެހުންތަކާ ގުޅިގެން ހޮނިހިރު ދުވަހު ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ، ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވެސް ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ރޭ ކަމަށް ޔޫނުސް ވިދާޅުވި އެވެ.
އޭނާ ރޭ ގޭ ބަންދަށް ބަދަލު ކުރި އިރު، މޯޑް ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ވަނީ ރޭ މަޖިލީހުގެ އިދާރާ ކައިރީގައި މުޒާހަރާ ވެސް ކޮށްފަ އެވެ.
ކޯޓްތަކާއި ޕޮލިސް ސްޓޭޝަންތައް އަންދާލައި ފުލުހުންނަށް ބޮޑެތި ގެއްލުންތަކެއް ދިން ހަމަނުޖެހުމާ ގުޅިގެން ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ފުލުހުން ހައްޔަރު ކުރި ބައެއް މީހުންގެ މީގެ ކުރިން ވެސް ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ.
އެހެން ނަމަވެސް ތަހުގީގަށް ހައްޔަރު ކުރަން ޖެހޭ މީހުން އަދިވެސް ހައްޔަރު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ