ބޮޑެތި ހަމަނުޖެހުންތަކާ އެކު ވެސް ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން މިއަދު އިއްވެވުމުން އެމަނިކުފާނަށް އަދާލަތު ޕާޓީ އާއި ޕީޕީއެމުން މަރުހަބާ ކިޔައިފި އެވެ.
ޕީޕީއެމުން ބުނިގޮތުގައި ރިޔާސީ ބަޔާން އިއްވެވުމުގައި ރައީސް ވަހީދު ވަރަށް ހިތްވަރުފުޅު ގަދަ އެވެ. އަދި އަޒުމް ވަރުގަދަ ކަމާއި ސާބިތު ކަމަށްޓަކައި އެ މަނިކުފާނަށް އެ ޕާޓީން ވަނީ މަރުހަބާ ކިޔާފަ އެވެ.
މިކަމާ ގުޅޭ ގޮތުން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ ބަޔާން އިއްވެވުމާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިންގި ދަށު ދަރަޖައިގެ އަމަލުތަކާއި ކުރިމަތިކުރި ގޮންޖެހުންތަކާ އެކު ވެސް ރިޔާސީ ބަޔާން އިއްވެވުމުން އެމަނިކުފާނުގެ ހިތްވަރުފުޅު ގަދަކަން ފެނިއްޖެ ކަމަށެވެ. އަދި ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން މިއަދު މާލެ ތެރޭގައި ހިންގި ހަމަނުޖެހުންތައް އެ ޕާޓީން ވަނީ ކުށްވެރިކޮށްފަ އެވެ.
އަދާލަތު ޕާޓީން ބުނީ މިއަދު އެމްޑީޕީގެ އަމަލުތައް ހުރި ގޮތުން ދޭހަވަނީ ތަސައްރަފު ފުދިފައިވާ ސިޔާސީ ޕާޓީއެއްގެ ބަދަލުގައި ޣައިރު ގާނޫނީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަމަށެވެ. އަދި އެމްޑީޕީގެ އެކްޓިވިސްޓުން މަގުމައްޗަށް ނިކުމެ ހަމަނުޖެހުންތައް ހިންގައި، މީޑިއާ އަށް "ޖެއްސުން" ކުރުމުގެ ގޮތުން ދިން ހަމަލަތަކާއި ފުލުހުންނާއި ސިފައިންނަށް ދޭ އަނިޔާތައް ވެސް އެ ޕާޓީން ވަނީ ކުށްވެރިކޮށްފަ އެވެ.
"އެމްޑީޕީގެ އެކްޓިވިސްޓުން ދިވެހި ފުލުހުންނަށާއި ސިފައިންނަށް ކުރަމުން ގެންދާ އަނިޔާތައް މި ޕާޓީން ކުށްވެރި ކުރަމެވެ. އަދި ރާއްޖޭގެ އަމަންއަމާންކަން ނަގާލައި، ހަމަނުޖެހުން ހިންގާ ފަރާތްތަކާ މުއާމަލާތު ކުރުމުގައި ދައްކަވަމުން ގެންދަވާ ކެއްތެރިކަމާއި ޕްރޮފެޝަނަލް އުސޫލުތައް ފާހަގަކުރަމެވެ." އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
ރިޔާސީ ބަޔާން އިއްވެވުމުން އަދާލަތާއި ޕީޕީއެމުން ރައީސްއަށް މަރުހަބާ ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ