ހުސެންބޭގެ މަރުގެ ތަހުގީގު: ފުލުހުންގެ ޓީމަށް ހޯރަފުށީ ރައްޔިތުން ޝުކުރު އަދާކޮށްފި

މިދިޔަ މަހުގެ 27 ވަނަ ދުވަހު ރޭ މަރާލި ހއ. ހޯރަފުށީ، ސީވިއު ހުސެއިން މުހައްމަދު މަނިކު )ހުސެންބޭ(ގެ މަރުގެ ތަހުގީގު ނިމުމުން، ތަހުގީގު ޓީމަށް އެ ރަށު ރައްޔިތުން ޝުކުރު އަދާކޮށްފި އެވެ.
ހޯރަފުށީ އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި މަތިއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރު އަލީ ނަސީރު މިއަދު ވިދާޅުވީ ހުސެންބޭގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދިޔަ ޓީމު ރަށުގެ ރައްޔިތުންނާ ހުކުރު ވިލޭރޭ ބައްދަލުކޮށް ތަހުގީގު ނިންމިފައިވާ ކަމަށް ބުނި ކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާކޮށް އެ ޓީމުގައި ހިމެނޭ އަށް ފުލުހެއްގެ ކަރުގައި މާފަތި އެޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހާ ފުރިހަމަކޮށް ތަހުގީގު ކުރިޔަށް ގެންގޮސް ނިންމައިދިނީތީ ތަހުގީގު ޓީމުގައި ހިމެނޭ މީހުން ކަރުގަ މާފަތި އެޅުވީ. އެ ހާދިސާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ތިން މީހުން ގޮވައިގެން މިއަދު މެންދުރު މި ރަށުން ފުރާނެ. އަދި ފުލުހުންގެ ޓީމަށް އަލްވަދާއު ކިއުމަށް ރަށުގެ ވަރަށް ގިނަ ރައްޔިތުން ބަނދަރަށް ދިއުމަށް ވެސް ވަނީ އަންގާފައި،" އަލީ ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ތަހުގީގު ޓީމު ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ބުނި ކަމަށެވެ. އަދި ހުސެންބޭގެ ގެއިން ގެއްލުނު ފައިސާގެ ވަރަށް ބޮޑު ބައެއް ފެނިފައިވާ ކަމަށް ވެސް އަލީ ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަސް މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެކަމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ ތިން މީހުން ފުލުހުންގެ ޓީމާ އެކު މާލެ ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަލީ ނަސީރު ވިދާޅުވި އެވެ.
ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ ހުސެންބޭގެ މަރުގެ ތަހުގީގުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އަދި އެ ތަހުގީގުގެ މައުލޫމާތު މީޑިއާ އަށް ފަހުން ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ބައެއް މަރުތަކުގެ ތަހުގީގާ ހިލާފަށް، މި މަރާ ބެހޭ ގޮތުން ފުލުހުން މިހާތަނަށް މާ ބޮޑު ވާހަކައެއް މީޑިއާގައި ނުދައްކަ އެވެ.
ހުސެންބޭގެ މަރާލުމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާންގެ އިތުރުން އެ މައްސަލަ ތަހުގީގު ކުރިޔަށް ގެންދިއުމަށް ފުލުހުންގެ ހާއްސަ ޓީމެއް ވެސް އެ ރަށަށް ދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ