ރިއާސީ އިންތުހާބު 2008: މި އިންތިހާބަކީ ރާއްޖޭގައި އޮންނާނީ އިސްލާމްދީންތޯ ނުވަތަ ނޫންތޯ ކަނޑައަޅާނޭ އިންތިހާބެއް: މައުމޫން

ރާއްޖޭގައި އެންމެ ފުރަތަމަ ބާއްވާ ގިނަ ޕާޓީތައް ވާދަކުރާ އިންތިހާބަކީ ރާއްޖޭގައި އޮންނާނީ އިސްލާމްދީންތޯ ނުވަތަ ނޫންތޯ ކަނޑައަޅާނޭ އިންތިހާބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ރިއާސީ ކެންޑިޑޭޓް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އަހުމަދިއްޔާ ސްކޫލުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި މައުމޫން ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބަކީ އެކިއެކި ކެންޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރި އިންތިހާބެއް ނޫން ކަމަށެވެ.
"މި އިންތިހާބަކީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖެ އަޮންނާނޭ ގޮތް ބައްޓަންކުރާނޭ އިންތިހާބެއް. ރާއްޖޭގައި އޮންނާނީ މާތްވެގެންވާ އިސްލާމްދީންތޯ ނުވަތަ ނޫންތޯ ކަނޑައަޅާނޭ އިންތިހާބެއް،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނުގެ އިސްތިއުފާ އަށް އެންމެ ފުރަތަމަ ގޮވަން ފެށި އަޑު އިވިވަޑައިގަތީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އިނގިރޭސިވިލާތުން ކަމަށް މައުމޫން ވިދާޅުވި އެވެ. އެފަހަރު އިސްތިއުފާއަށް ގޮވީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށާއި އޭނާއަކީ ނަސޯރާ ފައްޅިއަކާ ގުޅުން ހުރި މީހެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"މިގޮވާ އިސްތިއުފާގެ އަޑުތައް ފެށިފައި މިއޮތީ ބިދޭސީންގެ ފަރާތުން. ބިދޭސީންގެ ބަޔަކު އަޅުގަނޑު މި މަގާމުގައި ހުންނާތީވެ ކަމުނުގޮސްގެން އަޅުގަނޑު މި މަގާމުން ދުރުކުރެވޭތޯ ކުރާ މަސައްކަތްތަކެއް މިހާރު ރާއްޖޭގައި މި އުޅެނީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ އަޑީގައި ތިބީ ބިދޭސީ މަހުޖަނުން ކަމަށެވެ. އަދި މަސްތުވާތަކެތި ހުއްޓުވުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި ނަމަވެސް އެކަށީގެންވާ ހައްލެއް އެކަމަށް ނާންނަ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި މިފަހަރު އެމަނިކުފާނު ދިވެހި ރައްޔިތުންނަށްޓަކައި ތައްޔާރުކުރެއްވި މެނިފެސްޓޯގައި، މަސްތުވާތަކެތި ހައްލުކުރައްވާނޭ ގޮތް ވަރަށް ރަނގަޅަށް ބަޔާން ކުރައްވާފައިވާނޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"މިކަމުގެ (މަސްތުވާތަކެތީގެ) އަޑީގައި ތިބި ބަޔަކީ ބޭރު ދުނިޔޭގައި އުޅޭ މަހުޖަނުން. މަސްތުވާތަކެތީގެ ވިޔަފާރިއަކީ އެތައް ބިލިއަން، ބިލިއަން، ބިލިއަން ޑޮލަރުގެ ވިޔަފާރިއެއް. އެ ވިޔަފާރި ކުރާ ބަޔަކު ބޭނުންވޭ އެމީހުންގެ މާކެޓް ނުވަތަ ބާޒާރެއް (ރާއްޖޭގައި) ބިނާކުރަން،" މައުމޫން ވިދާޅުވި އެވެ.
މާރާމާރީ އާއި ފޭރުމާއި ޓެކުމާ އެ ބާވަތުގެ ކަންތައްތައް ކުރާ މީހުންގެ ބޮޑު ބަޔަކީ، ބަޔަކު މީހުން އެ ކުށްތައް ކުރާ މީހުން ލައްވާ ކުރުވާ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެއީ އެމީހުންގެ ސިޔާސީ ބޭނުންތަކެއް ފުއްދުމަށް ކުރާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މާލޭގެ މަގުމަގަށް ނުކުމެ ގާއުކައި މާރާމާރީ ހިންގައި ސިފައިންނާ ފުލުހުންނާ ދިމާކޮށް އެމީހުންގެ އެތައް ބަޔަކު ޒަހަމްކޮށް އަލިފާން ބޯޅަ އުކި މީހުން، މިހާރު އެބުނަނީ ތިމަންނަމެން ވެރިކަމަށް އަތުވެއްޖެޔާ މާލެއަކީ، ރާއްޖެއަކީ ވަރަށް އަމާންތަނަކަށް ހަދާނަމޭ. ވަރަށް ސުލްހަވެރި ތަނަކަށް ހަދާނަމޭ. މިއީ ދެން ކާކު ގަބޫލުކުރާނޭ ވާހަކައެއްތޯ؟" އެމަނިކުފާގެ ވާދަވެރިންނަށް ނިސްބަތްކުރައްވައި މައުމޫން ވިދާޅުވި އެވެ.
އެ ރޭގެ ޖަލްސާގައި މައުމޫނުގެ އިތުރުން އެމަނިކުފާނުގެ ރަނިންމޭޓް އަދި އެޓޯލްސް މިނިސްޓަރު އަހުމަދު ތަސްމީނު އަލީ ވެސް ވާހަކަ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ