އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީގެ ޖަނާޒާގެ ރަސްމިއްޔާތުތަކުގައި، ސަލާމަތީ ސަބަބުތަކަށްޓަކައި އެމަނިކުފާނުގެ ދަރިކަލުން އަދި އީރާނުގެ މިހާރުގެ މަތީ މަސްއޫލުވެރިޔާ މުޖުތަބާ ޚާމަނައީ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އީރާނުގައި 36 އަހަރު ވެރިކަން ކުރެއްވި އަލީ ޚާމަނައީ އަވަހާރަވީ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ތެރޭގައެވެ.
އާންމުކޮށް އިސްލާމީ ޝަރީއަތުގައި މައްޔިތާ ވީހާވެސް އަވަހަކަށް ފަސްދާނުލާން ޖެހުނު ނަމަވެސް، އީރާނުގައި ހިނގަމުންދާ ހަނގުރާމައިގެ ހާލަތުގެ ސަބަބުން މި ޖަނާޒާ ބޭއްވުން ވަނީ މަސްތަކަކަށް ލަސްވެފައެވެ.
މި ޖަނާޒާގައި ބައިވެރިވުމަށް ރާއްޖޭގެ ރަސްމީ ވަފުދެއް އީރާނަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ސަރުކާރުގެ އިސްތަރުޖަނާމު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) އެވެ.
އީރާނުގެ ކުރީގެ މަތީ މަސްއޫލުވެރިޔާ އާޔަތުﷲ އަލީ ޚާމަނައީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ވަޞިއްޔަތްޕުޅާ ބެހޭގޮތުންނާއި އީރާނުގެ އާ ލީޑަރޝިޕާ މެދު ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފައެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި، އަލީ ޚާމަނައީގެ ދަރިކަލުން މުޖުތަބާ ޚާމަނައީއަށް ވެރިކަން ލިބިވަޑައިގަތުމަކީ ކުރީގެ ލީޑަރުގެ އަސްލު ވަޞިއްޔަތްޕުޅާ ޚިލާފު ކަމެކެވެ. ކުރީގެ ރިޕޯޓުތަކުން ދައްކާގޮތުގައި އަލީ ޚާމަނައީ ބޭނުންފުޅުވީ އެމަނިކުފާނުގެ އާއިލީ ވާރުތައެއްގެ ގޮތުގައި ވެރިކަން ދެމިއޮތުމުގެ ބަދަލުގައި، ދީނީ އަދި ސިޔާސީ އެހެން ނިޒާމެއްގެ ތެރެއިން އާ ލީޑަރަކު އައްޔަންކުރުމަށެވެ. ނަމަވެސް، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ނުފޫޒާއެކު، މުޖުތަބާ ޚާމަނައީއަށް ވަނީ އެންމެ މަތީ މަސްއޫލުވެރިޔާގެ މަޤާމު ކަށަވަރުވެފައެވެ.
މި ނާޒުކު ދަނޑިވަޅުގައި އީރާނުގެ ވެރިރަށް ތެހެރާނުގައި ތިން ދުވަހުގެ ސަރުކާރު ބަންދު ދުވަސްތަކެއް ވަނީ އިޢުލާނުކޮށްފައެވެ. މިއީ ޖަނާޒާގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި، ލައްކަގިނަ އާންމުން އެއްވާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ބައެއް އަސްކަރީ މުޙައްލިލުން ބުނާގޮތުގައި، މި ޖަނާޒާއަކީ އީރާނުގެ ތާރީޚުގައި ބޭއްވޭ އެންމެ ނުރައްކާތެރި އަދި އެންމެ ސަމާލުކަންދޭންޖެހޭ ސަލާމަތީ ރިސްކެވެ. ސަބަބަކީ އެއް ތަނަކަށް އީރާނުގެ ހުރިހާ އިސް ވެރިންނާއި ބޭރުގެ ވަފުދުތައް އެއްވުމުން، އެއީ ހަމަލާއެއް ދިނުމަށް "އަމާޒު މުއްސަނދި" ތަނަކަށް ވެގެންދާތީއެވެ. މިކަމަށްޓަކައި އީރާނުގެ ބާސިޖް މިލީޝިއާގެ އެތައްހާސް ސިފައިން ވަނީ ތެހެރާނުގެ މަގުތަކަށް ނެރެފައެވެ.
ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަތުމަށް މުޖުތަބާ ޚާމަނައީ ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ