މެމްބަރު އިލްހާމާއި ސިނާން ހޯދަން އިއުލާންކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގަތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ. އިލްހާމް އާއި ސިނާން ހޯދުމަށް އިއުލާން ކޮށްފައިވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ ބޭފުޅުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި އުޅުއްވުމަށްފަހު އިލްހާމް އާއި ސިނާން މާލެ ވަޑައިގަތީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެންނެވެ. ހުކުމަށްފަހު ޖެހިގެން އައި ހޮނިހިރު ދުވަހު އެ ދެ މެންބަރުން މާލެ ވަޑައިގަތުމާ އެކު އެއާޕޯޓުން ފުލުހުން ވަނީ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެ ދެ މެންބަރުން މިނިވަންކޮށްފައެވެ. އިލްހާމާއި ސިނާން އެފަހަރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީގެން ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ