އދ. އޮމަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ބޮޑުބަޔެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އދ. އޮމަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 17 އޯގަސްޓް 2023 ގައެވެ.
އެމްޓީސީސީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ހިލަ ގެނައުމާއި ޕްރޮފައިލް ކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިކަމަށެވެ. މަޝްރޫޢުގެ ޖުމްލަ 86 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ގިރާ ސަރަޙައްދަށް 19,000 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި 214 މީޓަރުގެ ގްރޮއިން ޖެހުމެވެ. އަދި
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 10.1 މިލިއަން ދިވެހި ރުފިޔާއަށެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން އޮމަދޫގެ ބަނދަރު އަޕްގްރޭޑުކުރުމުގެ މަސައްކަތްވެސް އެރަށުގައިދަނީ ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްޓީސީސީން ވިދާޅުވީ އޮމަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ އަންނައަހަރުގެ މެއިމަހުގެ ތެރޭގައި ކަމަށެވެ. މި މަސައްކަތް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 17 ޖެނުއަރީ 2023 ގައެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 24.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމްޓީސީސީން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، ބޭރުތޮށި ލުމުގެ އިތުރުން އެއްގަމު ތޮށިލުމުގެ މަސައްކަތްތައް ހިމެނެއެވެ.
އެގޮތުން ބަދަރު އެއްގަމު ތޮށީގެ 477 މީޓަރުގެ ކީވޯލް ބްލޮކް ޖައްސައި ނިމިފައިވާއިރު 188 މީޓަރުގެ އެއްގަމު ތޮށިލުމާއި ޕޭވްމަންޓް ކޮންކްރީޓް މަސައްކަތް ވެސް ނިމިފައިވާކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ.
މި ބަނދަރު ތަރައްޤީ ކުރެވިގެންދަނީ ޓީޖެޓީއަކާއި ވެސް އެކުގައެވެ. އެމްޓީސީސީން ވިދާޅުވީ ބަނދަރުގެ ޓީޖެޓީގެ ކީވޯލް އަދި ކޮންކްރީޓް މަސައްކަތްތައް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ޓީޖެޓީ ޕޭވްކުރުމުގެ މަސައްކަތްތައް ކަމަށެވެ.
މަޝްރޫޢުގައި މިވަގުތު ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ބޭރުތޮށީގެ ބްލޮކް ޖެހުމާއި، ހިލަ ޖެއްސުމާއި، ކޮންކްރީޓް ޕޭވިންގ، ލައިޓް އަދި ބްރިޖްގެ މަސައްކަތްތައް ހިމެނޭކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި މި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހިލަ އާއި ކޮންކްރީޓް މެޓީރިއަލްސް ހޯދުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
އެތައް އަހަރެއްވެ އެއްކޮށް ވީރާނާވެފައިވާ އޮމަދޫގެ ބަނދަރުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫޢުތަކުގައި ހިމަނައިގެންތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އޮމަދޫއަކީ 1200 މީހުންގެ އާބާދީ ދިރިއުޅެމުންދާ ރަށެކެވެ. އަދި ބޮޑުމިނުގައި ގާތްގަނޑަކަށް 21 ހެކްޓަރުގެ ރަށެކެވެ. މިއަތޮޅުގެ އެހެން ރަށްތަކެކޭ އެއްފަދައިން އޮމަދޫގައިވެސް އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކުރަމުންދަނީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއެވެ. ނަމަވެސް އެރަށަށް ކުރިމަތިވެފައިވާ އަނެއް ގޮންޖެހުމަކީ އެރަށުގައި ރަނގަޅު ފެންވަރެއްގެ ބަނދަރެއް ޤާއިމުވެފައި ނެތުމެވެ. ނަމަވެސް އަދުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒު މިދިޔައަހަރު އެރަށަށް ވަޑައިގެން އެރަށުގެ ބަދަރު އަޕްގްރޭޑްކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ އަދި އެ މަޝްރޫޢު ހިންގާނީ އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށްވެސް އެމަނިކްފާނު ވިދާޅުވިއެވެ.
އދ.އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ