ޒުވާނުން ކޮފީއަށް ދެވިހިފުން: ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ
ކޮފީއަކީ މިހާރު ހަމައެކަނި ބޯލާ ބުއިމެއް ނޫނެވެ. ގިނަ ޒުވާނުންނަށް މިއީ އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދުވަހުގެ ތާވަލާއި، އަދި އިޖުތިމާއީ އައިޑެންޓިޓީގެ މުހިންމު ބަޔެކެވެ. ތަފާތު ރަހަތަކުގެ އައިސް ކޮފީތަކުން ފެށިގެން "ސްޕެޝަލްޓީ ކޮފީ"އާ ހަމައަށް، ފާއިތުވި އަހަރުތަކުގައި ކޮފީގެ ސަގާފަތް ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ދިރިއުޅޭ ރަށުގެ ކޮންމެ ކަނަކުން ކަހަލަ ގޮތަކަށް ކޮފީ ލިބެން ހުންނަ ކެފޭތައް ފެންނަން ހުރިއިރު، މީސްމީޑިއާގައި ވެސް ކޮފީއާ ގުޅުންހުރި ކަންކަން ވަނީ އާންމުވެފައެވެ. އޭގެ ތެރޭގައި ތަފާތު ކެފޭތަކުގެ ރިވިއުތަކާއި "ސްޓަޑީ ވިތު ކޮފީ" ފަދަ ވްލޮގްތައް ހިމެނެއެވެ. ބައެއް މީހުންނަށް ކޮފީއާ ނުލައި ދުވަސް ފެށުމަކީ އުނިކަމެއް އިހުސާސްވާ ކަމެކެވެ. ކިޔަވާއިރު ނުވަތަ މަސައްކަތުގައި ސަމާލުކަން އިތުރުކުރުމަށާއި، ރޭގަނޑު ހޭލާ ހުރުމަށާއި، ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމަށް ވެސް ކޮފީ ބޭނުންކުރެއެވެ. ބައެއް ޒުވާނުންގެ މެދުގައި ކޮފީ މަގުބޫލުވި ސަބަބުތަކުގެތެރޭ ރަހްމަތްތެރިންނާ އެކު ކޮފީއަކަށް ދިއުމުން ރަހްމަތްތެރިން މެދުގައި އޮންނަ އިޖުތިމާއީ ގުޅުން އިތުރުވުން ހިމެނޭ--ފޮޓޯ/ފޭސްބުކް ނަމަވެސް، ކޮފީއަކީ ކިތަންމެ މަގުބޫލު ބުއިމަކަށް ވިޔަސް، މާގިނައިން ކޮފީ ބުއިމަކީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއާގެ އެތެރަހަށީގެ ބަލިތަކަށް ހާއްސަ ޑރ. އަހުމަދު ޔުސްރާން ވަނީ ވިދާޅުވެފައެވެ. ހާއްސަކޮށް ފުރާވަރު އުމުރުން ފެށިގެން ކެފެއިންއަށް ހުށަހެޅޭ ޒުވާނުންނަށް މި ނުރައްކާ ބޮޑުކަމަށް އޭނާ ވިދާޅުވެއެވެ. ޒުވާނުންގެ މެދުގައި ކޮފީގެ ސަގާފަތް އާލާވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކަށް ބަލާލާއިރު، އެއީ އިޖުތިމާއީ ވަސީލަތެއްގެ ގޮތުގައި ގިނަ ޒުވާނުން ދެކެއެވެ. އެގޮތުން މިހާރު ކެފޭއަކަށް ދިއުމަކީ ހަމައެކަނި ކޮފީއެއް ބޯލުމެއް ނޫނެވެ. އެއީ އެކަކު އަނެކަކާ ބައްދަލުކޮށް، ދިރިއުޅުމުގެ ފެންވަރު ދައްކައިދޭ ކަމެކެވެ. ގިނަ ޒުވާނުން ކެފޭތައް އިހުތިޔާރު ކުރަނީ އެ ތަންތަނުގެ މާހައުލު ހިތްގައިމުވުމުންނާއި، މަސައްކަތް ކުރުމަށް ނުވަތަ ކިޔެވުމަށް ފަސޭހަވުމުންނެވެ. ޓިކްޓޮކް، އިންސްޓަގްރާމް އަދި ޔޫޓިއުބް ފަދަ ވަސީލަތްތަކުން ފެންނަ ކޮފީއާ ގުޅޭ ވީޑިއޯތަކުގެ ސަބަބުންވެސް، ކޮފީއަކީ ވަރަށް "ސްޓައިލިޝް" އެއްޗެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެކި ރަހަތައް ނުވަތަ 'ފްލެވަ'ތައް ހުންނަ ކޮފީ ތައާރަފްވުމާ އެކު ކޮފީއަށް ލިބުނު މަގުބޫލުކަން އިތުރުވެ ޒުވާނުންނަށް އެއީ މާކަމުދާ ބުއިމަކަށްވަނީ ވެފައި--ފޮޓޯ/ޕިންޓްރެސްޓް ޒުވާނުންނަށް ކޮފީ ކަމުދާ އިތުރު ސަބަބުތައް ބިނާވެފައި އޮންނަނީ، މަސައްކަތުގެ މާހައުލުގައި އިހުސާސް ކުރުވާ ބުރަކަން ފިލުވުމަށް ބޭނުންކޮށްލާ ބުއިމެއްގެ ގޮތުގަޔާއި، މިފަހަކަށް އައިސް ތައާރަފްވެފައިވާ އެކި ރަހަތައް ނުވަތަ 'ފްލެވަ' ތަކަށާއި އަދި ވަކި މިންގަނޑެއްގައި ކޮފީ ބޭނުންކޮށްފިނަމަ، އޭގެން ލިބޭ ފައިދާތަކުގެ މައްޗަށެވެ. ފައިދާތަކެއް ހުރި ނަމަވެސް، މިންވަރަށް ވުރެ ގިނައިން ކޮފީ ބުއިމުން ދިމާވެދާނެ މައްސަލަތަކުގެތެރޭ، ރޭގަނޑު ދަަންވަރު ކޮފީ ބުއިމުން ނިދަން އުނދަގޫވުން، މާގިނައިން ކެފެއިން އެތެރެވުމުން ހިތުގެ ތެޅުން އަވަސްވެ، އަތް ތުރުތުރުލުމާއި ބޮޑަށް ހާސްވާގޮތްވުން، ގިނަ ކޮފީތަކުގައި ގިނަ އަދަދަކަށް ހަކުރާއި ކްރީމް ހުރުމުގެ ސަބަބުން ފަލަވުމާއި ހަކުރު ބަލީގެ ނުރައްކާ އިތުރުވުން އަދި ގޭސްޓްރިކް މައްސަލަތައް ހިމެނެއެވެ. ކެފެއިންގެ ސަބަބުން އަސަރުކުރާ މިންވަރު ކޮންމެ މީހަކަށް ތަފާތުވުމުން އެކަމުގައި ސަމާލުވާންޖެހޭ ފަރާތްތަކުގެތެރޭ، ނިދި މަދުވާ ފުރާވަރު ކުދިންނާއި ކިޔަވާ ކުދިން، ހާސްވުމުގެ ބަލި ހުންނަ މީހުން، ލޭގެ ފިއްތުން މަތި މީހުންނާއި ހިތުގެ ބަލި ހުންނަ މީހުން، ގޭސްޓްރިކް މައްސަލަ ހުންނަ މީހުން އަދި މާބަނޑު މީހުން ހިމެނެއެވެ. ޑރ. ޔުސްރާން ވިދާޅުވިގޮތުގައި ސިއްހަތަށް ފައިދާހުރި ގޮތްތަކެއް ހުރިއިރު އެކަންކަމަށް ސަމާލުކަންދީގެން ކޮފީ ބުއިމަކީ މައްސަލައެއް ނޫނެވެ. އޭގެތެރޭގައި، ކޮފީ ބޯ މިންވަރު މަދުކުރުން، ނިދުމުގެ 6 ނުވަތަ 8 ގަޑިއިރު ކުރިން ކޮފީ ނުބުއިން، ކޮފީ ތައްޔާރުކުރާއިރު ހަކުރު އަދި ފޮނި އެއްޗެހި އެޅުން މަދުކުރުން، ފީން ހަށިގަނޑަށް ވަގުތީ ހޭލުންތެރިކަމެއް ލިބުނަސް، އެއީ ނިދިިގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫންކަމަށް ގަބޫލުކުރުން އަދި ކޮފީ ބުއިމުން ހަށިގަނޑަށް އަންނަ ބަދަލުތަކަށް ސަމާލުވުން ހިމެނެއެވެ. ޒުވާނުންގެ މެދުގައި ކޮފީގެ ސަގާފަތަކީ މިހާރުގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށްވެ، އޭގެން ފައިދާތަކެއް ލިބުނު ނަމަވެސް، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މިންގަނޑެއްގައި ކޮފީ ބުއިން މުހިންމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ