އަމީނީމަގު މަރާމާތުކުރަން ބޭނުންވާ ސަރވޭ ނިންމާލައިފި

އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށް ކުރަންޖެހޭ ސަރވޭގެ މަސައްކަތް އެމްޓީސީސީއިން ކުރިއަށްގެންގޮސްފިއެވެ.
އެމްޓީސީސީއިން ދަނީ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމައް ތައްޔާރުވަމުންނެއެވެ.
އެމްޓީސީސީއިން ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސާވޭތަކުގެ ތެރެއިން، އަމީނީ މަގުގައި ކޯ ކަޓިންގގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މާލޭގެ މަގުތައް ތަރައްގީކުރުމުގެ މި މަޝްރޫއުގެ ދަށުން އަމީނީ މަގާއި، އިއްޒުއްދީން މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ މާލޭގެ މަގުތަކަކީ އާންމުންނަށް ބޭނުންކުރަން އަމާން އަދި ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ މަގުތަކަކަށް ހެދުންކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދުގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ، 2023ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މީގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދިޔަ، އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯ މީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ