ދައުލަތުގެ ޔުޓިލިޓީ ކުންފުނި، ފެނަކައިން އައްޑޫ ސިޓީގައި ހިންގި ހަތަރު ޕްރޮޖެކްޓެއްގައި އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ގޮތަށް އަމަލުކޮށްފައިވާކަން ހާމަވި އޮޑިޓު ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތުކުރެވޭ ކަންކަން ހުރުމުން، އެ ކުންފުނީގެ އައްޑޫ ސިޓީ ބްރާންޗުގެ ކުރީގެ ވެރިންނާއި އާއިލާ މެންބަރުންނަށް ނުހައްގު މުއްސަނދިކަން ލިބިފައިވޭތޯ ބެލުމަށް ވަކި ތަހުގީގެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ދަންނަވައިފި އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ 2021 އިން 2023 އަށް ފެނަކައިގެ އައްޑޫ ސިޓީ ބްރާންޗުން ހިންގި ޕްރޮޖެކްޓުތަކުގެ ހާއްސަ އޮޑިޓު ރިޕޯޓު ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކުރީ މިއަދުގެ މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުންނެވެ.
ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ގިނަ އެންމެ ބޮޑަށް ދަރަނިވެރިވެފައިވާ އެއް ކުންފުންޏަކި ފެނަކަ އެވެ. އެ ކުންފުންޏަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދު ދެނެގަނެ، މުވައްޒަފުންގެ އޮނިގަނޑު 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެ ރިޕޯޓުގައި ވަނީ އަންގާފަ އެވެ.
މި ކަންކަމުގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ރިޕޯޓުގައި އަންގާފަ އެވެ.
އޮޑިޓު އޮފީހުން ބުނި ގޮތުގައި މިއިން އެއްވެސް ޕްރޮޖެކްޓެއް މިހާތަނަށް ނިމިފައި ނުވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އެ ޕްރޮޖެކްޓުތަކަށް 117 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. އަދި މި ޕްރޮޖެކްޓުތައް ނިންމަން 68 މިލިއަން ރުފިޔާ އިތުރަށް ހަރަދު ވެގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޮޑިޓަރުން ބުނެފައިވެ އެވެ.
މި ހަތަރު ޕްރޮޖެކްޓު ހިންގުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާއިރު، ވައްކަމަށް ތުހުމަތުކުރެވޭ އެތައް ކަމަކާއި އަގު ބޮޑުކޮށް މުދާ ގަތުމުގެ ކަންކަން ވެސް ހިންގާފައިވެ އެވެ. އަދި ބައެއް ތަކެތި އަގު ބޮޑުކޮށް ކުއްޔަށް ނެގުމަށް ފަހު، އެއްވެސް ވަރަކަށް ބޭނުންކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން މި ޕްރޮޖެކްޓުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާއިރު، މިކަން ކުރީ ޕްރޮޖެކްޓުތަކަށް ބޭނުންވާނެ އިންސާނީ ވަސީލަތްތަކުގެ މިންވަރު ބެލުމެއް ނެތި، ފެނަކައިގެ މުވައްޒަފުންގެ ގަވާއިދާއި ހިއުމަން ރިސޯސް އެސްއޯޕީއާ ހިލާފަށް ކަމަށް ވެސް އޮޑިޓަރުން ބުނެފައިވެ އެވެ.
މި ޕްރޮޖެކްޓުތައް ފެއްޓިއިރު ނަގާފައި ވަނީ 85 މުވައްޒަފުންނެވެ. ނަމަވެސް މި މަސައްކަތުގައި 273 މުވައްޒަފުން އިތުރަށް ނަގާފައިވާ ކަމަށް އޮޑިޓުން ދައްކަ އެވެ. އަދި މިހެން އިތުރަށް ނެގި މުވައްޒަފުންނަކީ ހުސްވާ މަގާމުތަކަށް ނޫން ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
ފެނަކަ އައްޑޫ ބްރާންޗުގެ ކުރީގެ ވެރިންނަށް ނުހައްގު މުއްސަނދިކަން ލިބިފައިވޭތޯ ތަހުގީގުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ