މި މަހުގެ ކުރީކޮޅު ލޯންޗެއްގައި ޖެހި އެކްސިޑެންޓުވުމުން ވެސް މަޑުނުކޮށް ފިލައިގެން ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އިއްޒުއްދީން ފާލަމާ ދިމާ ބޭރުން 'ލީޖަން 1' ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި މި އެކްސިޑެންޓު ހިނގީ މި މަހުގެ 9ގަ އެވެ. މި އެކްސިޑެންޓުގައި އެ ލޯންޗަށް ބޮޑެތި ގެއްލުންވެ، ލޯންޗުގައި ތިބި ފަސް މީހަކަށް އަނިޔާވެގެން ފަރުވާދީފައިވެ އެވެ.
އެ އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ދިއުމުން، އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
ބުނީ ކީކޭ؟ - ފުލުހުން މިއަދު ބުނީ އެ އުޅަނދު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް މިހާތަނަށް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. އެކަމަކު އަދިވެސް އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.
އެނގުން މުހިންމު - މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި އެކްސިޑެންޓުގައި އެ މީހުން ތިބި ލޯންޗުގެ އެއް އަރިމަތީ ބިއްލޫރިގަނޑު އެއްކޮށް ވަނީ ތަޅައިގެންގޮސްފަ އެވެ. އަދި އެ ފަޅީގެ ސީޓުތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ.
ލޯންޗެއްގައި ޖެހި އެކްސިޑެންޓުވުމުން ފިލި އުޅަނދު އަދިވެސް ނުފެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ