އަންނަ އަހަރު ވެސް ކައުންސިލުތަކުގެ ބްލޮކު ގްރާންޓަކީ 2.4 ބިލިއަން ރުފިޔާ

އަންނަ އަހަރުގެ ބަޖެޓުން ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީއަކީ 2.4 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފި އެވެ. 
ފިނޭންސް މިނިސްޓްރީން މި އަދަދު އިއުލާންކުރީ ކުރިއަށް އޮތް ތިން އަހަރަށް، އެއީ 2027 އިން 2029 އަށް،  ލަފާކުރާ ކައުންސިލުތަކުގެ މެދުރާސްތާގެ ބަޖެޓުގެ މައުލޫމާތު ހިއްސާކުރަން އަންގާ ނެރުނު ސާކިއުލާގައި އެވެ. މި ސާކިއުލާގައި ފިނޭންސުން ވަނީ ސަރުކާރުން ދޭ ހިލޭ އެހީގެ އިތުރުން ކައުންސިލަށް ވަންނަ އާމްދަނީ އާއި ހަރަދުތައް އެނގޭނެ މައުލޫމާތު ހިއްސާކުރަން އަންގާފަ އެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
ކައުންސިލުތަކުގެ ބަޖެޓުގެ ތެރޭގައި ބްލޮކް ގްރާންޓުގެ އިތުރުން  ކޮންޑިޝަނަލް ގްރާންޓާއި ކައުުންސިލުތަކުގެ ޓްރަސްޓް ފަންޑާއި ކައުންސިލުތަކަށް ލިބޭ އިތުރު އާމްދަނީ ހިމެނެ އެވެ. 
އަންނަ އަހަރަށް ބްލޮކް ގްރާންޓުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ މި އަހަރަށް ކަނޑައެޅި އަދަދާ ދާދި އެއްވަރު އަދަދެކެވެ. ޖުމްލަ އަދަދަށް ބަދަލެއް ނައި ނަމަވެސް އަތޮޅު ކައުންސިލުތައް އުވާލާފައި ވާތީ، މިދިޔަ އަހަރު ނެރުނު ސާކިއުލާގައި އަންދާޒާ ކުރި ވަރަށް ވުރެ ކައުންސިލުތަކަށް ލިބޭ އަދަދު ވަނީ އިތުރުވެފަ އެވެ.
ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރި އަދަދަށް ވުރެ މަދުން ލިބޭ ހަމައެކަނި ކައުންސިލަކީ އައްޑޫ ސިޓީ ކައުންސިލެވެ. ސަބަބަކީ އެންމެ ފަހުން ކައުންސިލުތައް އިންތިހާބުކުރިއިރު އެ ސިޓީ ކައުންސިލުގެ އިދާރީ ދާއިރާގެ ތެރެއިން ހުޅުދޫ އާއި މީދޫ ވަކިވެފައިވާތީ އެވެ. 
ބްލޮކް ގްރާންޓުގެ ގޮތުގައި ބަޖެޓުކުރާ އަދަދު ހިސާބުކުރަނީ އާމްދަނީގެ ގޮތުގައި ލިބޭ އަދަދުގެ ފަސް ޕަސެންޓާއި ރިސޯޓު ރަށްތަކުގެ ބިމު ކުލިން ލިބޭ 40 ޕަސެންޓު ހިމަނައިގެންނެވެ. އަދި މި ފައިސާ ކައުންސިލުތަކުގެ މެދުގައި ބަހަން ބޭނުންކުރާ ފޯމިއުލާގައި ބަލަނީ ރަށުގެ އާބާދީ އާއި ރަށުގެ ބޮޑުމިނާއި މާލެއާ ހުރި ދުރުމިނާއި އެލްޖީއޭއިން ދޭ ފާފޯމަންސް ރިވިއުއަށެވެ.
ބްލޮކް ގްރާންޓުގެ އަދަދަށް މާ ބޮޑު ބަދަލެއް ނާންނަނީ އަންނަ އަހަރު ދައުލަތުގެ އާމްދަނީ އާއި މި އަހަރު ލިބޭ އާމްދަނީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ފިނޭންސުން އަންދާޒާކުރާތީ އެވެ. އެކަމަކު، 2028 ގައި މި އަދަދު 2.6 ބިލިއަން ރުފިޔާ އަދި 2029 ގައި 2.7 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އެ މިނިސްޓްރީން އަންދާޒާކުރެ އެވެ.
ކައުންސިލުތަކާއި އޮފީސްތަކުގެ ބަޖެޓު މެދުރާސްތާގެ ބަޖެޓު ތައްޔާރުކުރަން ފިނޭންސުން ސާކިއުލާ ނެރެނީ ބަޖެޓަށް ތައްޔާރުވުމުގެ ގޮތުންނެވެ. ގާނޫނުގައި އޮންނަނީ ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ދައުލަތުގެ ބަޖެޓު ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ