އިންޑިއާގެ ގައުމީ އިމްތިހާނުތަކުގެ ތެރެއިން އެންމެ ބޮޑު އިމްތިހާން ކަމަށްވާ "ނީޓް" ގެ އިމްތިހާނުގެ ކަރުދާސް ލީކުވި މައްސަލައިގައި މުޅި އިންޑިއާގައި ކުރިއަށްދާ މުޒާހަރާތަކުން ހައްޔަރުކުރި 18 އަހަރުން ދަށުގެ ހުރިހާ ކުދިން ވަގުތުން ދޫކޮށްލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ހުރިހާ ސްޓޭޓް ސަރުކާރުތަކަށް މިއަދު އަމުރުކޮށްފި އެވެ.
މި ވަގުތީ އަމުރުގައިވާ ގޮތުން، ކުރިން ކުށުގެ އެއްވެސް ރެކޯޑެއް ނެތް 18 އަހަރުން ދަށުގެ ހުރިހާ ދަރިވަރުން ވަގުތުން މިނިވަން ކުރަންޖެހެ އެވެ. އަދި މުޒާހަރާގައި ބައިވެރިވި ދަރިވަރުންނާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުން މިހާރު ވަނީ މަނާކޮށްފަ އެވެ. ނަމަވެސް، ކުށުގެ ރެކޯޑް އޮންނަ މީހުންނާއި މުޖުތަމައުގެ އަމާންކަން ނަގާލަން އުޅޭ މީހުން މި އަމުރުން ވަނީ އިސްތިސްނާކޮށްފަ އެވެ. މީގެ އިތުރުން، ހައްޔަރުކުރި ދަރިވަރުންގެ ޒާތީ މައުލޫމާތާއި ޑިޖިޓަލް ޑޭޓާ އާންމުކުރުން ފުލުހުންނަށް ވަނީ މަނާކޮށްފަ އެވެ. އަދި މުޒާހަރާތަކުގެ ސީސީޓީވީ ފުޓޭޖާއި، ޑްރޯން ވީޑިއޯ އަދި ފުލުހުންގެ ބޮޑީކެމް ރެކޯޑިންތައް ހެކީގެ ގޮތުގައި ރައްކާތެރިކޮށް ބެލެހެއްޓުމަށް ވެސް ކޯޓުން ވަނީ އަންގައިފަ އެވެ.
އިމްތިހާނުތަކުގެ މައްސަލާގައި ފެށި މުޒާހަރާތައް ބޮޑުވެ، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން ވަނީ ޒުވާނުންގެ ޑިމާންޑަށް، މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
މުޒާހަރާގެ ބައިވެރިންގެ ވަކީލުން ކޯޓުގައި ބުނެފައިވަނީ، ފުލުހުން ދަރިވަރުންނާ ދެކޮޅަށް ރަބަރު ވަޒަނާއި އަނިޔާވެރި ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ބިހާރު ފަދަ ސްޓޭޓްތަކުގައި 13 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން ގާނޫނާ ހިލާފަށް ބަންދުގައި ބައިތިއްބާފައިވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
މި ހަމަަނުޖެހުންތަކުގައި ފުލުހުންގެ 200 އަށްވުރެ ގިނަ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ވެފައިވެ އެވެ.
ސުޕްރީމް ކޯޓުން މިހާރު ދަނީ މުޒާހަރާގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ރިޓަޔާޑް ފަނޑިޔާރެއްގެ ބެއްލެވުމުގެ ދަށުން ހާއްސަ އިންވެސްޓިގޭޝަން ޓީމެއް އުފެއްދުމަށް ތައްޔާރުވަމުންނެވެ.
އިންޑިއާގެ މުޒާހަރާއިން ހައްޔަރުކުރި ކުޑަކުދިން މިނިވަންކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ