ޗައިނާގެ އެންމެ ބޮޑު ޗިޕް ކުންފުނީގެ ހިއްސާގެ އަގު 470 އިންސައްތައަށް އުފުލިއްޖެ

ޗައިނާގެ އެންމެ ބޮޑު މެމަރީ ޗިޕް އުފައްދާ ކުންފުނި ޗޭންގްޝިން މެމަރީ ޓެކްނޮލޮޖީސް (ސީއެކްސްއެމްޓީ) ގެ ހިއްސާ ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު އޭގެ އަގު 470 އިންސައްތައަށް އުފުލި، ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަންހާއީ ސްޓޮކް އެކްސްޗޭންޖްގެ ސްޓާ މާކެޓްގައި ވިޔަފާރި ފެށި މި ކުންފުނީގެ މާކެޓް ވެލިއުއޭޝަން މިހާރު ވަނީ 3.3 ޓްރިލިއަން ޔުއާން (487 ބިލިއަން ޑޮލަރު) އަށް އަރާފައެވެ. މިއާއެކު ސީއެކްސްއެމްޓީ ވެފައިވަނީ މެއިންލޭންޑް ޗައިނާގައި ލިސްޓްކޮށްފައިވާ އެންމެ އަގުބޮޑު ކުންފުނީގެ ގޮތުގައެވެ. މިއީ 2026 ވަނަ އަހަރު އޭޝިޔާގައި ހިންގި އެންމެ ބޮޑު އައިޕީއޯއެވެ. ކުންފުނިން ވަނީ އައިޕީއޯ އަގެއްގެ ގޮތުގައި 8.66 ޔުއާން ކަނޑައަޅައިގެން 57.92 ބިލިއަން ޔުއާން (ގާތްގަނޑަކަށް 8.6 ބިލިއަން ޑޮލަރު) ހޯދާފައެވެ. އަދި ބާޒާރުގައި ހިއްސާގެ ވިޔަފާރި ފެށުނުއިރު އަގު އުޅުނީ 49.50 ޔުއާނުގައެވެ. https://sun.mv/223899 ޖުލައި 27 ވަނަ ދުވަހު ހިއްސާ ބާޒާރަށް ނެރުނުއިރު، ދުނިޔޭގެ ޓެކްނޮލޮޖީ ހިއްސާތަކުގެ އަގު ވެއްޓެމުންދާ ދަނޑިވަޅެއްގައި ސީއެކްސްއެމްޓީން މިފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ މެމަރީ ޗިޕްތަކަށް ދުނިޔޭގައި އޮތް ބޮޑު ޑިމާންޑްގެ ސަބުންނެވެ. ސީއެކްސްއެމްޓީ އަކީ 2016 ވަނަ އަހަރު ޗެއާމަން ޒޫ ޔީމިންގް އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނީގެ މައި މަރުކަޒު ޗައިނާގެ އިރުމަތީ އަންހުއީ ޕްރޮވިންސްގެ ހެފެއި ގައި ހުންނައިރު، މައިގަނޑު ގޮތެއްގައި އުފައްދަނީ އޭއައި ޑޭޓާ ސެންޓަރުތަކާއި، މޮބައިލް ފޯނާއި، ޕީސީ އަދި ޓެބްލެޓް ފަދަ ތަކެތީގައި ބޭނުންކުރާ ޑީރޭމް މެމަރީ ޗިޕްސްއެވެ. މިހާރު ސީއެކްސްއެމްޓީ އަކީ ދުނިޔޭގެ 4 ވަނައަށް އެންމެ ބޮޑު މެމަރީ ޗިޕް އުފައްދާ ކުންފުންޏެވެ. މި ދާއިރާއިން މި ކުންފުނީގެ ކުރީގައި އުޅެނީ ސެމްސަންގް، އެސްކޭ ހައިނިކްސް އަދި މައިކްރޮން ފަދަ މަޝްހޫރު ކުންފުނިތަކެވެ. ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި އައިޕީއޯ އިން ލިބުނު ފައިސާގެ ބޮޑު ބައެއް ބޭނުންކުރަން ހަމަޖެހިފައިވަނީ މެމަރީ ޗިޕް އުފައްދާ މިންވަރު އިތުރަށް ފުޅާކުރުމަށާއި، ދާއިރާގެ އިތުރު ދިރާސާތައް ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ