ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ދަރާފައިވާ އެއް ކުންފުނި ކަމަށްވާ ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގަމުންދާ ކޮރަޕްޝަމްގެ އަމަލުތައް ހުއްޓުވުމަށް އެ ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އަންގައިފި އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ 2021 އިން 2023 އަށް ފެނަކައިގެ އައްޑޫ ސިޓީ ބްރާންޗުން ހިންގި ޕްރޮޖެކްޓުތަކުގެ ހާއްސަ އޮޑިޓު ރިޕޯޓު ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކުރީ މިއަދުގެ މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުންނެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރަން އެންގުމުގެ އިތުރުން އެ ރިޕޯޓުގައި ވަނީ ފެނަކައިގެ ހިންގުމަށް ވެސް ބަދަލުތަކެއް ގެނައުމަށް އަންގާފަ އެވެ. އެގޮތުން، އެ ކުންފުންޏަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދު ދެނަގަނެ، އާ އޮނިގަނޑެއް އެކުލަވާލައި 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.
ފެނަކައަށް ހޯދާ މުދަލާއި ހިދުމަތް ހޯދާއިރު އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އާއިލީ މަސްލަހަތު އެކުލެވޭ ވިޔަފާރިތަކުން މުދަލާއި ހިދުމަތް ނުހޯދޭނެ ގޮތަށް ޕްރޮކިއުމަންޓު ޕޮލިސީ އިސްލާހުކުރުމަށް ވަނީ އަންގާފަ އެވެ. އެ ކަމަށް ދީފައިވަނީ 45 ދުވަހުގެ މުއްދަތެކެވެ.
އޭގެ އިތުރުން، ފެނަކައިގެ އިންޓާނަލް ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ތައް 45 ދުވަހުގެ ތެރޭގައި އިސްލާހުކޮށް މަޖިލީހަށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.
ޕެޓި ކޭޝް ގަވާއިދު ވެސް ހަރަދުނާކޮށް އިސްލާހުކުރުމަށް ފަހު 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ. ފެނަކައިގެ ކޮންމެ ބްރާންޗަކަށް އެކައުންޓެއް ހުޅުވުމަށް ވެސް ވަނީ އަންގާފަ އެވެ.
މި ފިޔަވަޅުތައް އަޅަން މަޖިލީހުން އަންގާފައި މިވަނީ ފެނަކައިން އައްޑޫ ސިޓީގައި ހިންގި ހަތަރު ޕްރޮޖެކްޓެއްގައި އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ގޮތަށް އަމަލުކޮށްފައިވާކަން އޮޑިޓުން ހާމަވުމުންނެވެ.
އޮޑިޓު އޮފީހުން ބުނި ގޮތުގައި މިއިން އެއްވެސް ޕްރޮޖެކްޓެއް މިހާތަނަށް ނިމިފައި ނުވާއިރު، 2024 ވަނަ އަހަރުގެ ނިޔަލަށް އެ ޕްރޮޖެކްޓުތަކަށް 117 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. އަދި މި ޕްރޮޖެކްޓުތައް ނިންމަން 68 މިލިއަން ރުފިޔާ އިތުރަށް ހަރަދު ވެގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޮޑިޓަރުން ބުނެފައިވެ އެވެ.
މި ހަތަރު ޕްރޮޖެކްޓު ހިންގުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާއިރު، ވައްކަމަށް ތުހުމަތުކުރެވޭ އެތައް ކަމަކާއި އަގު ބޮޑުކޮށް މުދާ ގަތުމުގެ ކަންކަން ވެސް ހިންގާފައިވެ އެވެ. އަދި ބައެއް ތަކެތި އަގު ބޮޑުކޮށް ކުއްޔަށް ނެގުމަށް ފަހު، އެއްވެސް ވަރަކަށް ބޭނުންކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން މި ޕްރޮޖެކްޓުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާއިރު، މިކަން ކުރީ ޕްރޮޖެކްޓުތަކަށް ބޭނުންވާނެ އިންސާނީ ވަސީލަތްތަކުގެ މިންވަރު ބެލުމެއް ނެތި، ފެނަކައިގެ މުވައްޒަފުންގެ ގަވާއިދާއި ހިއުމަން ރިސޯސް އެސްއޯޕީއާ ހިލާފަށް ކަމަށް ވެސް އޮޑިޓަރުން ބުނެފައިވެ އެވެ.
ފެނަކައަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަނެ، ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޖިލީހުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ