ފާމަސިސްޓުން ތަމްރީންކުރަން އެމްއެންޔޫއާ އެކު މަޝްވަރާކޮށްފި

ދިވެހި ފާމަސިސްޓުން ތަމްރީންކުރަން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) އިން މޯލްޑިވިސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އާ އެކު މިއަދު މަޝްވަރާކޮށްފި އެވެ.
ސްޓޭޓްފާމާ އިން މިދިޔަ މަހު ވަނީ 30 އަށްވުރެ ގިނަ ފާމަސިސްޓުން ހޯދަން އިއުލާނުކޮށްފަ އެވެ. އެ ކުންފުނިން ބުނީ މި ދާއިރާގައި ތަމްރީން ލިބިފައި ތިބި ދިވެހިން މަދުކަން މިކަމުން ފާހަގަވި ކަމަށެވެ.
ސްޓޭޓްފާމާއިން ވަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު އެންޑް ސައިންސްގެ ބޭފުޅުންނާ ބައްދަލުކޮށް، އެ ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށް ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.
އެ ބައްދަލުވުމަށްފަހު ސްޓޭޓްފާމާއިން ބުނީ މިހާރު ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފާމަސިސްޓުންނަށް ރިފްރެޝާ ކޯސް ހިންގަން ވެސް ނިންމާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ސްޓޭޓްފާމާގެ އިސް ބޭފުޅުންގެ އިތުރުން އެމްއެންޔޫގެ ފެކަލްޓީ އޮފް ސައިންގެ އިސް ބޭފުޅުން ވެސް ބައިވެރިވި އެވެ.
އެސްޓީއޯ އިން ހިންގަމުންދިޔަ ފާމަސީތައް މި މަހު އެއްވަނަ ދުވަހުން ފެށިގެން ހިންގަމުން އަންނަނީ ސްޓޭޓްފާމާގެ ދަށުންނެވެ.
ރާއްޖެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް މީގެ ކުރިން ގެންނަމުން އައީ އެސްޓީއޯއިން ނަމަވެސް ސްޓޭޓްފާމާ އުފެއްދީ މިހާރު ކުރިމަތިވެފައިވާ، ބޭސް ނުލިބުމުގެ މައްސަަލައަށް ހައްލު ހޯދައި މިހާރަށް ވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން އެ މަސައްކަތް ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ