މާވެލްގެ އާ 'ބްލެކް ޕެންތާ' އަކީ ޑޭވިޑް ޖޯންސަން
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިސް "ބްލެކް ޕެންތާ"ގެ ތިން ވަނަ ބައި އިއުލާނުކޮށް އެ ފިލްމުން 'ބްލެކް ޕެންތާ'ގެ ގޮތުގައި ފެންނާނެ އެކްޓަރު ޑޭވިޑް ޖޯންސަން ބެލުންތެރިންނަށް ތައާރަފްކޮށްފިއެވެ. މިކަން މާލެވް ސްޓޫޑިއޯސްއިން އިއުލާންކުރީ މާވެލް ކޮމިކް-ކޮންގައެވެ. މި ފްރެންޗައިސްގެ ތިން ވަނަ ބައި އިއުލާނުކުރަމުން އެ ސްޓޫޑިއޯއިން ބުނީ "ބްލެކް ޕެންތާ 3" ބެލުންތެރިންނަށް ގެނެސްދޭނީ ޑިސެމްބަރު 15، 2028ގައި ކަމަށެވެ. ބެލުންތެރިންނަށް ތައާރަފްކޮށްދިން އާ 'ބްލެކް ޕެންތާ' ޑޭވިޑް ޖޯންސަން ކުޅޭނީ، ކުރީގެ ބްލެކް ޕެންތާ (ޗެޑްވިކް)ގެ ދަރިފުޅު ޕްރިންސް "ޓީ'ޗާލާ ޓޫ"ގެ ކެރެކްޓާއެވެ. މި ކެރެކްޓާ އަކީ، 2022 ގައި ރިލީޒްކުރި ފިލްމުގެ ދެވަނަ ބައި ކަމަށްވާ "ބްލެކް ޕެންތާ؛ ވަކަންޑާ ފޯއެވާ"ގައި ތައާރަފްކުރި ކެރެކްޓާއެކެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ޑޭވިޑް ޖޯންސަންގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭ، "އޭލިއަން: ރޮމިއުލަސް" އާއި "ދަ ލޯންގް ވޯކް" އަދި "އިންޑަސްޓްރީ" ފަދަ މަޝްހޫރު ފިލްމުތަކާއި ސީރީޒްތައް ހިމެނެއެވެ. ފިލްމު "ބްލެކް ޕެންތާ" ފްރެންޗައިސްގެ ތިން ވަނަ ބައި ވެސް ޑައިރެކްޓްކުރާނީ ފުރަތަމަ ދެ ބައި ވެސް ޑައިރެކްޓްކުރި ރަޔަން ކޫގްލާއެވެ. ފިލްމު "ބްލެކް ޕެންތާ 3"ގެ ޑައިރެކްޓަރު ރިއާން ކޫގްލާ އަދި ފިލްމުގެ ކާސްޓުގައި ހިމެނޭ ލަތީޝާ، ޑޭވިޑް ޖޯންސަން އަދި ވިންސްޓަން ޑޫކް--ފޮޓޯ/ޕީޕްލް މި ފިލްމުގެ އާ 'ބްލެކް ޕެންތާ'ގެ ކެރެކްޓާ ކުޅެން ލިބުނު ފުރުސަތާ ގުޅޭގޮތުން ވާހަކަދައްކަމުން ޑޭވިޑް ބުނީ، ކުރީގެ އެކްޓަރު ޗެޑްވިކް ކުޅުނު އެ ކެރެކްޓާ އަކީ ވަރަށް ގިނަ ބައެއްގެ ހިތުން ހާއްސަ ޖާގައެއް ހޯދި ބެލުންތެރިން ވަރަށް އިހުތިރާމްކުރާ ކެރެކްޓާއެއް ކަމަށެވެ. އެހެންވެ އޭނާއަށް އެ ރޯލް ކުޅެން ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ޑޭވިޑް ވަނީ ބުނެފައެވެ. ވަރަށް ގިނަ ބައެއްގެ ލޯބި ހޯދި ކުރީގެ އެކްޓަރު ޗެޑްވިކް ކެންސަރު ބަލީގައި މަރުވީ އެ ފްރެންޗައިސްގެ ދެވަނަ ބައި ކުޅެން ހަމަޖެހިފައިވަނިކޮށެވެ. ޗެޑްވިކް މަރުވުމާ ގުޅިގެން 2022ގައި "ވަކަންޑާ ފޮރެވާ" ނެރުނީ ފިލްމުގެ ވާހަކައަށް ބޮޑެތި ބަދަލުތައް ގެނައުމަށްފަހުއެވެ. ފިލްމު "ބްލެކް ޕެންތާ" އެންމެ ފުރަތަމަ ރިލީޒްކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގައި 1.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުނުއިރު، މި ފިލްމަކީ އޮސްކާގެ ހަތް ނޮމިނޭޝަނެއް ލިބުނު ފުރަތަމަ ސުޕަހީރޯ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ