ދައުލަތުގެ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން ނިންމާފައިވަނީ މި އަހަރު ބޭއްވި އިންތިހާބުތަކުން ސަރުކާރު ބަލިވުމުން އޭގެ އަދަބެއްގެ ގޮތުގައި ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
ޖުލައި 13، ގައި ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ތިން މަސްދުވަހުގެ ތެރޭގައި އެސްއޯއީތަކުން 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން އަންގާފަ އެވެ. މަޖިލީހުަގައި މިއަދު ބަހުސް ކުރަމުން ދަނީ މުވައްޒަފުން ވަކިކުރުމުގެ ނަމުގައި ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ގަރާރަކަށެވެ.
އެ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ފިއްޓޭ ވަނީ ކުންފުނިތަކުގައި އެކަށީގެންނުވާ މިންވަރަށް މުވައްޒަފުން ތިބި ކަމަށް ވިދާޅުވެފަ އެވެ. އޭނާގެ ދާއިރާގައި ވެސް މި ސަރުކާރުން އައުމަށްފަހު އެތަކެއް ވަޒީފާތަކެއް އުފެއްދި ކަމަށް ފިއްޓޭ ވިދާޅުވި އެވެ.
"ފެނަކަ، އެންމެ ބަނގުރޫޓުވެފައި އޮތް ކުންފުނި، އެ ކުންފުންޏަށް ނެގި މީހުން މާ ގިނަ، އެ އިންތިހާބު އޮތީމާއި ވަޒީފައަށް މީހުން ނަގާފައި މިއަދު މުސާރަ ދެވޭނެ ގޮތެއް ނެތިގެން [ވަކިކުރަނީ]،" ފިއްޓޭ ވިދާޅުވި އެވެ.
މިފަދަ ކަންކަން ސަރުކާރުން ކުރަމުންދަނީ މޮޅު ނަމެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، މިފަހަރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަށް ބޭނުންކުރަމުންދާ ނަމަކީ 'ރައިޓް ސައިޒް' ކުރުން ކަމަށް ފިއްޓޭ ވިދާޅުވި އެވެ.
"ޑޮލަރު ނުލިބިގެން އަހަން ފެށީމާ ބުނީ ޑޮލަރު އަގުބޮޑެއް ނުވެޔޭ. ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ދަށަށް އެބަދެޔޭ ބުނީމާ ވާހަކަ ކިޔާ މީހާ ބުނީ ދަނީކީ ނޫނޭ، އެހެން ގައުމުތައް މައްޗަށް އަރަނީއޭ. ނަތީޖާ އެކައްޗެކޭ،" ފިއްޓޭ ވިދާޅުވި އެވެ.
އެތައް ހާސް ދިވެހިންނެއް ވަޒީފާ ގެއްލެން މެދުވެރިވަނީ ސަރުކާރުތަކުން ކޮށްފައިވާ ކަންކަމުގެ ސަބަބުން ކަމަށާއި އެކަމުގެ ބުރަ އުފުލަން ޖެހެނީ ރައްޔިތުން ކަމަށް ފިއްޓޭ ވިދާޅުވި އެވެ. ރައްޔިތުންގެ ހައްގުގައި މެންބަރުން ވަކާލާތުނުކުރާ ކަމަށް ވިދާޅުވެ ފިއްޓޭ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މި އަހަރު ބޭއްވި ކައުންސިލް އިންތިހާބާއި ރެފަރެންޑަމާ ދިމާކޮށް އެތައް ސަތޭކަ ބަޔަކަށް މި ސަރުކާރުން ވަޒީފާ ބެހި އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ލިބުނީ ހަމައެކަނި ލިޔުމެކެވެ. އެ ދެ އިންތިހާބުން ވެސް ސަރުކާރު ވީ ބައްޔެވެ.
އެޕްރީލް މަހު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ކުންފުނިތަކުގައި 42،000 އަށް ވުރެ ގިނަ މުވައްޒަފުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 33 ޕަސެންޓު މުވައްޒަފުން ވަކިކުރުމުން 13،800 އަށްވުރެ ގިނަ މުވައްޒަފުން މަގުމަތިވާނެ އެވެ.
ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އިންތިހާބުން ބަލިވުމުން އަދަބެއްގެ ގޮތުގައި: ފިއްޓޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ