މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް އިނގިރޭސިވިލާތުން ދިވެހި ސަރުކާރަށް ގޮވާލައިފި މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް އިނގިރޭސިވިލާތުން ދިވެހި ސަރުކާރަށް ގޮވާލައިފި

މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވާފައިވަނިކޮށް، މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް އިނގިރޭސިވިލާތުން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގެ މުހިންމު އަސާސެއް ކަމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.
މިހެން ބުނެ އެ ގައުމުގެ ހައިކޮމިޝަނުން ރިއާޔަތްކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަމޯއާގައި ބޭއްވި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ބައްދަލުވުމަށެވެ.
އެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ މިނިވަންކަން ނެގެހެއްޓުމަށް މެންބަރު ގައުމުތަކުން އެއްބަސްވެ އަހުދުވި އެވެ. ރާއްޖޭގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް އެވެ.
އެކަމަށް ރިއާޔަތްކޮށް ޔޫކޭ އެމްބަސީން މިއަދު ވަނީ އެ ދުވަހު ވީ އެއްބަސްވުމަށް ގަދަރުކޮށް މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް، ރާއްޖެ ހިމެނޭހެން ކޮމަންވެލްތުގެ ހުރިހާ ގައުމަކަށް ގޮވާލާ ކަމަށް ބުނެފަ އެވެ.
މުއިއްޒު އިއްޔެ ތަސްދީގުކުރެއްވި ގާނޫނު މަޖިލީހުން ފާސްކުރީ އަންގާރަ ދުވަހު އިރުއޮއްސުނު ވަގުތު އެވެ. މަޖިލީހުން އެ ބިލު ފާސްކުރުމާއެކު މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް މިއަދު މަޖިލީހުން ބިލެއްް ފާސް ކުރުމުން، ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ވަނީ ގޮވާލާފަ އެވެ.
"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިން ހިމެނޭ ގޮތަށް އެންމެނަށް ލިބިދިނުމަށް އެމެރިކާއިން ތާއީދު ކުރާނެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ގައުމަކަށް ވެސް އަޅުގަނޑުމެން ގޮވާލަނީ ތަފާތު އަދި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެ ބިލު ފާސް ކުރުމުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި މިނިވަން ހިޔާލާއި ނޫސްވެރިކަމުގެ ހައްގު ނުހިފަހައްޓަން ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީއިން ވެސް ވަނީ ގޮވާލައިފަ އެވެ.
ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން މި ނޫހުގެ ލީވާން އަލީ ނާސިރު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. ވީނުވީ ތަނެއް ނާންގައި ބެހެއްޓުމަށްފަހު ފުލުހުން އޭނާ ދޫކޮށްލީ ގަޑިއިރުތަކެއް ފަހުންނެވެ.
ފުލުހުން ވަނީ އެއްވި އާންމުންނާއި ނޫސްވެރިންނަށް އަނިޔާވެރިކޮށް އަމަލުކޮށްފަ އެވެ. ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން ފުލުހުން އެރި އެވެ. ފުލުހުން އަމަލު ކުރި ގޮތުން ބައެއް ނޫސްވެރިންގެ ގައިން ވަނީ ލޭ އައިސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ