ނިންމުންތަކުގައި ހުރިހާ ދިވެހީންގެ އަޑު އަހައި، ބައިވެރިކުރުން މުހިންމު: ރައީސް
ޑިމޮކްރަސީ ދުވަހާ ގުޅިގެން، ނިންމުންތައް ނިންމުމުގައި ހުރިހާ ދިވެހީންގެ އަޑުތައް އަހައި، އެންމެން ބައިވެރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ. މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން އަންހެނުންނާއި ޒުވާނުންގެ ދައުރު ފުޅާކޮށް، އެކި ކަހަލަ ނިންމުންތައް ނިންމުމުގައި ހުރިހާ ދިވެހީންގެ އަޑުތައް އަހަންޖެހޭ ކަމަށް ރައީސް މިއަދު އެކްސްގައި ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. އިޒްރޭލުން ގަތަރަށް ދިން ހަމަލާއާ ގުޅިގެން، އަރަބި އަދި މުސްލިމް ލީޑަރުން ބާއްވަވާ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މި ވަގުތު ޤަތަރުގައި ހުންނެވި ރައީސް މުއިއްޒުގެ އެ ޕޯސްޓުގައި ވަނީ، މިއަދު ޑިމޮކްރަސީގެ އަސާސްތަކާ މެދު ވިސްނާއިރު، ދުނިޔޭގައި ހައްގު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކާއެކު ތިބިކަން ހާމަކުރައްވައިފައެވެ. ވަކިން ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިހުންނެވިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. https://x.com/MMuizzu/status/1967455033496367236 "އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ކުރާ މަސައްކަތުގައި ދެމިތިބެން ޖެހޭ، ހުރިހާ ހިސާބަކުން ނިންމާ ނިންމުންތަކުގައި ވެސް ހުރިހާ ދިވެހީންގެ އަޑުއަހާނެކަން ޔަގީންކުރަންޖެހޭ،" އެ މަނިކުފާނު ލިޔުއްވާފައިވެއެވެ. ރައީސް މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގައި މި ވަގުތު، ފެންނަ ނުފެންނަ ވޯޓުގެ ބިލުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބިލުގެ ރިޕޯޓު ފާސްކޮށް، ބިލު ފާސްކުރަން ތަޅުމަށް ހުށަހަޅައިފައެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބިލު ހުށަހެޅުއްވި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ފާހަގަކުރައްވާފައި ވަނީ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އާންމު ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ. އާއްމު ވޯޓު ނެގޭނެ ކަންކަން ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަން ގައުމީ މުހިންމު މައްސަލަތައް ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ މާއްދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ރިޔާސަތުގެ ދައުރު ރައީސުލްޖުމްޙޫރިއްޔާ އިންތިޚާބުކުރާ ގޮތް ރައީސުލްޖުމްޙޫރިއްޔާ ބިލު ތަސްދީގުކުރުން ދިވެހިރާއްޖޭގެ ސަރަހައްދު އެ ބިލުގައި ވަނީ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްޙޫރިއްޔާ ތަސްދީގުނުކުރާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް ވެސް އާއްމު ވޯޓެއް ނެގޭނެ ކަމަށް ބަޔާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ