ގްރީން ޓެެކްސް އާމްދަނީ ދެ ގުނަ އިތުރުވެއްޖެ ގްރީން ޓެެކްސް އާމްދަނީ ދެ ގުނަ އިތުރުވެއްޖެ

ޓޫރިސްޓުން ހޭދަކުރާ ކޮންމެ ރެއަކަށް ނަގާ ގްރީން ޓެކްސް ރޭޓުތައް ބޮޑުކުރުމާއެކީ، ގްރީން ޓެކްސްގެ ގޮތުގައި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ކުރީ އަހަރާ އަޅާބަލާއިރު ދެ ގުނަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު 33 ހަފުތާގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 720 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ މި މުއްދަތުގެ ތެރޭގައި އެ އަދަދު ވަނީ 1.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ މިދިޔަ އަހަރުގެ ތެރޭގައި ޓޫރިޒަމް ގާނޫނު ބަދަލުކޮށްގެން ގްރީން ޓެކްސް ރޭޓުތައް ބޮޑުކުރުމެވެ.
އެ ގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން ރިސޯޓުތަކާއި ހޮޓާތަކާއި 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުންނަ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ނެގި ހަ ޑޮލަރު ވަނީ 12 ޑޮލަރަށް ބޮޑުކޮށްފަ އެވެ. އަދި، 50 ކޮޓަރިއަށް ވުރެ މަދު ހޮޓާތަކާއި ގެސްޓުހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ރެއަކަށް ދައްކަން ޖެހޭ ވަރު ތިން ޑޮލަރުން ހަ ޑޮލަރަށް ބޮޑުކޮށްފަ އެވެ.
ގްރީން ޓެކްސް އިތުރުވީ އަނެއް ސަބަބަކީ ޓޫރިސްޓުން އަންނަ އަދަދު އިތުރުވުމެވެ. ޓޫރިޒަމް މިނިސްޓްރީން ނެެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ދޮޅު މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފި އެވެ.
ގްރީން ޓެކްސް ނަގަނީ ތިމާވެށި ހިމާޔަތްކުރަން ހިންގާ މަޝްރޫއުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވާން ހިންގާ މަޝްރޫއުތަކަށް ހަރަދުކުރުމަށެވެ. މި ޓެކްސް ޖަމާކުރަނީ "މޯލްޑިވްސް ގްރީން ފަންޑް" އަށެވެ.
ސަރުކާރުން އެންމެ ފަހުން އާންމުކޮށްފައިވާ ގްރީން ފަންޑު ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު މި ފަންޑުގައި 1.6 ބިލިއަން ރުފިޔާ ހުއްޓެވެ. މި ފަންޑުން މައިގަނޑު ގޮތެއްގައި ހަރަދުކުރަމުން އަންނަނީ ގޮނޑުދޮށް ހިމާޔަތްކުރުމަށާއި ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމަށާއި ވޭސްޓު މެނޭޖުމަންޓު ސެންޓަރުތައް އެޅުމަށެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މި ރިޕޯޓުތައް ޝާއިއުކުރުން ހުއްޓާލާފަ އެވެ. މިހެން ކަމުން މި އަހަރުގެ ތެރޭގައި މި ފަންޑަށް ޖަމާކުރި ފައިސާ އާއި ފަންޑުން ހަރަދުކުރި ގޮތާއި ހަރަދުކުރީ ކޮން މަޝްރޫއުތަކަކަށް ކަމެއް އަދި ފަންޑުގައި މިހާރު ހުރީ ކިހާ ފައިސާއެއް ކަމެއް ނޭނގެ އެވެ.
މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައި ވަނީ ގްރީން ޓެކްސްގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ނަމަވެސް ފަންޑުގެ ބާކީ ހިސާބު ކުރަނީ ފަންޑުން ކުރާ ހަރަދު ކަނޑާފައި ކަމުގައި ވާތީ، އަހަރު ނިމޭއިރު ފަންޑުގައި ހުންނާނެ ވަރެއް ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ