ހާފިޒުންނަށް ރައީސްގެ މެޑަލް ދޭނީ ރޯދަމަހު އޮންނަ ޖަލްސާގައި

ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ރައީސް ދެއްވާ މެޑެއްޔާއި އިނާމު ހަވާލުކުރާނީ ރޯދަ މަހުގެ 27 ވިލޭރޭ ބާއްވާ ޖަލްސާގައި ކަމަށް ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީގައި މިދިޔަ މާޗު މަހު ބޭއްވި ހާއްސަ ރަސްމިޔާތެއްގައި 24 ހާފިޒަކަށް، ހާފިޒުކަމުގެ ސަނަދު އިސްލާމިކް މިނިސްޓްރީން ވަނީ ދީފަ އެވެ.
ހާފިޒުންނަށް ރައީސް ދެއްވާ މެޑެއްޔާއި އިނާމު މިދިޔަ އަހަރު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގަ އެވެ.
ތަފްސީލް - ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، ހާފިޒުންނަށް ރައީސް ދެއްވާ މެޑެއްޔާއި އިނާމު ރޯދަމަހުގެ 27 ވިލޭރޭ ދޭ ގޮތަށް ހަމަޖެއްސެވީ:
ހާފިޒުންނަށް ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ރަސްމީކޮށް ސަނަދު ކުރަމުން ގެންދާނީ ރޯދަމަހުގެ 27 ވިލޭރޭ އިސްލާމިކް މިނިސްޓްރީން ބާއްވާ ޖަލްސާގައި ކަމަށްވާތީ 
އެ ހާފިޒުންނަށް ރައީސް ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން އެންމެ އެކަށީގެންވަނީ ވެސް އެ ޖަލްސާގައި ކަމަށްވާތީ
އެނގުން މުހިންމު - ރާއްޖޭގައި އިސްލާމީ މަރުކަޒު ހުރި ކޮންމެ ރަށެއްގައި ހާފިޒުން ބިނާ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެހެން ރަށްރަށުގައި ވެސް މިސްކިތްތަކުގައި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވެ އެވެ. ގުރުއާން ހިތުދަސްކޮށްދިނުމަށް ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ހިންގާ ކްލާސްތަކަށް ސަރުކާރުން މާލީ ގޮތުންނާއި އެހެން ގޮތް ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އަމާޒަކީ އަހަރަކު 100 ހާފިޒުން ދަސްވެނިވާ ވަރަށް ހާފިޒުން ބިނާ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ