މަޖިލީހުން ހިތުހުރި ގޮތަކަށް އަމަލުކުރާ ކަމަށް ވިދާޅުވެ, އެމްޑީޕީ ތިން މެންބަރުން ޓައީ ބާލައިފި
ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިސް ހިންގަމުން އަންނަނީ އުސޫލުން ބޭރުން ކަމަށް ވިދާޅުވެ, އެކަމާ ދެކޮޅަށް އިހުތިޖާޖެއް ކުރެއްވުމުގެ ގޮތުން އިދިކޮޅު އެމްޑީޕީގެ ތިން މެންބަރަކު ޓައީ ނާޅައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފިއެވެ. ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ޓައީ ނާޅުއްވައި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ, ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ކުޑޫ)ގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. އާއްމުކޮށް މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާތަކުގައި ފިރިހެން މެންބަރުން ތިއްބަވަނީ ބެގީކޮށް, ޓައީ އަޅުއްވައިގެންނެވެ. ރިޔާސަތުގައި އިންނަވާ ބޭފުޅަކު ކޯޓް ތުރުކުރައްވައެވެ. އަދި, ބައެއް މެންބަރުން ވެސް ކޯޓުކޮޅުގައި ޖަލްސާއަށް ވަޑައިގަންނަވައެވެ. މެންބަރު މައުރޫފް ޒާކިރު, މިއަދު ޖަލްސާގައި: ޓައީ ނޭޅުއްވީ އިހުތިޖާޖު ކުރުމަށް-- ފޮޓޯ: މަޖިލިސް ޓައީ ނާޅުއްވައި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ސަބަބާ ގުޅޭގޮތުން މެންބަރު ކުޑޫއާ "ސަން"އިން ސުވާލުކުރުމުން ވިދާޅުވީ, ރިޔާސަތުން މަޖިލިސް ހިންގަމުން ގެންދަވަނީ ހިތުހުރި ގޮތަކަށް ކަމަށެވެ. ޓައީ ނޭޅުއްވީ އެކަމާ އިހުތިޖާޖު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަރު މައުރޫފް ވެސް "ސަން"އަށް ވިދާޅުވީ, މަޖިލީހުގެ ގަވާއިދަށް ރިޔާސަތުން އަމަލުނުކުރައްވާތީ އެކަމާ އިހުތިޖާޖު ކުރައްވަން ޓައީ ނޭޅުއްވީ ކަމަށެވެ. މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަވަމުން މެންބަރު ފިއްޓޭ ވިދާޅުވީ, ޓައީ އަޅުއްވައިގެން މަޖިލީހުގެ ކަރާމާތް ހިފެހެެއްޓޭ ކަމަށް ވާނަމަ, އޭނާއަށް ވުރެ ދިގު ޓައީއެއް އޭނާ އަޅުއްވާނެ ކަމަށެވެ. "ބެގީ ވެސް މޭކަށިގަނޑަށް ވުރެން އެންމެ އިންޗިއެއް ވެސް ދިރިއަކަށް ނުބަހައްޓާނަން. އެއީ [ކަރާމާތަކީ] ޓައީ އަޅައިގެން ވާ ކަމެއް ނޫން އިއްޒަތްތެރި ރައީސް," ފިއްޓޭ ވިދާޅުވިއެވެ. "ރައީސަށް ވެސް މަޖިލީހުގެ ބައެއް މާއްދާތަން އެބައިން. 83 ވަނަ މާއްދާގައި އިންނާނެ ވަޒީރުން 14 ދުވަސް ތެރޭގައި މިތަނަށް ހާޒިރުކުރަން ޖެހޭނެއޭ. އެކަން ވެސް ރައީސް ކޮށްލާފައި. ދެން އަޅުގަނޑުމެން ގަވާއިދަށް ފެއްތީމާ ވަރަށް ރަނގަޅަށް ހުންނާނީ،" ޓައީ ނާޅުއްވައި މެންބަރުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި, އެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، މަޖިލީހުގެ ޖަލްސާއަކީ ރަސްމީ ގަޑިއެއް ކަމަށާއި އެ ގަޑީގައި ވަޑައިގަންނަވަން ވާނީ ރަސްމީ ހެދުމުގައި ޓައީ އަޅުއްވައިގެން ކަމަށެވެ. "ބައެއް މެންބަރުން ޓައީ ނާޅާ ތިއްބެވީމާ. އެހެން ނަހައްދަވާށޭ، އިއްޒަތާއި ގަދަރާއި ކަރާމާތް ހިފެހެއްޓުމަކީ މެންބަރުންގެ މައްޗަށް ލާޒިމުކަމެކޭ. މިހާތަނަށް އަމަލުކުރަމުން އައި އުސޫލު، އެހެންވީމާ ރަސްމީކޮށް އައުމަކީ އެދޭކަމެއް," މަޖިލިސް ރައީސް ވިދާޅުވިއެވެ. https://www.sun.mv/211282 މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު އޭގެ ތެރެއިން އެމްޑީޕީގެ މެންބަރުންގެ އަދަދަކީ އެންމެ 12 އެވެ. ފުރިހަމަ މެޖޯރިޓީ އޮތީ ސަރުކާރުގެ އަތްމަތީގައެވެ. އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުމަކީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެ އިދާރާ ނުހިންގުމެވެ. އެގޮތުން، މެންބަރަކު ވަޒީރަކަށް ސުވާލެއް ފޮނުއްވާތާ 14 ދުވަސް ތެރޭގައި ޖަވާބު ދެއްވަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮތްނަމަވެސް އެމްޑީޕީގެ މެންބަރުން ފޮނުއްވާ ސުވާލު ތަކަށް ވަޒީރުން ޖަވާބު ނުދެއްވާ ކަމަށް އެ މެންބަރުން ވިދާޅުވެއެވެ. އަދި އެކަން އެގޮތަށް ހިނގާއިރު މަޖިލީހުން އެކަން ނުބައްލަވާތީ ވެސް އެ މެންބަރުން ކަންބޮޑުވުން ފާޅު ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ