ރައްޔިތުން އެކި މީހުންނާ ހަވާލުކުރީ އެކި ކަންކަމެވެ. ދައުލަތުގެ އެންމެ ބޮޑެތި މަގާމުތަކާ ހަވާލުވާ ނަމަ މާތްﷲ ގަންދީ ހުވާކޮށްފަ އެވެ. ބޮޑު މުސާރަ އާއި އިނާޔަތްތައް ދީގެންނެވެ.
ރައްޔިތުންގެ ހައްގުގައި، އަނެއް ބަޔަކު ޒިންމާތަކާ ހަވާލުވަނީ، ހުވައެއް ނެތަސް، ދައުލަތުން މުސާރައެއް ނުދިނަސް، ގައުމުގެ ކަންކަން ހަމަ މަގުގައި ބެހެއްޓޭތޯ ބަލާށެވެ. އެ އަޒުމްގަ އެވެ. ނޫސްވެރިންނަކީ އޭގެ ބައެކެވެ. ނޫސްވެރިކަމަކީ އޭގެ މުހިންމު ގުނަވަނެކެވެ.
ހުރިހާ ކަމެއްގައި ރައްޔިތުން އަމަލީ ގޮތުން ބައިވެރިއެއް ނުވާނެ އެވެ. އެކަމަކު ހުރިހާ ކަމެއްގައި ރައްޔިތުންނަށް މަގު ދައްކައިދީ، ކަންކަން އޮޅުންފިލުވައިދީ، ހައްގުތައް ކަށަވަރުކޮށްދީ، ގެއްލޭ ހައްގުތައް ހޯދައިދޭން އަޑުއުފުލާ ހަދާނެ ބަޔަކު ތިބޭނެ އެވެ.
ރާއްޖޭގެ ނޫސްވެރިކަން 2004ގެ މެދުތެރެއިން ފެށިގެން ވަރަށް ބޮޑަށް ހުޅުވުނެވެ. ގާނޫނުއަސާސީގެ 27 އާއި 28 ވަަނަ މާއްދާ ހާއްސަކޮށްފައި ވަނީ އެ ހައްގު ކަށަވަރުކޮށްދޭށެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ވެސް އަދި ސަރުކާރަށް ވެސް ސަމާސާއަކަށް ހެދޭނެ ފަދަ ހައްގެއް ނޫންމެ އެވެ.
އެކަމަކު މިއަދު ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުން މަސައްކަތް އެކުރަނީ، ރައްޔިތުންނަށް ވަރަށް ބޮޑަށް ކަންކަން އޮޅުވާލައިފައި، އެ މިނިވަންކަމަށް ހުރަސް އަޅާށެވެ. ސަރުކާރާއި ސަރުކާރުގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން (މި އެކްޓިވިސްޓުން ކައިބޮއި އުޅެނީ ދޮގު މައްޗަށް ދޮގުހަދައިގެންނެވެ.)ގެ އިތުރުން ޕީއެންސީ މެމްބަރުންގެ އެންމެ ގަދަ އަޑަކީ އަބުރެވެ. ފިތުނަފަސާދަ އުފެއްދުން ހުއްޓުވުމެވެ.
އެކަމަކު ހަގީގަތަކީ ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ ކޮރަޕްޝަންގެ އަމަލްތަކާ ބެހޭ ގޮތުން މީޑިއާއިން ދޭ ކަވަރޭޖް ހުއްޓުވާލުމެވެ. ނޫސްވެރިންނަށް ބިރު ދެއްކުމެވެ. ބައެއް ހަގީގަތްތަކާ މެދު އެއްޗެކޭ ބުނަން ޖެހިލުންކޮށް، ހިމޭންކޮށްލުމެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލާ މެދު ސަރުކާރާއި ސަރުކާރުގެ ސަޕޯޓަރުން ކުރިއަށް ގެންދާ އަބުރާ ބެހުމާއި މުޖުތަމައުގައި ފިތުނަ އުފެއްދުން ހުއްޓުވުމުގެ ބަހުސަކީ ހުދުމުހުތާރު ސިފަތައް ހުންނަ ސަރުކާރުތަކާއި އެ ސަރުކާރުތަކުގެ ބައިވެރިން އަބަދުމެ ދައްކާ ވާހަކަ އެވެ. މީގެ 20 އަހަރު ކުރިން އޮތީ އެގޮތަށެވެ. މީޑިއާތަކުގެ ކަވަރޭޖްތަކާ މެދު ސަމާލުކަން ނުދޭ އާންމު މީހާ، ނުކިޔާ މީހާ، ނުބަލާ މީހާ ވެސް، ވަރަށް ފަސޭހައިން 'އަބުރު'ގެ ވާހަކަ ގަބޫލުކުރާނެ އެވެ.
އެކަމަކު އެ ބުނާ އަބުރާއި ފިތުނައަށް ނިސްބަތްކުރާ ލިއުންތައް ބިނާކޮށްފައި ހުންނަނީ ހަގީގަތުގެ މައްޗަށެވެ. އަނެއް ބައި ލިއުންތަކުގައި ތައުރީފްކުރުމެވެ. މިސާލަކަށް ރައީސް މުހައްމަދު މުއިއްޒުއަށް ތައުރީފްކުރާ ނަމަ، ސަރުކާރާއި ސަރުކާރުގެ ސަޕޯޓަރުންނަށް އެވަރެއް ނޯވެ އެވެ. 'ދައުރު'ގެ ބައެއް ރިޕޯޓްތައް، މިސާލެއްގެ ގޮތުން، މި ލިއުމުގައި ހިމަނާލާނަމެވެ.
މިއީ މި އަހަރުގެ މޭ މަހު ރައީސް މުހައްމަދު މުއިއްޒު ބޭއްވެވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ހެދި ދިރާސާއެކެވެ. އެކަމަކު ރައީސް ވެސް އަދި ސަޕޯޓަރުން ވެސް މި ދިރާސާއާ މެދު ހިތްހަމައެއް ނުޖެހޭނެ އެވެ.
ނޫސްވެރިންނާ ކުރިމަތިނުލައްވާ ދިގު މުއްދަތެއް ވުމަށް ފަހު އޮތް އެ ބައްދަލުވުމުގައި ދެއްކެވި ވަރަށް ގިނަ ވާހަކަފުޅު ހަގީގަތާ ހިލާފެވެ. އެކަން ވާނީ ވެސް އެހެންނެވެ. ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމެއްގައި އަދި ސަރުކާރުގެ އެތައް މައްސަލަތަކެއް ހުރި އިރު، ނޫސްވެރިންގެ ސުވާލުުތައް ގިނަވާނެ އެވެ. ރައީސް ވެސް އެ ހުރިހާ ސުވާލުތަކަށް ހުންނަވާނީ ތައްޔާރުވެވަޑައިގެންފައެއް ވެސް ނޫނެވެ. އެހެންކަމުން އެނގިވަޑައިނުގެން ދެއްކެވޭނެ ވާހަކަތަކާއި ގަސްދުގައި ހައްދަވާނެ އިތުރުފުޅުތައް ހުންނާނެ އެވެ.
އެކަމަކު އެ ވާހަކަތަކުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ނޫސްވެރިންގެ ޒިންމާއެކެވެ.
ރައީސް މުއިއްޒު ހުވާކުރެއްވި ރަސްމިއްޔާތުގައި ވިދާޅުވީ އެހާ ހިސާބުން ދެން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށެވެ. އެއީ އޭގެ ކުރީގެ ރައީސުން ޝަރުއީ ނިޒާމާ ކުޅުނު ކުޅުން ނިމުނުކަމުގެ ވާހަކަ އެވެ.
އެކަމަކު އޭގެ އަހަރެއްހާ ދުވަސް ފަހުން ފެނުނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ހެދި އިހާނެތި ގޮތެވެ. ކޮން ބައެއް ހެއްޔެވެ؟ ސަރުކާރުން ކޮންޓްރޯލްކުރާ އޭސީސީ އާއި ޖޭއެސްސީ އަދި ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުންނެވެ.
ގައުމީ މިފަދަ ސީރިއަސް ބޮޑެތި މައްސަލަތަކުގައި، ސަރުކާރު ވިސްނާ ގޮތް ނޫން އެހެން ބެލުންތަކުން ނޫސްވެރިން އުފެއްދުންތައް އުފައްދާނެ އެވެ. އެއީ ފިތުނަ ފެތުރުމެއް ނޫނެވެ. އެއީ ސަރުކާރާއި ރައްޔިތުން ޖެއްސުމެއް ނޫނެވެ. އެއީ އަބުރަށް އަރައިގަތުމެއް ވެސް ނޫންމެ އެވެ.
މިއީ 14 ނޮވެމްބަރު 2023ގައި އަޅުގަނޑު ލިއުނު ކޮލަމެކެވެ. އަސަރާ އެކުގަ އެވެ. ރައީސްކަމުން ވަކިވެވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފު ދެއްވައި މިނިވަންކުރެއްވީ އެހާ ހިސާބަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތުގެ އިސް ކުށްވެރިޔާ އެވެ: ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައްޔިތުންނަށް އަދިއަދަށް ވެސް އިންސާފެއް ނުލިބެ އެވެ. އެކަމަކު ދިވެހި ރައްޔިތުން އެ ތިބީ އެވެ. އެ މީހުން ނުވިސްނަ އެވެ. ނަމަވެސް ކުރިން ދެންނެވި ގޮތަށް ރައްޔިތުންގެ ފަރާތުން ނޫސްވެރިކަމަށް ނުކުމެ މިތިބީ އަޅުގަނޑުމެންނެވެ. އެހެންކަމުން އަޅުގަނޑުމެން ވިސްނާނެތާ އެވެ. ލިއާނެތާ އެވެ. ޝުއޫރު ފާޅުކުރާނެތާ އެވެ. ސޯލިހުގެ އެ މައާފު ދެއްވުން އަޅުގަނޑަށް ބަލައެއް ނުގަނެވުނެވެ. އެކަމަކު ސޯލިހުގެ ސަޕޯޓަރުންނަށް އެ ލިއުން ވާނީ، ފަހަރެއްގައި، ފިތުނަ އުފެއްދުމަށެވެ. އަދީބާ މެދު ހިތްހަމަޖެހޭ މީހުންނަށް އެ ލިއުން ވާނީ ޒާތީ އެއްޗަކަށެވެ.
މިއީ ފިތުނައެއް ނޫނެވެ. މިއީ ތައުރީފެވެ. ރައީސް މުއިއްޒުގެ ސަޕޯޓަރުން ވަރަށް އުފާވި އެވެ. މި ރިޕޯޓް އަޅުގަނޑު ލިއުނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ޕީއެންސީން ކާމިޔާބުކުރުމުންނެވެ. އެއީ ރައީސް މުއިއްޒުއަށް ނިސްބަތްވި ތިން ވަނަ އިންތިހާބެވެ. އޭގެ ކުރިން މާލޭ މޭޔަރުކަމެވެ. އޭގެ ފަހުން ރިޔާސީ އިންތިހާބެވެ.
މިއީ ސަރުކާރުގެ ކުރީކޮޅުގެ ކާމިޔާބީތަކުގެ ވާހަކަ އެވެ. ނޫސްވެރިންނާއި ލިއުންތެރިން ވަގުތުން ވަގުތަށް ކަންކަން ރިޕޯޓްކުރެ އެވެ. އަދި ހާލަތު ބަދަލުވާ ގޮތަކަށް ލިއުންތައް ވެސް ބަދަލުވެ އެވެ. ކުރިން ތައުރީފްކުރި މީހުންގެ ވާހަކަތައް ފަހުން އެހެން ގޮތްގޮތަށް އެނބުރެ އެވެ. ވެރިކަމުގައި ތިއްބަވާ އިރު ސަޕޯޓަރުން އަބަދުމެ ކުރާނީ ތައުރީފެވެ. އެހެންކަމުން ރައީސް މުއިއްޒުގެ ސަޕޯޓަރުންނަށް މިހާރު އެމަނިކުފާނާ ބެހޭ ގޮތުން ލިއާ ބައެއް ލިއުންތައް ހަޖަމެއްނުކުރެވެ އެވެ. އެ ވަރަށް 'ވިސްނުމުގެ ބަނޑު ހަރުވުމުން' ދެން ފެންނަނީ ފާޑުކިޔާ ކޮންމެ އެއްޗަކީ އަބުރާ ބެހުން ނުވަތަ ފިތުނަ އުފެއްދުން ކަމަށެވެ.
މިއީ މިދިއަ ފެބްރުއަރީ މަހު ރާއްޖޭގެ ސުޕްރީމް ކޯޓަށް އޭސީސީ އާއި ޖޭއެސްސީ އަދި ރައްޔިތުންގެ މަޖިލިސް އެކުވެގެން ހަދާލި ގޮތުގެ މައްޗަށް ލިއުނު ރިޕޯޓެކެވެ. ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ވަންނަން ތައްޔާރުވެފައި ވަނިކޮށް ކުއްލިއަކަށް ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް، ހަމަ އެ ދުވަހު ރައްޔިތުންގެ މަޖިލިހުން ގާނޫނަކަށް އިސްލާހު ގެނެސް އެންމެ މަތީ ކޯޓު ހުއްޓުވާލީ އެވެ. ރައީސް މުއިއްޒު ބޭނުންފުޅުވި ގޮތަކަށް، ބޭނުންފުޅުވާ އިރެއްގައި، ކޮންމެ ކަހަލަ ކަމެއް ވެސް ރައްޔިތުންގެ މަޖިލިހުން ނިންމަފާނެކަމުގެ ފުރިހަމަ މިސާލެކެވެ.
ރައީސް މުއިއްޒުގެ ސަޕޯޓަރުންނާއި ޕީއެންސީން މިފަދަ ރިޕޯޓްތައް ނަގަނީ ގައުމުގައި ފިތުނަ އުފެއްދުމުގެ އަމަލެއްގެ ގޮތަށެވެ.
މި ރިޕޯޓް އަޅުގަނޑު ލިއުނީ މަޖިލިހުގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިންގެ އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށެވެ. އޭރު އުއްތަމަ ފަނޑިޔާރަކީ އަހުމަދު މުއުތަސިމް އަދުނާން އެވެ. މިހާރު އެ ހުންނެވީ މަތީ އިއްޒަތުގައި ރިޓަޔަކުރައްވައި، ދައުލަތުގެ އިނާޔަތް ކަށަވަރުކުރައްވައިގެންނެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑްކުރުމުގެ ފުރުސަތު ސަރުކާރަށް ލިބުނީ މުއުތަސިމްގެ ނާގާބިލްކަމުންކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން އެންމެ މަތީ ކޯޓުގެ އެންމެ މަތީ ފަނޑިޔާރަކީ ކޮން ކަހަލަ ބޭފުޅެއްކަން ރައްޔިތުންނަށް ބުނެދޭން ޖެހޭނެ އެވެ. އެ މިނިވަންކަން ލިބެ އެވެ. އެމަނިކުފާނުގެ އަމަލްތަކަށް ފާޑު ވެސް ކިޔޭނެ އެވެ. އެކަމަކު އެގޮތަށް ފާޑުކިޔާ ނަމަ އެއީ އަބުރަށް އަރައިގަތުން ނުވަތަ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުންކަމަށް، ސަރުކާރުގެ ސަޕޯޓަރުންނާއި މުއުތަސިމްގެ އާއިލާއިން ދެކެފާނެ އެވެ.
ޒިންމާ އުފުއްލަވަން ޖެހިލުންވެވަޑައިގަންނަވާ ނަމަ އެފަދަ މަގާމުތަކާ ހަވާލުވެވަޑައިނުގަންނަވާނީ އެވެ. މިއީ ނޫސްވެރިއެއްގެ ގޮތުން އަޅުގަނޑު، ދައުލަތުގެ ހުރިހާ ވެރިންނަށް ވެސް ބުނެލަން ބޭނުން ވާހަކަ އެވެ. އެގޮތަށް އެވާހަކަ ބުނަން ޖެހެނީ ވެސް ގައުމަށްޓަކަ އެވެ. ދިވެހި ރައްޔިތުންގެ މަސްލަހަތުގަ އެވެ.
އަޅުގަނޑަކީ މުއުތަސިމް ގޮތަށް މާލޭގެ ބިންވެރިއެއް ނޫނެވެ. އެއަށް ވުރެ މާ ނިކަމެތި ދިވެއްސެކެވެ. އެކަމަކު ނޫސްވެރިކަމުގެ މިނިވަންކަމުގައި ދިވެހި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ބަސް ބުނާކަށް ޖެހިލުމެއް ނުވެ އެވެ.
މިއީ ރިސޯޓެއް ހަދަން ވ. އާރަށް ދޫކުރުމުގައި އޭރުގެ ރައީސް ޔާމީން އާއި އަދީބު އާއި އެމްއެމްޕީއާރުސީން ހިންގި ކަންތައްގަނޑަކާ ބެހޭ ރިޕޯޓެކެވެ. މި ރިޕޯޓް އޭރު ޖެހުމުން، ޕީޕީއެމް އާއި ޔާމީންގެ ސަޕޯޓަރުންނަށް އެކަންވީ ޔާމީނާ ދެކޮޅަށް ނަފުރަތު އުފެއްދުން ކަމަަށެވެ. ނަމަވެސް މިއީ ކޯޓަށް ހުށައެޅި ހެކިތަކުން ފެންނަން ހުރި ކަންކަން ރައްޔިތުންނަށް ކިޔައިދިނުމެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކޮންމެ ބިލަކާ އެކު ރައްޔިތުންނަށް އެތައް ކަމެއް އޮޅުވާލުމުގެ ފުރުސަތު ވެރިކަން ހިންގާ މީހުންނަށް ލިބޭނެ އެވެ. މިހާރު ފާސްކުރަން އުޅޭ ބިލްގެ ބައެއް ޖުމްލަތަކުގައި ހުރީ އެ މަޅި ޖަހައިފަ އެވެ. ބިލް ތަސްދީގުކުރުމަށް ފަހު އުފައްދާ ކޮމިޝަން ބިނާކުރާނީ ސަރުކާރުން ސީދާ ކޮންޓްރޯލްކުރާ ބައެއްގެ މައްޗަށެވެ. އެ ކޮމިޝަންގެ މެޖޯރިޓީ ސަރުކާރުން ހޯދާނީ، މިހާރު ވެސް މިނިވަން މުއައްސަސާތައް އެ ކޮންޓްރޯލްކުރާ ގޮތަށެވެ.
ރައްޔިތުންނަށް ވިސްނައިދެނީ އަބުރާއި ފިތުނައިގެ ވާހަކަތަކެވެ. ނަމަވެސް ފަހަތުގައި ފޮރުވިފައި އޮތީ ގާނޫނުއަސާސީގެ މުހިންމު ދެ ހައްގެއް ފުނޑާލުމުގެ ވިސްނުމެވެ. އެއްގޮތަކުން ހައިރާންވާކަށް ވެސް ނުޖެހެ އެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ގާނޫނުއަސާސީން ލިބިދިން ބާރު އަމިއްލައަށް ދޫކޮށްލި މަޖިލިހަކުން މިކަހަލަ ކިތައްމެ ކަމެއް ކުރާނެތީ އެވެ.
ރައްޔިތުންނޭވެ! މިހުރީ 'ފިތުނަ' އުފައްދާ ލިއުންތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ