ޕެރިސް (ނޮވެމްބަރު 7) - ޕީއެސްޖީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ފުލްބެކް، އަޝްރަފް ހަކީމީ އަށް އަންނަ މަހު ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ނުކުޅެވޭނެ ކަމަށް ދެކެވޭ ވާހަކަ އޭނާގެ އޭޖެންޓް، އަލެހަންދްރޯ ކަމާނޯ ދޮގުކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ބަޔާން މިއުނިކް އަތުން 2-1 އިން ޕީއެސްޖީ ބަލިވި މެޗުގައި ހަކީމީގެ ފައިގެ ކުޑަހުޅަށް ވަނީ ސީރިއަސް އަނިޔާއެއް ލިބިފަ އެވެ. ބަޔާނުގެ ލުއިސް ޑިއާޒް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ހަކީމީގެ ކުޑަހުޅަށް ފައިން އެރި ލިބުނު އަނިޔާގެ ސަބަބުން، އޭނާ ބަދަލުކުރަން ޖެހުނީ މެޑިކަލް ޓީމުގެ އެހީގަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި އެ ފައުލު ބެލުމަށް ފަހު، ޑިއާޒް އަށް ވަނީ ރަތެއް ދައްކައިފަ އެވެ.
މެޗަށް ފަހު ހެދި ޓެސްޓްތަކުން ހަކީމީ އަށް ހަ ހަފްތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޕީއެސްޖީގެ އޮފިޝަލުންނާ ހަވާލާދީ ފްރާންސްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެހެންވެ، އަންނަ މަހު 21 ވަަނަ ދުވަހު މޮރޮކޯގައި ފަށާ އެފްރިކަން ކަޕްގައި ނުކުޅެވޭނެ ކަމުގެ ވާހަކަތައް ދެކެވެން ފެށި އެވެ.
އެކަމަކު، ކަމާނޯ ބުނެފައިވަނީ، ހަކީމީ އަށް އެފްރިކަން ކަޕް ގެއްލުނު ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށާއި އެ މުބާރާތަށް ވަގުތު އޮއްވައި ހަކީމީ ފިޓްވެގެން ކުޅުމަށް އެނބުރި އަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
އުމުރުން 27 އަހަރުގެ ހަކީމީ، ކެރިއަރު ފެށީ ރެއާލް މެޑްރިޑުންނެވެ. ރެއާލުގައި ހުރެ ލޯނަކަށް ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެ، އެ ޓީމުގައި ކުރިއެރުން ހޯދި ހަކީމީ ވަނީ 2020 ވަނަ އަހަރު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި، 50 މިލިއަން ޑޮލަރުގެ ފީ އަކަށް އިންޓަ މިލާނަށް ބަދަލުވެފަ އެވެ. އެކަމަކު، އޭގެ އެއް އަހަރު ފަހުން، ޕީއެސްޖީން ވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ހަކީމީގެ ސޮއި ހޯދައިފަ އެވެ. އެއީ، 75 މިލިއަން ޑޮލަރުގެ ފީއެއް ދައްކާ ގޮތަށް އެއްބަސްވުމަށް ފަހު އެވެ.
ހަކީމީ އަށް އެފްރިކަން ކަޕް ނުގެއްލޭ ހަކީމީ އަށް އެފްރިކަން ކަޕް ނުގެއްލޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ