މިދިއަ 21 ސެޕްޓެމްބަރުގައި ކިނާނަތު ހުސެއިން، ޖަރުމަންގެ ވެރިރަށް ބާލިންގައި ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި އެވެ: ތިން ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ޖެހި ދިވެހި ނުވަ ވަނަ ދުވުންތެރިޔާއަށް ވުމެވެ.
އެއީ ދުނިޔޭގެ އެންމެ ބޮޑު އެއް މެރެތަން ރޭހެވެ. އުމުރުން 32 އަހަރުގެ ދުވުންތެރިޔާ އެ ރޭހަށް އެރީ ވެސް ތިން ގަޑިއިރަށް ވުރެ އަވަހަށް ނިންމުމުގެ އަޒުމުގަ އެވެ. އޭނާގެ ވަގުތަކީ 3 ގަޑި 59 މިނިޓް 44 ސިކުންތެވެ. އޭގެ ކުރިން ތިން ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ނިންމާފައި ވަނީ ދިވެހި އެންމެ އަށް ދުވުންތެރިންނެވެ.
"އެއީ ވަރަށް ހާޑު ދުވަހެއް. ތިން ގަޑިއިރު ބްރޭކްކުރެވުނީމާ ވަރަށް އުފާވި. ގަބޫލެއް ވެސް ނުކުރެވޭ. ލައިން ކްރޮސްކުރީމާ ގަޑި ވެސް ބަލައިލިން،" ކިނާނަތު ބުންޏެވެ.
'ހާޑު ދުވަހެއް' ކަމަށް އެބުނީ ބާލިން މެރެތަން އޮތް ދުވަސް، ޖަރުމަންގެ އާންމު ދުވަސްތަކަށް ވުރެ ހޫނު ގަދަވުމުންނެވެ. އޭގެ އަސަރު ދުވުންތެރިންނަށް ވަރަށް ބޮޑަށް ކުރި އެވެ. ގިނަ ދުވުންތެރިންގެ ވަގުތު ލަސްވި އެވެ.
"ބައެއް މީހުން ދިޔަ ވެއްޓެމުން. އަހަންނަށް ވުރެ ބާރަށް ދުވި މީހުން ވެސް ހުއްޓިފައި، ވެއްޓިފައި ތިބި،" އެ ދުވަހުގެ ހާލަތާ ބެހޭ ގޮތުން ކިނާނަތު ބުންޏެވެ.
"ހޫނުގެ އަސަރު ކުރި. ބިރު ވެސް ގަތް. އެކަމަކު ހިތްވަރުކޮށްލައިގެން އެ ހުރިހާ ކަމަކާ ކުރިމަތިލިން."
ކިނާނަތަކީ 2017އާ ޖެހެންދެން އާންމުކޮށް ދުވެ އުޅުނު މީހެއް ވެސް ނޫނެވެ. ސްކޫލް ދައުރު މަޖަލަށް ފުޓްބޯޅަ ކުޅުނެވެ. ސްކޫލް ނިންމާފައި އޭނާ ދިޔައީ މަތީ ތައުލީމަށް ތައިލެންޑަށެވެ. ފުރަތަމަ ޑިގްރީ ނެގީ ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިންނެވެ. ކޯހުން ފާސްވިލެއް މަތިކަމުން މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު، ޔުނިވަސިޓީން ލިބުނެވެ. މާސްޓާސް ޑިގްރީގައި އޭނާ ހާއްސަވީ ކޮންކްރީޓް ޓެކްނޮލޮޖީންނެވެ.
މަތީ ތައުލީމަށް ފަހު 2012ގައި ރާއްޖެ އައިސް ކިނާނަތު، އިމާރާތްކުރުމުގެ ދާއިރާގައި، މަސައްކަތް ފެށީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ގެޑޯގަ އެވެ. ދުވުމުގެ ތެރެއަށް އޭނާއަށް ވަދެވުނީ އޭގެ ފަސް އަހަރު ފަހުން، 2017ގައި، ޓީއެފްޖީން ހިންގި ދިގު ދުވުމަށް ހާއްސަ ތަމްރީންތަކެއްގައި ބައިވެރިވެގެންނެވެ.
"އޮފީހުގެ ބައެއް ރައްޓެހިންނާ އެކު އެ ޕްރޮގްރާމްގައި ބައިވެރިވީ. އޭގައި ތަމްރީންކުރީ 10 ކިލޯމީޓަރު ދުވަން. އެއް މަސް ދުވަހުގެ ޕްރޮގްރާމެއް،" ދުވުން ފެށުނު ގޮތް ކިނާނަތު ކިޔައިދިނެވެ.
"ދެން އެ ޕްރޮގްރާމްގައި 10 ކިލޯމީޓަރުގެ ރޭސް ޖެހިން. ނިންމުނީ 1 ގަޑި ހަ މިނިޓުން."
އެއީ މިހާރު ކިނާނަތު ހުރި ފެންވަރަށް ބަލާ ނަމަ ވަރަށް ލަސް ދުވުމެކެވެ. ނަމަވެސް މީހެއްގެ ހިތުގައި ދުވުމުގެ ޝައުގުވެރިކަން އަލަށް އުފެދެން ރަނގަޅު ވަގުތެކެވެ. ދުވެގެން ލިބޭ ހިތްހަމަޖެހުމާއި ހަށިގަނޑުގައި ފެތުރޭ ތާޒާކަމުގެ ނުފޫޒު އޭނާއަށް މަގު ދައްކައިދިނީ ސީރިއަސް ތަމްރީންތަކަށެވެ. އެހެންވެ އޭނާ ހިޔާރުކުރީ، ތިން ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ޖެހި ރާއްޖޭގެ ފުރަތަމަ ދުވުންތެރިޔާ އަދި ގައުމީ އެ ރެކޯޑް ގާތްގަނޑަކަށް 30 އަހަރެއްހާ ދުވަހަށް ދެމެހެއްޓި، ޑރ. ހުސެއިން ހަލީމް (ކުޑަހުސެއިން) އެވެ.
ކުޑަހުސެއިންގެ ދުވާ ކްލަބަށް ވަދެ ކިނާނަތު ހަދަން ފެށި ތަމްރީންތަކާ އެކު އޭނާއަކީ ރާއްޖޭގެ ނިސްބަތުން ބާރު އަދި ބުންވަރު ވަރުގަދަ ދުވުންތެރިއެއްކަން އެނގެން މާ ގިނަ ދުވަހެއް ނުވި އެވެ. އޭރު އޭނާއަށް 5 ކިލޯމީޓަރު ޖެހެނީ 24 މިނިޓުންނެވެ. އެކަމަކު ކޯޗު ހުސެއިންގެ ބެލުމުގެ ދަށުން އެންމެ ހަ މަސްދުވަހުގެ ތެރޭގައި އެ ވަގުތު 20 މިނިޓަށް އަވަސްކުރި އެވެ. ދެން އައީ 20 މިނިޓް ބްރޭކްކުރަން ދިމާވާ ހުރަހެވެ.
"20 މިނިޓް 01.02 ސިކުންތުގައި ތާށިވި ގޮތަށް ވަރަށް އުނދަގޫވި ބްރޭކްކުރަން،" ކިނާނަތު ބުންޏެވެ.
"އެއީ މެރެތަންއެއް ދުވުމަށް ވުރެ ވެސް އުނދަގޫ ކަމަކަށް ވީ. (5 ކިލޯމީޓަަރުގައި 20 ބްރޭކްކުރަން) ތިން އަހަރު ނެގި."
ދިގު ދުވުންތެެރިންނަށް ކުރިމަތިވާ އެކަހަލަ ބައިވަރު، ވަރުގަދަ ހުރަސްތައް ހުރެ އެވެ. އެކަމަކު ކިނާނަތަށް ވިސްނުނީ ބޭނުންވާ ވަގުތަށް ރޭސް ނުނިންމުނަސް ތަމްރީންތައް ކުރިއަށް ގެންދަން ޖެހޭނެ ކަމެވެ. އެއަށް ކިޔަން ޖެހެނީ ޑިސިޕްލިން އެވެ. ހިތްވަރެވެ. ފޫހިނުވުމެވެ. އުއްމީދާ ދުރަށް ނުދިއުމެވެ.
ކިނާނަތަކީ އަސްލު ބިޒީ މީހެކެވެ. އޭނާގެ މަސައްކަތުގެ ދާއިރާގެ ޒިންމާ ވެސް އެހާމެ ބޮޑެވެ. ބައެއް ރިސޯޓްތަކާއި އިމާރާތްތަކުގެ އޮނިގަނޑުގެ ޑިޒައިނުން ފެށިގެން އެއާ ގުޅޭ ހުރިހާ މަސައްކަތެއް ނިމެންދެން، ކަންކަން ބަލައި، ދިރާސާކޮށް، ހައްލު ހޯދައިދިނުމަކީ، ކުޑަ ކަމެއް ނޫންތާ އެވެ. އެއީ ކޮންމެ ދުވަހަކު އޭނާ ބަލަހައްޓަން ޖެހޭ ކަންކަމެވެ. ނަމަވެސް ދުވަހުގެ ބިޒީ ޝެޑިއުލްއާ އެކު، ތަމްރީންތަކަށް ދޭ ސަމާލުކަން ކުޑަނުކޮށް، ވީހާވެސް ރަނގަޅަކަށް އެކަން ވެސް ފުރިހަމަކުރަން އޭނާގެ އަޒުމް އޮވެ އެވެ.
ކުޑަހުސެއިންގެ ތަމްރީންތަކުން ކިނާނަތަށް ރަނގަޅަށް ދުއްވައިގަނެވުނުކަން ރޭސްތަކުގެ ވަގުތަށް ބެލުމުން އެނގެ އެވެ. މިސާލަކަށް 5 ކިލޯމީޓަރު 20 މިނިޓަށް ވުރެ އަވަހަށް ދުވި އެވެ. ހާފް މެރެތަން 1 ގަޑި 27 މިނިޓުން ނިންމި އެވެ.
ދެން އައީ މެރެތަންއަށް ނުކުތުމުގެ ވަގުތެވެ. ފުރަތަމަ އެކަމަށް އަޒުމް ކަނޑައެޅީ އާއިލީ ދަތުރަކާ އެކު އެވެ. ބާލިންއަށް ކުރާ އެ ދަތުރާ ބާލިން މެރެތަންއާ ދިމާވީ އެވެ.
"އަޅުގަނޑުގެ އަންހެނުންގެ އާއިލާގެ ބަޔަކު އުޅޭ ބާލިންގައި. ބާލިންއަށް ދާތީ ހިތަށްއެރީ ދުވަން މެރެތަންއާ ވެސް ދިމާވާތީ. ފުރަތަމަ ބޭނުންވީ ހާފް މެރެތަންއެއް ޖަހަން. އެކަމަކު ބާލިން މެރެތަންގައި ހާފް މެރެތަންއެއް ނޯވޭ. އެހެންވެ ކުޑަހުސެއިން ތަމްރީން ދިނީ މެރެތަންއަކަށް،" ކިނާނަތު ބުންޏެވެ.
އެއީ 2022ގެ ބާލިން މެރެތަން އެވެ. އެ މެރެތަން 2 ގަޑި 01.09 މިނިޓުން ނިންމައިގެން އިލޫޑް ކިޕްޗޯގީ ދުނިޔޭގެ ރެކޯޑް ވެސް ހެދީ އެ ރޭހުގަ އެވެ. ކިނާނަތުގެ ދުވުން ފެނުނީ ރާއްޖޭގެ ނިސްބަތުން ވަރަށް ކުރީގައި އުޅުނު ތަނެވެ. އޭނާއަށް ތިން ގަޑިއިރު ބްރޭކްނުކުރެވުނީ ވެސް ހަމަ ކިރިޔާ އެވެ. ވަގުތަކީ 3 ގަޑި 00:17 ސިކުންތެވެ. އެންމެ 17 ސިކުންތުގެ ލަސްވުމެކެވެ.
"އެއީ ވަރަށް ރަނގަޅަށް ދިޔަ ރޭހެއް. ފިނިހޫނުމިން ވެސް ބަރާބަރު. ރޭހުގެ 35 ކިލޯމީޓަރާ ހަމައަށް ދުވީ ރަނގަޅު ސްޕީޑްގައި. އެމެރިކާގެ ދުވުންތެރިޔަކާ ދިމާވެގެން އޭނާ ބުނީ ހިނގާށޭ އެކުގައި ދުވަން. އޭނާ އަހަރެން ގެންގޮސްދިން 35 ކިލޯމީޓަރާ ހަމައަށް. އެހިސާބުން ތަންކޮޅެއް ލަސްވި،" ކިނާނަތު ބުންޏެވެ.
"އެ ދުވުންތެރިޔާ ދެން ހިނގައްޖެ ކުރިއަށް. އޭނާ ނިންމި ތިން ގަޑިއިރަށް ވުރެ އަވަހަށް."
ރާއްޖޭގައި ދުވާ މީހުން ގިނަ ނަމަވެސް ތިން ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ޖެހޭ ވަރުގެ ދުވުންތެރިން ވަރަށް މަދެވެ. ދުނިޔޭގައި ވެސް އެ ނިސްބަތް އުޅެނީ މެރެތަން ދުވާ މީހުންގެ ތެރެއިން އެންމެ %2-4 ގަ އެވެ. ރާއްޖޭގައި މި ވަގުތު ސީރިއަސްކޮށް ދުވާ ދުވުންތެރިންގެ ތެރެއިން އެ ގާބިލްކަން ހުރީ ފަސް ވަރަކަށް ދުވުންތެރިންގެ ކިބައިގަ އެވެ. އެހެންކަމުން ތިން ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ޖެހުމަކީ، ދުވުމުގެ ފޮތުން ބަލާ ނަމ،ަ 'ރާއްޖޭގެ އެލީޓް ކްލަބެ'ވެ.
ކިނާނަތަށް ބޭނުންވަނީ އެންމެ 17 ސިކުންތެވެ. ރަނގަޅަށް މަސައްކަތްކޮށްފި ނަމަ އަތުޖެހޭ ހިސާބުުގައި އޮތް ލަނޑުދަނޑިއެކެވެ. އެހެންކަމުން އޭނާ ބޭނުންވީ ދިގު ދިވުން ދުވާ ގިނަ ބަޔަކު އުޅޭ ކްލަބަކަށް ބަދަލުވާށެވެ. ހަތް އަހަރަށް ފަހު ކުޑަހުސެއިންގެ ކޭއެޗު ކްލަބް ދޫކޮށް، ނަސްރުﷲ އަހުމަދު (ނަސްރު)ގެ މެރެތަން ރަނާސް މޯލްޑިވްސް (އެމްއާރުއެމް)އާ، 2023ގައި، ގުޅުނެވެ.
"އެންމެ ރަނގަޅު ދުވުންތެރިން ތިބީ އެ ކްލަބްގައި. އެހެންވެ ނަސްރު ކޯޗު ކައިރިއަށް ދިޔައީ. ބާލިން މެރެތަންއަށް ޓާގެޓްކޮށްގެން ތަމްރީން ހަދަން ފެށީ،" ކިނާނަތު ބުންޏެވެ.
ނަސްރުއަކީ މިވަގުތު ދިގު ދުވުންތެރިން ތައްޔާރުކުރާ އެންމެ ކާމިޔާބު އެއް ކޯޗެވެ. މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މެރެތަން ދުވި ދުވުންތެރިޔާ ވެސް މެ އެވެ.
ބާރަށް ދުވަން ބޭނުން ދުވުންތެރިންނަށް ލިބޭނެ އެންމެ ބޮޑު އެހީތެރިކަމަކީ ސްޕީޑް ތަމްރީންތަކުގައި އެކުގައި ދުވާނެ ބައެކެވެ. އެމްއާރުއެމްގައި ކިނާނަތަށް ވުރެ ބާރު ދުވުންތެރިން އުޅެ އެވެ. އޭނާއާ ދާދި އެއްވަރަކަށް ހިފަހައްޓާ ދުވުންތެރިން ވެސް އުޅެ އެވެ. އެހެންވެ އެ އެޑްވާންޓޭޖް އޭނާއަށް ބޮޑެވެ.
ނަސްރުގެ ބެލުމުގެ ދަށުން ތަމްރީން ފުރިހަމަކޮށް މި އަހަރުގެ ބާލިން މެރެތަންއަށް ކިނާނަތު ދިޔައީ ހަމައެކަނި ތިން ގަޑިއިރު ބްރޭކްކުރުމުގެ އުއްމީދަކު ނޫނެވެ. ދެ ގަޑިއިރާ 55 މިނިޓްގެ ކުރީކޮޅުން ނިންމޭނެކަމުގެ އުއްމީދު ވެސް އޮތް މެ އެވެ.
މެރެތަން ޖަހަން ލޯބިކުރާ ގިނަ މީހުން ބާލިން މެރެތަން ހިޔާރުކުރަނީ ސީދަލަށް އޮންނަ މަގުތަކެއްގައި ރޭސް ދުވުމާއި ފިނިހޫނުމިން ރަނގަޅުވުމުންނެވެ. އެކަމަކު 21 ސެޕްޓެމްބަރު ދިމާވީ ނިސްބަތުން ހޫނު ގަދަ ދުވަހަކާ އެވެ.
ބާލިން މެރެތަންގައި ކިނާނަތުގެ ވަގުތުތައް
5 ކިލޯމީޓަރު: 20:48 މިނިޓް
10 ކިލޯމީޓަރު: 41:35 މިނިޓް
ހާފް މެރެތަން: 1 ގަޑި 27:24 މިނިޓް
42 ކިލޯމީޓަރު: 3 ގަޑި 59:44 މިނިޓް
ކިނާނަތުގެ ރޭސް 30 ކިލޯމީޓަރާ ހަމައަށް ދިޔައީ ވަރަށް ރަނގަޅަށެވެ. އޭނާގެ ސްޕީޑް ހުރީ ކިލޯމީޓަރެއް 4:10 މިނިޓްގަ އެވެ. އެ ބާރުމިނުގައި ކުރިއަށް އޮތް 12 ކިލޯމީޓަރު ހިފެހެއްޓުނު ނަމަ އޭނާއަށް 2 ގަޑި 54 މިނިޓުން ރޭސް ނިންމުނީހެވެ.
ނަމަވެސް 30 ކިލޯމީޓަރަށް ފަހު ޖިސްމާނީ ހުރަސްތަކާ ދިމާވި އެވެ.
"ހޫނުވަމުން ދިޔައީ. ހޫނުވަމުން ގޮސް އަކުނިވަޔަށް ވެސް ދެމީ. ފެން ބޯން ހުއްޓޭ މީހުން ގިނަވީމާ ފެން ޕޮއިންޓްތަކުން ލަސްކަން އައި،" ކިނާނަތު ބުންޏެވެ.
"އެކަމަކު ވެސް ހިތްވަރުކޮށްފައި ޓައިމް އެޗީވްކުރެވުނު. މެންޓަލް ސްޓްރެންތު ވަރުގަދަކުރަން ވަރަށް ބެލިން. އެހެން ނޫނީ މިކަމެއް ނުވާނެ."
މެރެތަންއެއް ތިން ގަޑިއިރަށް ވުރެ އަވަހަށް ދުވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ އެތައް އަހަރެއްގެ މަސައްކަތެވެ. ތަރުތީބުން ކުރަން ޖެހޭ ތަމްރީންތަކެވެ. ހިތްވަރުދޫނުކޮށް ހިފެހެއްޓުމެވެ. ސިކުނޑި ތައްޔާރުވުމެވެ. އެންމެ އުނދަގޫ ވަގުތުތަކުގައި ވެސް ހަށިގަނޑުގެ ގޮވުންތަކަށް ސިކުނޑި އެއްބަސްނުވުމެވެ. ނިންމާ ރޮނގު ހުރަސްކުރުމުގެ ވިސްނުމެވެ.
ކިނާނަތު ގަބޫލުކުރަނީ މިހެންނެވެ: އޭނާއަކީ އުފެދުމުގައި ދުވުމުގެ ހުނަރު ހުރި މީހެއް ނޫން ކަމެވެ. ނަމަވެސް ހުނަރުވެރި ދުވުންތެރިންނަށް ފަސޭހަ ކަމެއް، ހުނަރު ނެތް ދުވުންތެރިންނަށް ވެސް ހާސިލްކުރެވިދާނެ އެވެ. ބޭނުންވަނީ ހިތްވަރާއި މަސައްކަތެވެ.
"އެއްއިރެއްގައި ވެސް ގަބޫލެއްނުކުރަން އަހަންނަކީ ދުވުމުގައި އެހާ ގިފްޓެޑް މީހެއް ކަމަކަށް،" ކިނާނަތު ބުނެލި އެވެ.
"މަސައްކަތުން މިހާ ހިސާބަށް އާދެވުނީ. ބައެއް އެތުލީޓުންނަކީ ބޯން ޓެލެެންޓެޑް، ގިފްޓެޑް އެތުލީޓުން. އަހަރެން މިހާ ހިސާބަށް އައިސް ހުރީ މާ ބޮޑު ޓެލެންޓެއް ހުރެގެންނެއް ނޫން. ހަމަ މަސައްކަތުން. ވަރަށް ބޮޑަށް ކުރި މަސައްކަތުން."
މިއީ އެހެން ދުވުންތެރިންނަށް ވަރަށް މުހިންމު އަދި އެހާމެ ހިތްވަރު ވެސް ލިބޭނެ ވާހަކައެކެވެ. ބައެއް މީހުންނަށް ހުނަރަކީ ގުދުރަތީ ހަދިޔާއެކެވެ. ނަމަވެސް އެ ހަދިޔާ ނުލިބުނަސް ހަމަ އެ ހުނަރު ހޯދިދާނެ އެވެ. އެކަމަށް ބޭނުންވަނީ ގަވާއިދުން މަސައްކަތްކުރުމެވެ. ހުއްޓުމެއް ނެތި ހިތްވަރުކުރުމެވެ.
ކިނާނަތަށް ސާބަހާއި އައްސަރިބަހެވެ.
ކިނާނަތު މި ދައްކައިދެނީ ހުނަރަކީ މަސައްކަތުން ވެސް ހޯދޭނެ އެއްޗެއްކަން، އެކަމަކު ހިތްވަރު ގަދަ މީހުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ