މަދޫރު، ހާސްކަމުން ދުރުވެ ސިކުނޑިއަށް ހިތްހަމަޖެހުން ހޯދީ ރާއްޖޭގެ މާހައުލުން
ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު، މަދޫރު ބަންޑާރްކަރުގެ ސިކުނޑިއަށް ވެރިވި ހަލަބޮލިކަމާއި ހާސްކަމުން ދުރުވުމަށް އިޚްތިޔާރުކުރީ ރާއްޖެއަށް ދަތުރެއް ކުރުމަށް ކަމަށާއި އެ ދަތުރުން އެކަން ހާސިލުކުރެވިއްޖެ ކަމަށް އޭނާ ބުނެފިއެވެ. މަދޫރުގެ ފޭސްބުކް ރަސްމީ އެކައުންޓުގައި އޭނާ ވަނީ ރާއްޖެއަށް ކުރި ދަތުރުގެ މަންޒަރުތައް ހިމެނޭ ޚާއްސަ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން އެނގޭ ގޮތުގައި މަދޫރު މިދިޔަ ހަފުތާ އެއްކޮށް ހޭދަކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓެއްގައެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ. ރާއްޖޭގެ މާހައުލުން މަދޫރަށް ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަން ހިއްސާކުރަމުން ކުޅަދާނަ ޑައިރެކްޓަރު ދިވެހިރާއްޖޭ ސިފަކުރީ ދުނިޔެމަތީގެ ސުވަރުގެ ގޮތުގައެވެ. ފިލްމު "ފެޝަން"ގެ އިތުރުން "ޕޭޖް 3" އަދި "ޗާންދްނީ ބާ" ފަދަ ފިލްމުތައް އުފައްދައިގެން ބޮޑު މަގުބޫލުކަމެއް ހޯދި މަދޫރަކީ ނެޝަނަލް އެވޯޑު ވެސް ހާސިލުކޮށްފައިވާ މީހެކެވެ. ފިލްމު "ފެޝަން"އަށް ލިބުނު ކާމިޔާބީއަށްފަހު މަދޫރު އަންނަނީ އެ ފިލްމުގެ ދެވަނަ ބައެއް ވެސް އުފައްދާނެކަން އިއުލާނުކޮށް އޭގެ މަސައްކަތް ވެސް ކުރަމުންނެވެ. "ދަ ވައިވްސް"ގެ ނަމުގައި އުފައްދާ އެ ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ބޮލީވުޑްގެ މަޝްހޫރު އަދި ނުފޫޒު ގަދަ ފިލްމީ ތަރިންގެ އަންހެނުންގެ ދިރިއުޅުމުގެ މައްޗަށެވެ. އެ ފިލްމުގެ މައިގަނޑު ކާސްޓުންގެތެރޭ މޯނީ ރޯއި، ސޮނާލީ ކުލްކަރުނީ، ރެޖީނާ ކެސެންޑަ، ރާހުލް ބަޓް، އަރުޖުން ބަޖްވާ، ސޯރަބް ސަޗްދޭވް އަދި ފްރެޑީ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ