ޙުކުރު ޚުޠުބާ: އުފާވެރިކަންވެސް ބާއްޖަވެރިކަންވެސް ލިބުންވަނީ އިސްލާމީ ޝަރީޢާ އެނގި ޞާލިޙް ޢަމަލުތައް ކުރިވަރަކުން-

މުސްލިމް އަޚުންނޭވެ! ބާއްޖަވެރިކަމަކީ، އިންސާނުން އެ  ނިޢުމަތެއް ހޯދުމަށް ޓަކައި އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ނިޢުމަތެވެ. ބާއްޖަވެރިކަމާއި އުފާވެރިކަން ހޯދުމުގައި، މުސްކުޅިއެއް ޒުވާނެއް، މުއްސަންޖެއް ފަޤީރެއް، މުސްލިމެއް ޣައިރު މުސްލިމެއް، ތަފާތެއް ނެތެވެ. އެ އެންމެން ވެސް ބޭނުންވަނީ ބާއްޖަވެރިކަމާއި އުފާވެރިކަމެވެ.
މުސްލިމް އަޚުންނޭވެ! މިއަދު ގިނަ ބަޔަކު، ޤަބޫލުކުރާ ގޮތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި ފައިސާއާއި، ޖާހާއި މަންސަބާއި، މަޝްހޫރުކަމުގައެވެ. ދަންނާށެވެ! ކަން އޮތީ އެހެންނަކުންނޫނެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުމެވެ. މި ކަންކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ الله سُبْحَانَهُ وَتَعَالَىއަށެވެ. އަދި އެކަލާނގެއަށް ކިޔަމަންތެރިވުމުން މެނުވީ މިކަންކަން ޙާޞިލެއްނުވާހުއްޓެވެ.
މުސްލިމް އަޚުންނޭވެ! ހަމަކަށަވަރުން އިންސާނާ ޚަލްޤުކުރެއްވީ ގަދަކީރިތިވަންތަ الله سُبْحَانَهُ وَتَعَالَىއެވެ. އަދި އެ އިންސާނާ ބާއްޖަވެރިވާނޭ ކަންކަމާއި އަބާއްޖަވެރިވާނޭ ކަންކަން ވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "(ހުރިހައި ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެ (އެ ތަކެތި) ދެނެވޮޑިގެންނުވާނޭހެއްޔެވެ؟ އަދި އެކަލާނގެއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
މުސްލިމް އަޚުންނޭވެ! ދަންނާށެވެ! ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީނެވެ. އެހެނީ އިސްލާމް ދީނަކީ الله سُبْحَانَهُ وَتَعَالَى އިންސާނުން މި ދުނިޔޭގައި ދިރިއުޅުމަށް ޓަކައި އިޚްތިޔާރުކުރައްވައިފައިވާ މަގެވެ. އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިޞްލާޙުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމެވެ. މި ނިޒާމުން ހެޔޮކަމާއި ބަރަކާތުގެ މަގުތައް ހުޅުވެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ----  މާނައީ: "މުއުމިނަކުކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، ޞާލިޙު ޢަމަލެއްކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ." ޞާލިޙު ޢަމަލުކުރާ މުއުމިނުންނަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ދެއްވާނެކަމަށް، الله سُبْحَانَهُ وَتَعَالَى އެ ވަނީ ވަޢުދުވެވޮޑިގެންފައެވެ. ނަމަވެސް އިސްލާމްދީނާ ދުރުވެ، މާތް ﷲގެ މަގުން އެއްކިބާވާ މީހުންނަށް އޮތީ އޭގެ އިދިކޮޅެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ.  -----  މާނައީ: "އަދި ތިމަންރަސްކަލާނގެ قرآنއަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامة ދުވަހުން އެ މީހަކު ކަނު މީހެއްގެ ގޮތުގައި محشرއަށް ފޮނުއްވާހުށީމެވެ."
މުސްލިމް އަޚުންނޭވެ! ބާއްޖަވެރިކަމުގެ އެއް ސަބަބަކީ، އިސްލާމީ ޝަރީޢަތަކީ ފުރިހަމަ އަދި ޝާމިލު ޝަރީޢަތެއްކަން އެނގުމެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އިސްލާމީ ޝަރީޢަތަކީ ހަމައެކަނި އަޅުކަމާއި ޙައްދުތައް ޤާއިމުކުރުން ކަމަށެވެ. ދަންނާށެވެ! އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެކެވެ. އިސްލާމީ ޝަރީޢަތުގައި ޢަޤީދާއާއި އަޅުކަމާއި އަޚްލާޤާއި ޢާއިލީ ގުޅުންތަކާއި ތަރިކައާއި އިޤްތިޞާދާއި ސިޔާސީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއި ހަމަހަމަކަމާއި ޢަދުލު އިންޞާފާއި މި ފަދަ އެންމެހައި ދާއިރާތަކާއި ކަންކަން ހިމެނެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."  الله سُبْحَانَهُ وَتَعَالَى ފުރިހަމަކުރައްވައިފައިވާ ދީނެއްގައި އުނިކަމެއްވާނެކަމަށް ތިބާހީކުރަނީހެއްޔެވެ؟ ހަމަހިލާ އެހެންނަކުންނުވާނެއެވެ. މާތް ﷲ ގަންދީ ބުނަމެވެ! އެއީ، އިންސާނާ ދުނިޔޭގައި ބާއްޖަވެރި ޙަޔާތެއް އުޅުމަށް ބޭނުންވާ ހުރިހައި ކަމެއް ފުރިހަމަވެފައިވާ ހަމައެކަނި ދީނެވެ.
މުސްލިމް އަޚުންނޭވެ! އެ ކަމެއް ހޯދާން މީސްތަކުން މަސައްކަތްކުރަމުން މިދާ ދުނިޔެވީ ބާއްޖަވެރިކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި އިސްލާމީ ޝަރީޢަތް ވަނީ، ހޯދައިދީފައެވެ. އިސްލާމީ ޝަރީޢަތުގައި ވަނީ ޢަދުލުވެރިކަމާއި އިޙްސާންތެރިކަމާއި، މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކޮށްދީފައެވެ. މި ޝަރީޢަތުގައި ފަޤީރުންނާއި ޔަތީމުންނާއި، އަންހެނުންނާއި ކުޑަކުދީންނާއި ޣައިރުމުސްލިމުންނަށް ވެސް ދުނިޔޭގެ އެއްވެސް ނިޒާމެއްގައި ނުދޭހާ ފުރިހަމައަށް، އެ ޙައްޤުތައް ވަނީ ކަށަވަރުކޮށްދީފައެވެ. ހަމަ އެހެންމެ އިސްލާމީ ޝަރީޢަތްވަނީ މީސްތަކުންގެ ކިބައިގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ރަޙުމަތާއި، ޢިއްފަތްތެރިކަމާއި، އިޙުސާންތެރިކަން އަށަގެންނެވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައެވެ. މީގެ އިތުރަށް ވެސް އެތައް ދާއިރާއަކުން ވަނީ މި ބާއްޖަވެރިކަން ގެނެސްދިނުމަށް، ގިނަގުނަ ކަންކަން ޝަރުޢުކުރައްވައިފައެވެ. މި ފަދަ ފުރިހަމަ ނިޒާމެއް، ފަލްސަފާއެއް ނުވަތަ އުޞޫލެއް އިސްލާމްދީން ފިޔަވައި މި ދުނިޔެއަކު، ނުވެއެވެ. މިއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި ނިޢުމަތަށް އިންސާނާ ގެންދާ ދީނެވެ.  
މުސްލިމް އަޚުންނޭވެ! ހަމަކަށަވަރުން ބާއްޖަވެރިކަމަކީ ބޭނުން މީހަކު ބޭނުން ގޮތަކަށް ހޯދޭނެ އެއްޗެއްނޫނެވެ. އެހެނެއްކަމަކު އެއީ އީމާންކަމުގެ މޭވާއެވެ. ދީނަށް އުޅުމުގެ ނަތީޖާއެވެ. ކެތްތެރިކަމުގެ ޖަޒާއެވެ. އަދި އެއީ الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން އަންނަ ތައުފީޤެކެވެ. އަލްއިމާމު އިބުރާހީމް ބުނު އަދުހަމް ވިދާޅުވެފައި ވެއެވެ. (لَوْ عَلِمَ الْمُلُوْكُ وَأَبْنَاءُ الْمُلُوْكِ مَا نَـحْنُ فِيْهِ مِنَ النَّعِيْمِ وَالسُّرُوْرِ لَـجَالَدُوْنَا بِالسُّيُوْفِ)[1]  މާނައީ: "ރަސްރަސްކަލުންނާއި އެ މީހުންގެ ދަރީންނަށް، އަހަރެމެން މިތިބަ ނިޢުމަތްތަކާއި އުފާވެރިކަން އެނގޭ ނަމަ، އެބައިމީހުންގެ ކަނޑިތަކުން އަހަރުމެންނާ ހަނގުރާމަ ކުރީސްކަން ކަށަވަރެވެ!" 
މުސްލިމް އަޚުންނޭވެ! ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭ ނަމަ، މާތް اللهއަށް ތަޤުވާވެރިވާށެވެ! އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވެތިބެ ބާއްޖަވެރިކަން ލިބިގަންނާށެވެ! ދަންނާށެވެ! ބާއްޖަވެރިކަންވަނީ ހަމައެކަނި ދުނިޔެ ޙާޞިލުކުރުމަކުންނޫނެވެ! އެހެނެއްކަމަކު އެ ކަން ވަނީ الله سُبْحَانَهُ وَتَعَالَىއަށް ބޯލަނބައި ކިޔަމަންތެރިވެ، އަޅުވެތިވުމުގައެވެ. ބާއްޖަވެރިކަން ވަނީ މީސްތަކުންގެ ރުހުން ލިބުމުގައެއްނޫނެވެ. އެހެނެއްކަމަކު ބާއްޖަވެރިކަން ވަނީ الله سُبْحَانَهُ وَتَعَالَىގެ ރުހިވޮޑިގަތުން ލިބުމުގައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (قَدْ أَفْلَحَ مَنْ أَسْلَمَ، وَرُزِقَ كَفَافًا، وَقَنَّعَهُ اللَّهُ بِـمَا آتَاهُ.)[2]  މާނައީ: "އިސްލާމްވުމާ އެކު، މާތް الله އެ މީހަކަށް ފުދުންތެރިކަންދެއްވައި، އަދި އޭނާއަށް އެކަލާނގެ ދެއްވި އެއްޗެއްގެ މައްޗަށް ރުހިގެންވާ މީހާ، ހަމަކަށަވަރުން ކާމިޔާބުވެއްޖެއެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ