ބޭނުންކުރި ކައްކާ ތެޔޮ ވިއްކައިގެން ހައްޔަރުކުރި ބިދޭސީއަކު ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭތީ ދޫކޮށްލައިފި ބޭނުންކުރި ކައްކާ ތެޔޮ ވިއްކައިގެން ހައްޔަރުކުރި ބިދޭސީއަކު ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭތީ ދޫކޮށްލައިފި

ރިސޯޓުތަކުގައި ބޭނުންކޮށް އުކާލާ ކައްކާ ތެޔޮ ވިއްކަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއަކު ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭތީ ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބަންގްލަދޭޝްއަށް ނިސްބަތްވާ މޮހަންމަދު ހާރޫން، 43 ގެ އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ ހަތަރު މީހަކު ހައްޔަރުކުރި އެވެ.
ހާރޫން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީ އޭނާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން ސައްހަ ވިސާއެއްގައި ރާއްޖެގައި އުޅޭ މީހަކަށްވުމުގެ އިތުރުން، އޭނާއަކީ ޕިކަޕް ޑްރައިވަރެއް ކަމަށް ބެލެވޭތީ އެވެ.
"މީނާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން ސައްހަ ވިސާއެއްގައި ދިވެހިރާއްޖޭގައި އުޅޭ ފަރާތެއްކަމުގައިވާތީއާއި، މީނާއަކީ ޕިކަޕް ޑްރައިވަރެއްކަމަށް މީނާ ބުނާއިރު، އެކަމަށް ބާރުދޭ ވާހަކަތަކެއް މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ވެސް ބުނެފައިވާތީ، މީނާ ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލަން ނިންމައިފިން،" ހާރޫން ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބުގައި ބަޔާން ކޮށްފައިވެ އެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު ބަންގްލަދޭޝް މީހުންނަކީ އަލް އަމީން ބޮޔަޓި، 37 އާއި ދުލާލް މިއާހް، 32 އާއި މޮހަންމަދު ރަސެލް މިއާހް، 34 އަދި މަންވަރު ހޮސައިން، 45 އެވެ. އެ ހަތަރު މީހުންގެ ބަންދަށް ވެސް 10 ދުވަސް ވަނީ ޖަހާފަ އެވެ.
ބުދަ ދުވަހުގެ ރޭ ފުލުހުންނަށް މައުލޫމާތު ލިބުނީ އެމްޕީއެލް ކޮންޓެއިނާ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއެއަކުން ތެޔޮ ހަންތަކެއް އަރުވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ފަސް މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލާފާސްކުރިއިރު ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ