އެކްޓަރު ޒައިދު ޚާންގެ މަންމަ ޒަރީން ޚާން މަރުވެއްޖެ
އިންޑިއާގެ ކުރީގެ އެކްޓަރު ސަންޖޭ ޚާން އަދި ޒައިދު ޚާންގެ މަންމަ ޒަރީން ޚާން މަރުވެއްޖެއެވެ. ކުރީގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާ ޒަރީން ޚާން މަރުވީ އުމުރުން 81 އަހަރުގައި އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ގޭގައެވެ. ޒަރީން ޚާން މަރުވީ ސީދާ ކޮން ބައްޔެއްގައިކަން އާއިލާއިން ހާމަކޮށްފައި ނެތް ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން ޒަރީންގެ ސިއްހީ ހާލަތު މިފަހަކަށް އައިސް އެހާ ރަނގަޅު ނޫން ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ޒަރީން އާއި ކުރީގެ އެކްޓަރު ސަންޖޭ ޚާންގެ ކައިވެންޏަށް ހަތަރު ކުދިން ލިބިފައިވާއިރު އޭގެތެރޭގައި ފިލްމު "މޭ ހޫ ނާ"ގެ އެކްޓަރު ޒައިދު ޚާންގެ އިތުރުން އެކްޓަރު ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒޭން ޚާން ވެސް ހިމެނެއެވެ. ޒަރީން ޚާން ފިރިމީހާ ޒަންޖޭ ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ ޒަރީން މަރުވުމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ އެ އާއިލާއަށް ޒިޔާރަތްކޮށް ތައުޒިޔާ ކިޔާފައެވެ. ހަމައެއާއެކު ސޯޝަލް މީޑިއާގައި މެދުވެރިކޮށް ވެސް ވަރަށް ގިނަބަޔަކު ވަނީ އެ އާއިލާއަށް ކުރިމަތިވި ހިތާމައިގައި ބައިވެރިވާ ކަމަށް ބުނެފައެވެ. ޒަރީން ސަންޖޭއާ ކައިވެނި ކުރުމުގެ ކުރިން މަޝްހޫރުކަން ހޯދީ ޒަރީން ކަތުރަކްގެ ނަމުންނެވެ. ޒަރީން އަކީ 1960 އާއި 70އިގެ އަހަރުތަކުގެތެރޭގައި ފިލްމީ ދާއިރާގެ އިތުރުން މޮޑެލް ކުރުމުގެ ދާއިރާގައި ވެސް މަސައްކަތް ކުރި ފަންނާނެކެވެ. ޒަރީންގެ ކެރިއަރުގައި ކުޅުނު މަގުބޫލު ފިލްމުތަކުގެތެރޭ "ތެރޭ ގަރް ކެ ސާމްނޭ"(1963) އަދި "އޭކް ޕޫލް ދޯ މާލީ" ހިމެނެއެވެ. ފިލްމީ ދާއިރާއިން ދުރަށް ޖެހިލުމަށްފަހު ޒަރީން ފަހުން މަސައްކަތްކުރީ އިންޓީރިއަ ޑިޒައިނަރެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ