ވޭޕްގެ މައްސަލަތަކުގައި މިދިޔަ މަހު ކުރި ޖޫރިމަނާގެ އަދަދު 226،000ރ.އަށް އަރައިފި

ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 35 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި އެ ޖޫރިމަނާގެ ޖުމްލަ 226،000ރ. އަށް އަރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ 15 ޑިސެމްބަރުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެފަދަ އެއްވެސް އަމަލެއް ކޮށްފި ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.
ތަފްސީލް - ފުލުހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ވޭޕާއި އީ-ސިގިރޭޓް ބޭނުންކުރުމާއި ގެންގުޅުމުގެ 25 މައްސަލައެއް ހުށަހެޅި، އެ މައްސަލަތަކުގައި ހިމެނޭ 35 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.   
އެގޮތުން ޖޫރިމަނާކޮށްފައިވަނީ:
ވޭޕާއި އީ ސިނގިރޭޓު ގެންގުޅުނު 15 މީހަކު
ވޭޕާއި އީ ސިނގިރޭޓު ބޭނުންކުރި 19 މީހަކު
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މައްސަލަތަކުގައި މިދިޔަ މަހު ކޮށްފައިވާ ޖޫރިމަނާގެ އަދަދު ޖުމްލަ 226،000ރ. އަށް އަރަ އެވެ. އެއީ:
ވޭޕު ބޭނުންކޮށްގެން 104،000ރ
އެފަދަ ތަކެތި ގެންގުޅެގެން 97،000ރ
ވޭޕް ގަނެގެން ނުވަތަ ވިއްކައިގެން 20،000ރ
އެހެނިހެން މައްސަލަތަކުގައި 5،000ރ
އެނގުން މުހިންމު - ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ވޭޕް ބޭނުންކޮށް، ވިޔަފާރި ކުރުމުގެ އިތުރުން ހިލޭ ބަހައިފި ނަމަ ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރާާނެ އެވެ. އެގޮތުން:
ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ؛ އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000ރ. އިން ޖޫރިމަނާ ކުރެވޭނެ؛ ވިއްކި ކޮންމެ އެއްޗަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ