ކޮންޓްރޯލު ބިލާ ދެކޮޅަށް އަޑުއުފުލާ ބައެއް ނޫސްވެރިންނަށް އިންޒާރުދޭތީ އެކަން ބަލަނީ

މީޑިއާތައް ރެގިއުލޭޓުުކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކޮންޓްރޯލު ބިލާ ދެކޮޅަށް އަޑުއުފުލަމުންދާ ބައެއް ނޫސްވެރިންނަށް އިންޒާރު ލިބެމުންދާ މައްސަލަ ފުލުހަށް ހުށަހަޅަން އެ ބިލު ދިރާސާކުރަމުންދާ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ ބަލަން އެ ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ. މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ދިރާސާކުރަމުންދާ މީޑިއާ ބިލަށް ހިޔާލު ހޯދަން، މިއަދު ވަނީ އެކި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބިލާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވައި ބިރުދެއްކުމުގެ ގޮތުން، އެކިއެކި އިންޒާރުތައް ލިބެމުންދާކަން މި ބައްދަލުވުމުގައި ބައެއް ނޫސްވެރިން ފާހަގަކުރި އެވެ.
ތަފްސީލް - ނޫސްވެރިންނާއެކު ބޭއްވި މި މަޝްވަރާ ބައްދަލުވުން ނިންމާލުމުގެ ކުރިން މީކާއިލް ވިދާޅުވީ ބިލާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން އެކިހަލަ އިންޒާރުތައް ލިބެމުންދާކަން ނޫސްވެރިން ފާހަގަކުރާނަމަ އެ ނޫސްވެރިންނަކީ ކޮބައިކަން ސާފުކޮށް، އަމިއްލަ އިސްނެގުމުގައި ކޮމިޓީގެ ފަރާތުން ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމަކީ އެ ކޮމިޓީގެ ޒިންމާއެއް ކަމަށް ދެކޭ ކަމަށެވެ. އެ ބިލު ދިރާސާކުރާ ކޮމިޓީގެ ހައިސިއްޔަތުން ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެ ކޮމިޓީގެ ޒިންމާއެއް ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
މި ހުށަހެޅުމަށް ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ތާއީދުކުރެއްވި އެވެ. އަދި އިންޒާރު ލިބެމުންދާ ނޫސްވެރިން އެކަން ކޮމިޓީއަށް ލިއުމުން ހުށަހެޅުމަށް ވެސް އޭނާ އެދިވަޑައިގަތެވެ. މި މައްސަލަ ފުލުހަށް ހުށަހަޅަން ފާސްކުރީ އެ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
އެނގުން މުހިންމު - މީޑިއާ ކޮންޓޯލުކުރެވޭގޮތަށް ހުށަހަޅާފައިވާ މި ބިލު މަޖިލީހަށް ބަލައިގަނެ، އަވަސް އަރުވާލައިގެން ކޮމިޓީއަށް ފޮނުވާފައިވަނީ ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކުންނާއި ނޫސްވެރިން ވެސް ބިލު ބޭރުކުރުމަށް ތަކުރާރުކޮށް ގޮވާލަމުން ދަނިކޮށެވެ.
ނޫސްވެރިން މި ބިލަށް ދެކޮޅުހަދާ މައިގަނޑު ސަބަބުތަކަކީ، މި ބިލުގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާގޮތަށް ގިނަ މާއްދާތަކެއް އޮތުމާއި، މި ބިލަކީ ނޫސްވެރިންނާއި ކަމާގުޅޭ ތަޖުރިބާކާރުން އަދި ކަމާބެހޭ އެއްވެސް ބަޔަކާ މަޝްވަރާނުކޮށް، ހިޔާލު ހޯދުމެއް ވެސް ނެތި ހުށަހަޅާފައިވާ ބިލަކަށްވުމުންނެވެ. މީޑިއާތަކުން އެދެނީ، މިހާރު ހުށަހަޅާފައިވާ ބިލު އިސްލާހުކުރުމެއްވެސް ނެތި، ބޭރުކޮށްލުމަށެވެ. އަދި މީޑިއާތައް ރެގިއުލޭޓުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން، އެކަމަށް އެކަށީގެންވާ ވަގުތު ދީގެން ކުރިއަށް ގެންދިއުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ