ދިވެހީންގެ މެހުމާންދާރީއާއި ސަގާފަތް ތަޖުރިބާކޮށްލެވޭ ގޮތަށް ސަން ސިޔާމް ރިސޯޓްތައް ރީބްރޭންޑްކޮށްފި
ދިވެހީންގެ ފުރިހަމަ ސަގާފަތާއި، ދިވެހިވަންތަ މެހުމާންދާރީ ފަތުރުވެރިންނަށް ތަޖުރިބާކުރެވޭހެން ސަން ސިޔާމް ރިސޯޓުތަކުގެ ޚިދުމަތްތައް މިރޭ ރީބްރޭންޑްކޮށްފިއެވެ. ސަން ސިޔާމް އޮޅުވެލީގައި މިރޭ އޮތް ޚާއްސަ ހަފުލާއެއްގައި ވަނީ އާ ބްރޭންޑިން ތައާރަފުކޮށްފައެވެ. މި ހަފުލާގައި ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ސިޔާމް މުޙައްމަދާއި، ސަން ސިޔާމް ރިސޯޓުތަކުގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެކި އިދާރާތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސަން ސިޔާމް ރިސޯޓުތައް ރީބްރޭންޑް ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފަތުރުވެރިންނަށް ދިވެހިވަންތަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް އާ ބްރޭންޑިންގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސަން ސިޔާމް ރިސޯޓުތަކަށް ދާ ފަތުވެރިންނަށް ވީހާ ވެސް ބޮޑަށް ދިވެހިވަންތަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށެވެ. އެގޮތުން މި އާ ބްރޭންޑިންގެ ދަށުން ފަތުރުވެރިންނަށް ތަޖުރިބާކުރެވޭނެ 12 ކަމެއް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ: ދިވެހިވަންތަ މަރުހަބާ: ރާއްޖޭގެ ވާހަކަ ދެއްކުމުން ގިނަ މީހުންނަށް ސިފަވާނީ ހުދު ދޮންވެއްޔާއި ނޫވިލު މޫދު. ނަމަވެސް ގިނަ ފަހަރު ރިސޯޓަކަށް ދިޔުމުން ފަތުރުވެރިންނަށް ޖެހެނީ މައުލޫމާތު ކަރުދާސް ފުރަން ތިބެން. އެކަން ބަދަލުކޮށް، ސަން ސިޔާމް ރިސޯޓްތަކުގައި، ފަތުރުވެރިޔާ އައުމާއެކު މަރުހަބާ ކިޔާނީ ދިވެހިވަންތަ ބޮޑުބެރުގެ މިއުޒިކާއެކު. އަދި ދިވެހީންގެ މެހެމާންދާރީ ރަމްޒުވާހެން ފުރަތަމަ ވެސް ގެނެސްދޭނީ ފިނި ބުއިމެއް. ސިނެމާ ބައި ދަ މޫންލައިޓް: މިއީ ކަނޑުމަތީގައި އޮންނަ ދޯންޏެއްގައި ތިބެ، އެ ބަޔަކަށް އެންމެ ކަމުދާ ފިލްމުތައް ބަލައި، މުޅިން އާ ތަޖުރިބާއެއްކޮށްލަން ފަތުރުވެރިންނަށް ލިބޭ ފުރުސަތެއް ސީކްރެޓް ސަން ޑައުނާ: ކޮންމެ ދުވަހަކު ވެސް އިރުއޮއްސޭ ވަގުތާ ދިމާކޮށް ރިސޯޓުގެ ކޮންމެ ވެސް ދިމާއެއްގައި އިށީނދެވޭ ގޮތަށް، ބީން ބޭގްތައް ޖަހައި، އަރާމުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ. މިއީ އިރުއޮއްސޭ މަންޒަރު ބަލައިލުން ވެސް އުފާވެރި ތަޖުރިބާއަކަށް ވާނެ ކަމެއް. ޕްލާންޓް ބޭސްޑް ބްލިސް: ސަން ސިޔާމް ރިސޯޓުތަކުގެ ހުރިހާ ރެސްޓޯރަންޓެއްގެ މެނޫގެ 30 ޕަސެންޓަކީ ފަތްޕިލާވެލީގެ ބާވަތްތަކަށް ޚާއްސަ ކެއުންތަކަށް ހެދުން. އޭރުން އެއްވެސް ގެސްޓަކަށް ނުދެވޭނެ ރެސްޓޯރެންޓެއް ނުހުންނާނެ. މޯލްޑިވިއަން ރޫޓް: ރާއްޖޭގެ ކަންކަމާއި، ވާހަކަތަކަށް ދުވަހެއް ޚާއްސަ ކުރުން. އެ ދުވަހު ފަތުރުވެރިންނަށް ދިވެހިވަންތަ އެކި ތަޖުރިބާތައް ކޮށްލެވޭނެ. މިސާލަކަށް ދިވެހިވަންތަ ނާސްތާއެއް ނަގައި، ދިވެހިވަންތަ މަސައްކަތްތަކުގައި ބައިވެރިވެވޭނެ. އޭރުން ފަތުރުވެރިންނަށް "ތިމަންނަމެން ކޮންމެވެސް އެއް ދުވަހެއްގައި ދިވެއްސެއްގެ ދިރިއުޅުން އުޅުނީމޭ" ބުނަން ފުރުސަތު ލިބޭނެ. ބްރޭންޑިން މަސައްކަތާއެކު މިރޭ ވަނީ ސަން ސިޔާމް ވެބްސައިޓް ވެސް ބަަދަލުތަކާއެކު އިފުތިތާހުކޮށްފައެވެ. އެ ވެބްސައިޓުން ޚާއްސަ މެންބަޝިޕް ޕްރޮގްރާމެއް ތައާރަފުކުރަން ވެސް ނިންމައިފައިވެއެވެ. މިރޭ އޮޅުވެލީގައި ރާއްޖޭގެ އެންމެ ދިގު ޕޫލް ވެސް ހުޅުވާފައިވާއިރު، އެ ޕޫލްގެ ދިގު މިނުގައި 210 މީޓަރު ހުރެއެވެ. ސަން ސިޔާމް ރިސޯޓްތައް ރީބްރޭންޑް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި އެމްޑީ އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ މޫސާ ނަދީމް މީގެ އިތުރުން ބީޗް ޕެވިލިއަންތަކަށް ވެސް ޚާއްސަ ބަދަލުތަކެއް ގެންނައިރު، 40 ގްރޭންޑް ބީޗް ސުއިޓް ވެސް އިތުރުކުރާނެއެވެ. ސަން ސިޔާމް އިރުފުށީގައި ހުރިހާ ވޯޓާވިލާއެއް މަރާމާތުކުރުމުގެ މަސައްކަތް މި ވަގުތު ކުރަމުން އަންނަކަން ވެސް މިރޭ ފާހަގަކޮށްފައިވެއެވެ. މި ހަފުލާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ، އާ ބްރޭންޑިންގެ ތެރެއިން މުޅި ކުންފުނީގެ އަމާޒަކީ ރިސޯޓުތަކުން ޚިދުމަތް ހޯދާ ފަތުރުވެރިންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުން ކަމަށެވެ. އެ މަނިކުފާނު ވަނީ ރިސޯޓުތަކަށް ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރިންނަށް ވެސް އެންމެ ފުރިހަމައަށް ލޯތްބާއެކު ޚިދުމަތް ދިނުމަށް އެދިވަޑައިގެންފައެވެ. "އެ ބްރޭންޑެއް އޮތް ތަނަކަށް ދިޔައިމަ، އެ މީހުންނަށް އެބަ ޔަގީންވާން ޖެހޭ ތިމަންނަމެންނަށް އެންމެ މަތީ ފެންވަރުގެ ފުރިހަމަ އަޅައިލުމާއި ސާވިސް މި ތަނުން ލިބޭނެކަން. އެއީ މި ބްރޭންޑުން އަޅުގަނޑުމެން ބޭނުންވާ އެއްޗަކީ،" ސިޔާމް ވިދާޅުވިއެވެ. ސަން ސިޔާމް ގްރޫޕުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒުލޭޚާ މަނިކެ: އެ ކުންފުނީގައި މަސައްކަތްކުރައްވާތާ ގިނަ އަހަރުތަކެއްވެފައިވާ މުވައްޒަފެއްގެ ހައިސިއްޔަތުން، ތަޖުރިބާ ހިއްސާކުރެއްވި -- ސަން ފޮޓޯ/ މޫސާ ނަދީމް މި ހަފުލާގައި ވާހަކަދައްކަވަމުން ސަން ސިޔާމް ގްރޫޕުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒުލޭޚާ މަނިކެ ވަނީ، އެ ކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފެއްގެ ހައިސިއްޔަތުން ތަޖުރިބާ ހިއްސާކުރައްވައިފައެވެ. ޒުލޭޚާ ވިދާޅުވީ އެ ކުންފުނި ޓްރެވަލް އެޖެންސީއެއްގެ ގޮތުގައި މަސައްކަތް ފެށި ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވެސް ސިޔާމް މަސައްކަތަށް ގެންގުޅުއްވާ ފަރުވާތެރިކަމާއި، އަހަންމިއްޔަތުކަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި މިއަދު އުފެދިފައި އޮތް ވަރުގަދަ ބްރޭންޑަކީ އެކަމުގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ. އެއާއެކު ޒުލޭޚާ ވަނީ ކުންފުނީގެ މަސައްކަަތްތަކުގައި އިސްކޮށް މަސައްކަތްކުރައްވަމުން ގެންދަވާ އެންމެހާ ވެރިންނަށް ޝުކުރު އަދައިކުރައްވައިފައެވެ. ސަން ސިޔާމް ގުރޫޕުގެ ދަށުން, ރާއްޖޭގައި އަންނަނީ ވަރަށް ފެންވަރު ރަނގަޅު ފަސް ރިސޯޓެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި, އިރުފުއްޓާއި ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ. މީގެ އިތުރުން ސްރީ ލަންކާގައި ވެސް ރިސޯޓެއް ހިންގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ