ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، ރައީސް އެނބުރި މާލެއަށް

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ. އެ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ އަހަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަތީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ބައެއް ގައުމުތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނު ވަނީ، ޗައިނާގެ ރައީސް ޝީގެ އިތުރުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި ވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުންތަކުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރެއްވިއެވެ. ރައީސާއި މޯދީ: ދެ ބޭފުޅުން ވަނީ ޗައިނާގައި ކުރިއަށްދާ ސަމިޓުގެ ހަވާސާގައި ބައްދަލުކުރައްވައިފައި -- ފޮޓޯ/ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެކްސް އޭގެއިތުރަށް އެމަނިކުފާނު ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންފައެވެ. އެ ސަމިޓުގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވީ، ގައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މަންދޫބުންނާއެކުގައެވެ. މި ސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައިލެޓްރަލް ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެހެން ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާކުރައްވާފައެވެ. ރައީސް މުއިއްޒު އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ---- ފޮޓޯ/ ރައީސް އޮފީސް މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާބެހޭ 11 ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. އެ ފަހުމުނާމާތަކުގެ ތެރޭގައި ދެ ގައުމުގައި އިގުތިސާދީ ތަރައްގީ، އުމުރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާގުޅޭ އެއްބަސްވުންތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ. https://sun.mv/210780 މީގެއިތުރުން، ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިކޮށްދިން ދަތުރުފުޅެއް ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، މިއީ ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު ޗައިނާއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ