އައިފޯނު 17ގައި ސިމްކާޑު ސްލޮޓެއް ނުހުންނާނެ!
އަންނަ އަންގާރަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އެޕަލްގެ އެންމެފަހުގެ އައިފޯނު 17ގެ ސީރީޒްގައި ބައެއް ގައުމުތަކުގެ ބާޒާރަށް ނެރޭ ފޯނުތަކުގައި ފިޒިކަލް ސިމް ކާޑުގެ ސްލޮޓް ނުހުންނާނެ ކަމަށް ލަފާކޮށްފިއެވެ. އެޕަލްގެ އުފެއްދުންތަކާ ބެހޭ ސިއްރު މައުލޫމާތުތައް ހާމަކޮށްދޭ މެކްރޫމާސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ބަދަލު ފުރަތަމަ އަންނާނީ ޔޫރަޕްގެ ގައުމުތަކަށެވެ. އެގޮތުން އެޕަލްއިން މިކަމަށް ތައްޔާރުވުމުގެ ގޮތުން، ޔޫރަޕްގެ އެޕަލް ރީސެލާސްގެ މުވައްޒަފުންނަށް އީސިމްއާ ބެހޭ ތަމްރީނުތަކެއް ވަނީ ދޭން ފަށާފައެވެ. މާދަމާގެ ނިޔަލަށް މި ތަމްރީނުތައް ފުރިހަމަ ކުރަން ޖެހެއެވެ. ޔޫރަޕްގެ 27 ގައުމެއްގައި މި ތަމްރީނުތައް ދެވޭނެއެވެ. މީގެ ތެރޭގައި ފްރާންސް، ޖަރުމަން، އިޓަލީ، ސްޕެއިން، އަދި ނެދަލެންޑްސް ފަދަ ގައުމުތައް ހިމެނެއެވެ. އައިފޯނު 17 ސީރީޒް އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުއެވެ. މިއީ ތަމްރީނުތައް ނިމޭތާ ގާތްގަނޑަކަށް ހަތަރު ދުވަސް ފަހެއެވެ. އެޕަލްގެ ސީޑް އެޕްލިކޭޝަން މެދުވެރިކޮށް މި ތަމްރީނުތައް ހުރިހާ މުވައްޒަފުންނަށްވެސް ލިބޭނެއެވެ. އެހެންކަމުން، ޔޫރަޕްގެ ގައުމުތަކުގެ އިތުރުންވެސް އެހެނިހެން ގައުމުތަކުންވެސް ސިމް ކާޑު ސްލޮޓް ނުހުންނަ މޮޑެލްތައް ނެރެފާނެކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. އެކަމަށް ބާރުލިބޭ އެއް ވާހަކައަކީ އެމެރިކާގައި ވިއްކާ އައިފޯނު 14 އަދި އޭގެފަހުން ނެރުނު މޮޑެލްތަކުގައި ސިމް ކާޑު ސްލޮޓެއް ނުހުރެއެވެ. އޭގެ ބަދަލުގައި ބޭނުންކުރަނީ އީސިމްއެވެ. މިކަމާ ބެހޭގޮތުން އެޕަލްގެ ސަޕްލައި ޗެއިން އެނަލިސްޓް، މިނގް-ޗީ ކުއޯ ވެސް ވިދާޅުވާ ގޮތުގައި އައިފޯނު 17 އެއާގައި އޭގެ ތުނި ކަމުގެ ސަބަބުން ސިމް ކާޑު ޓްރޭއެއް ނުހުންނާނެއެވެ. އަދި އައިފޯނު 17، އައިފޯނު 17 ޕްރޯ، އަދި އައިފޯނު 17 ޕްރޯ މެކްސް ގައިވެސް ބައިނަލްއަގުވާމީ ގޮތުން އީސިމް އެކަނި ހުރެދާނެކަމަށް އޭނާ ލަފާކުރެއެވެ. ނަމަވެސް، ޗައިނާ ފަދަ ބައެއް ގައުމުތަކަށް އިސްތިސްނާވުންތަކެއް ހުރެދާނެއެވެ. އެޕަލްއިން ވަނީ އީސިމްގެ ސަލާމަތީ ފައިދާތައް ފާހަގަކޮށްފައެވެ. އީސިމްއަކީ ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ އައިފޯނަކުން ނެގޭނެ އެއްޗެއް ނޫން ކަމަށް އެޕަލް އިން ބުނެއެވެ. މީގެ އިތުރުން، އެއްފަހަރާ މަދުވެގެން އަށް އީސިމް ބޭނުން ކުރެވޭނެކަމަށްވެސް އެޕަލް އިން ބުނެއެވެ. މިއީ ދަތުރުފަތުރުކުރާއިރު ސިމް ކާޑު ބަދަލުކުރުމުގެ ބަދަލުގައި އިތުރު ފަސޭހައެކެވެ. އެޕަލްގެ ސަޕޯޓް ޑޮކިއުމެންޓެއްގައި އީސިމް ސަޕޯޓްކުރާ ކެރިއަރުންގެ ލިސްޓެއް ވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން އައިފޯނު ބޭނުންކުރާ ގިނަ ބަޔަކަށް އައު ތަޖުރިބާއެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ