ހަނިފަރު ބޭއަށް އަސަރުކުރާނެ ކަމަށް ބުނެ ދޮންފަނު ބިން ހިއްކުން ކުރިއަށްނުގެންދަން ގޮވައިލައި ޕެޓިޝަނެއް

ބ. އަތޮޅުގައި އޮންނަ، ޔުނެސްކޯގެ ބަޔޯސްފިއާ ރިޒާވް، ހަނިފަރު ބޭއަށް އެތައް ގެއްލުމެއްވާނެ ކަމަށް ބުނެ އެ ސަރަހައްދާ ކައިރި އޮތް ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ގޮވައިލައި، ޗޭންޖް ނަމަކަށް ކިޔާ ޖަމިއްޔާއަކުން ޕެޓިޝަނެއް ފަށައިފިއެވެ. އެންމެ 400 އެއްހައި މީހުން އުޅޭ ދޮންފަނުގައި 13 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ އެމްޓީސީސީއަށް ހަވާލުކޮށްފައެވެ. އެ މަސައްކަތް ދިނީ މިދިޔަ މަހުގެ 13ވަނަ ދުވަހު، ރައީސް އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. އެއާއެކު ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. އެއާއެކު މި މަޝްރޫޢު ހުއްޓުވުމަށް ގޮވާލައި ޕެޓިޝަނެއް ޗޭންޖް ޖަމިއްޔާއިން މިހާރު ދަނީ ހިންގަމުންނެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި، ހަނިފަރު ބޭއަކީ ހަމައެކަނި ކަނޑުގެ ސަރަހައްދެއް ނޫނެވެ. އެއީ ދުނިޔެއިން ނެތިގެން ދިއުމުގެ ބިރު ހީވެފައިވާ މާފަށާއި، މިޔަރު ކޮވެއްޔާއި، އެތައް ބާވަތެއްގެ ގާފުޅިތަކަށް ދިރިއުޅުމުގެ މާހައުލަކަށް ވެފައިވާ ތަނެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މިފަދަ ނިޒާމުތަކަކީ ދުނިޔޭގެ ދިރުންތަކުގެ ވެށީގެ މުހިއްމު ބައެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. ފަތުރުވެރިކަމާއި މަސްވެރިކަމަށް ބަރޯސާވެފައިވާ ގިނަ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުން ބިނާވެފައިވަނީ މިތަންތަނުގެ މައްޗަށް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ. ނަމަވެސް، މިހާރު ހަނިފަރު ބޭގެ މި މުހިއްމުކަން ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައި ކަމަށް ޗޭންޖް ޖަމިއްޔާއިން ފާހަގަކުރެއެވެ. މި ނުރައްކަލަކީ ހަމައެކަނި ތިމާވެށީގެ ގޮތުން ލިބިދާނެ ގެއްލުމެއް ނޫން ކަމަށާއި، މިއީ އިގްތިސާދީ އަދި ސަގާފީ ގޮތުން ވެސް ލިބިދާނެ ބޮޑު ގެއްލުމެއް ކަމަށް ޗޭންޖްއިން ބުންޏެވެ. ހަނިފަރު ބޭ ގެ ފުރިހަމަ ގައިޑް-- ފޮޓޯ/ ޑްރީމިން އޮފް މޯލްޑިވްސަ\ް ބިން ހިއްކުމުގެ ސަބަބުން ކަނޑުގެ ފެން ދައުރުވާ ނިޒާމަށް ބަދަލުތައް އަންނާނެކަމަށާއި، މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސްގަނޑު ޖަމާވެ، މާފަށާއި މިޔަރު ކޮވެއްޔަށް ކާނާގެ ގޮތުގައި ބޭނުންވާ ކުދިކުދި ދިރުންތައް ކަމަށްވާ ޕްލެންކްޓަން ނެތިދިއުމުގެ ނުރައްކާ އެބަ އޮތް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އެއާއެކު، ބިން ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ހަމައެކަނި ވަކިވަކި ދިރުންތަކުގެ ދިރިހުރުމަށް ނުރައްކާވެ ކަނޑުން ލިބޭ ނަފާވެރިކަމަށް ބަރޯސާވެފައިވާ ރަށްރަށުގެ ރައްޔިތުންގެ މުސްތަގުބަލަށް ވެސް ނުރައްކާ ވާނެކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މިހެންކަމުން، ހަނިފަރު ބޭއާ ކައިރީގައި ހިންގުމަށް ހުށަހަޅާފައިވާ ބިން ހިއްކުމުގެ މަޝްރޫޢު އަލުން ދިރާސާކޮށް މުރާޖާކުރުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވައިލައިފައެވެ. އަދި މި ކަން ހުއްޓުވަން ގޮވައިލާ ޕެޓިޝަނުގައި ސޮއިކުރަން ވެސް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ