ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް
ހައިކޯޓުގެ ޝަރީއަތުގައި، ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާ، އޭނާގެ ބަންދު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދި މައްސަލައާ ގުޅިގެން އޭނާއާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހައިކޯޓުން ކަނޑައެޅުމުން، އެ މައްސަލައިގައި އޭނާ އަލުންވަނީ ހައްޔަރުކޮށްފައެވެ. ވިހި ދުވަހަށް އަލުން ހައްޔަރުކޮށްފައިވަނިކޮށް، އޭނާގެ ބަންދު މައްސަލަ މިހާރުވަނީ ސުޕްރީމް ކޯޓުގައެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، އެ ފުލުސް މީހާއެވެ. އޭނާގެ ނަމަކީ، މުހައްމަދު ސާޖިދުއެވެ. އޭނާއަކީ ގދ. ތިނަދޫ މީހެކެވެ. އީ-ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތު، މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ފުލުހުންގެ އިދާރާގައި ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓެބަލެއްގެ ގޮތުގައި މަސައްކަތްކުރި ސާޖިދު ވަނީ އެ މައްސަލައިގައި ސަސްޕެންޑްކޮށްފައެވެ. އެ މައްސަލައިގައި ފުލުހުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނިފައިވެއެވެ. ނަމަވެސް، އެ މައްސަލައިގައި ސާޖިދު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓު އަމުރު ސައްހަ ނޫން ކަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ސާޖިދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނުނިންމައެވެ. ހައިކޯޓުންވަނީ އެ މައްސަލައިގައި ހުވާކުރުމާ ގުޅޭގޮތުން ޝަރީއަތުގައި ދެކެވުނު ވާހަކަތަކުގެ އަލީގައި، ހުވައެއްކުރަންޖެހޭ ދައުލަތުގެ މަގާމުތަކުގައި ހިމެނޭ މީހުން ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭ ހުވަޔާއި، ހުވާގެ އިގުރާރުގައި ސޮއިކުރުމުގެ ގާނޫނީ ނަތީޖާ ސާފުވާ ގޮތުގެމަތިން، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމާ ގުޅުންހުރި ދައުލަތުގެ ސިޔާސަތުތަކާއި، އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ފާހަގަކޮށްފައެވެ. "ޝަރީޢަތުގެ އަޑުއެހުމުގައި، ހުވާނުކޮށް މުސާރަ ލިބުމުގައި ގޯހެއް އޮތްކަމަށް މީނާ ނުދެކޭކަމަށް ބެލެވޭ ބީދައިން މީނާ ވާހަކަދައްކާފައިވެއެވެ. މިއީ، މާތްﷲ ގަންދީ ހުވާކުރުމާގުޅޭގޮތުން ކަންވެގެންވާނެގޮތް ނުވަތަ ޝަރީއަތުގައި އެފަދަ ހުވަޔަކާމެދު އެއްވެސް މީހެއްގެ ބަސްމަގު ހުންނަންވާނެ ގޮތްކަމަށް ނުދެކެމެވެ. އެ ހުވާގެ އިގުރާރުގައި ސާޖިދު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. އެހެންކަމުން، ގާނޫނުލްއުގޫބާތުގެ 512ވަނަ މާއްދާއާއި، އެ ޤާނޫނުގެ 533ވަނަ މާއްދާއާ ގުޅޭގޮތުން ދައުލަތުން ހުށަހަޅާފައިވާ ތުހުމަތުތަކަށް ވެސް މިހާލަތުގައި ބުރަދަން ލިބިފައިވާކަމަށް ދެކެމެވެ،" ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ފާހަގަކޮށްފައިވެއެވެ. ހައިކޯޓުގެ ހުކުމުގައި އޭނައާމެދު ފިޔަވަޅުއަޅަން ޖެހޭކަން ފާހަގަކޮށްފައި ވާއިރު، ކުރީގެ ބަންޑާރަނައިބު އަދި ޤާނޫނީ ވަކީލާ ޢާއިޝަތު އާޒިމާ ޝަކޫރު ވެސް ވަނީ އެ ފުލުސް މީހާއާ ދެކޮޅަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ