ހަވާލުވީއިރު ގިނަ ޚިދުމަތްތަކުން ލިބުނީ ގެއްލުން، ފައިދާ ހޯދަން އެބަ މަސައްކަތްކުރަން: މަތީން

މޯލްޑިވްސް ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ދެމުންދާ ފެނާއި ނަރުދަމާގެ ޚިދުމަތްތަކަކީ ކުރިން އެކަށީގެންވާ ފައިދާއެއް ނުލިބުނު ޚިދުމަތްތަކެއް ނަމަވެސް، މިހާރު އެ ޚިދުމަތްތައް ވިޔަފާރީގެ ގޮތުން ފައިދާވާނެ ކަމަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، ކުރިން ފެނާއި ނަރުދަމާގެ ޚިދުމަތްތަކުން އެކަށީގެންވާ ފައިދާއެއް ނުލިބޭ ކަމަށެވެ. ނަމަވެސް މިހާރު އެ ޚިދުމަތްތައް ފައިދާވާނެ ގޮތަކަށް ބަދަލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ދެވޭ ޚިދުމަތްތަކުން ފައިދާ ލިބި، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ފޯރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު އެ ކުންފުނިން ފެނުގެ ޚިދުމަތް ދެމުން އަންނަ ކުޅުދުއްފުށީގައި ކަސްޓަމަރުންނަށް ބިލު ފޮނުވަން ފަށާފައިވީ ނަމަވެސް، އެ ޚިދުމަތުން ވެސް އެކަށީގެންވާ ފައިދާއެއް ނުލިބޭ ކަމަށާއި، ވިޔަފާރީގެ ގޮތުން ފައިދާވާނެ ތަން އަދި ނުފެންނަ ކަމަށް މަތީން ވިދާޅުވިއެވެ. އަދި ދުވާފަރުގައި ވެސް ފެނާއި ނަރުދަމާ ޚިދުމަތުން އަދި ފައިދާ ނުވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ދުވާފަރަކީ ވިޔަފާރީގެ ގޮތުން ފައިދާކުރަނިވި ތަނަކަށް ހެދުމަށް މިހާރު މަސައްކަތް ފަށާފައިވާކަން ފާހަގަކުރެވުނެވެ. އެގޮތުން ކުރިން 10 މިލިއަން ރުފިޔާގެ ގެއްލުން ލިބެމުންދިޔަ ދުވާފަރުގައި މިހާރު ފަސްހާހަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނައިރު، އާބާދީ އިތުރުވުމާއެކު ފައިދާ ލިބެމުން އަންނަކަމަށް ވިދާޅުވިއެވެ. މަތީން ވިދާޅުވީ، މި ޚިދުމަތްތަކުގެ ބޭނުމަކީ ރަނގަޅު ނަތީޖާއެއް ހޯދައި، ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ. އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަންގެ އާ އަޕްޑޭޓް އެ ކުންފުނީގެ އެމްޑީ މަތީނާއި (ކ) ޗެއާޕާސަން ޝަމްހޫޒާ (ވ) ރަސްމީކޮށް އާންމުކޮށްދެއްވަނީ --- ފޮޓޯ: އެމްޑަބްލިއުއެސްސީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި އެމްޑަބްލިއުއެސްސީ އިން ޑިޖިޓަލް ޕޯޓަލްއެއް ވަނީ ތަޢާރަފްކޮށްފައެވެ. މި ޕޯޓަލްގެ ސަބަބުން ކަރުދާސް ބޭނުންނުކޮށް ފަސޭހަކަމާއެކު އެޕްލިކޭޝަންތައް ހުށަހެޅޭނެ ގޮތް ވަނީ ހަދާފައެވެ. މީގެ އިތުރުން، އެމްޑަބްލިއުއެސްސީ ގެ މޮބައިލް އެޕްލިކޭޝަންގެ އަޕްގްރޭޑް ކުރެވިފައިވާ ވާޝަންއެއް ވެސް މިހާރު ވަނީ ނެރެފައެވެ. އެމްޑަބްލިއުއެސްސީ ގެ ޚިދުމަތްތައް ބިނާވެފައިވަނީ މުވައްޒަފުންގެ މަސައްކަތުގެ މައްޗަށް ކަމަށް ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި ޚިދުމަތްތައް އަވަސްކުރުމާއި، ޖަވާބުދާރީވުން އިތުރުކުރުމާއި، ދެފުށްފެނުން ބޮޑުކުރުމަށް މަސައްކަތްކުރާނެ ކަމަށް މަތީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ