އައްޑޫގައި މަސްވެރިކަމުގެ ހަބެއް ގާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ސީއެމްއީސީއަށް

އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމްކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކު ދިވެހި ސަރުކާރުން އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އެވެ.ފިޝަރީޒް މިނިސްޓްރީން ބުނީ، މި މަޝްރޫއަކީ ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އާ ދޮރެއް ހުޅުވައިލާނެ މަޝްރޫއެއް ކަމަށެވެ. އަދި އައްޑޫއަކީ މަސްވެރިކަން ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ދެކުނުގެ އިގުތިސާދު އާލާކޮށް، ގިނަ ފުރުސަތުތަކެއް އުފެއްދުން ކަމަށެވެ.ރާއްޖޭގެ މެރިކަލްޗާ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމުގެ މަގުސަދުގައި، ޗައިނާގެ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާ އެކު ވެސް ދިވެހި ސަރުކާރުން ވަނީ އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ