ކިންގްސް ކަޕް ފައިނަލުގައި އޭދަފުށީގެ ސީސީ އާއި އާރްއާރްސީގެ ކުރިމަތިލުމެއް ކިންގްސް ކަޕް ފައިނަލުގައި އޭދަފުށީގެ ސީސީ އާއި އާރްއާރްސީގެ ކުރިމަތިލުމެއް

ކްލަބް މޯލްޑިވްސްގެ ކިންގްސް ކަޕް ފައިނަލުގައި ބ. އޭދަފުށީގެ ޗެމްޕިއަން، ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކްލަބް (ސީސީ) އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ބައްދަލުކުރަން ޖެހިއްޖެ އެވެ.
ގަޑިހުއްޓައިގެން ރޭގެ ސެމީ ފައިނަލް މެޗުތައް ކުޅުނުއިރު، ހދ. ގެ ޗެމްޕިއަން ޓީމު، ޓީމު ނައިވާދޫ އަތުން އާރްއާރްސީ މޮޅުވީ 4-2 އިންނެވެ. އަދި، ރިސޯޓް ސެކްޓަރުގެ ޗެމްޕިއަން، އަދި ކިންގްސް ކަޕްގެ މިދިޔަ އަހަރުގެ ރަނަރަޕް، ޖޯލި އަތުން ސީސީ މޮޅުވީ 2-0 އިންނެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ އާރްއާރްސީން ފުރަތަމަ ހާފުގައި އަހުމަދު އަފްލާޒް ޖެހި ގޯލުން ލީޑުނެގިއިރު، ދުރު ޕެނަލްޓީ އަކުން އެއްވަރުކޮށްދޭން ލިބުނު ފުރުސަތުގައި އަބްދުﷲ ޝާފިއު (ޝާއްޕެ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ދެ ވަނަ ހާފުގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ އާރްއާރްސީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އަދި ބަދަލަކަށް ކުޅެން އަރައި، އޭގެ ފަހުން ޝަނާން ރަޝާދު ދެ ގޯލު ޖަަަހައި އާރްއާރްސީ އަށް ހަމަޖެހިލާން ފުރުސަތެއް ދިނެވެ.
ސީސީގެ ލަނޑު ޖެހި ފާއްޓެ އާއި އެ ޓީމުގެ މުއާޒް އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ
ނައިވާދޫގެ ފުރަތަމަ ލަނޑު ޖެހީ، އަހުމަދު ހަމީދު (އައްމަޑޭ) އެވެ. މިއީ، އާރްއާރްސީގެ ކީޕަރު މުހައްމަދު ލުފްޝާން (ޕަފް) ބޯޅަ ހިފަން އުޅުމުގެ ތެރޭގައި، އަތުގައި ޖެހިފައި ގޯލަށް ވަން ބޯޅައެކެވެ.
އޭގެ ފަހުން، ޝާއްޕެ ވަނީ ނައިވާދޫގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އަދި ފަހުން، ދުރު ޕެނަލްޓީ އަކުން، އައްމަޑޭ ޖެހި ބޯޅަ ކީޕަރު ޕަފް ވަނީ މަތަކޮށްފަ އެވެ.
ޖޯލި ޓީމުގެ އަހުމަދު ރާހިލް ރަޝީދު މެޗުގެ ކުރީކޮޅުގައި ފޮނުވާލި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، ދެ ވަނަ ހާފުގައި ސީސީ އަށް ގޯލު ހުޅުވާލައިދިން ލަނޑު ޖެހީ، މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. އަދި، ސީސީގެ ދެ ވަނަ ލަނޑު ހިލޭ ޖެހުމަކުން ޖެހީ، އަޔާޒް އަހުމަދު (އަޔާ) އެވެ.
ޖޯލި ޓީމުގެ ހަމަލާތައް ދިފާއުކުރުމުގައި ސީސީގެ ކީޕަރު، އަބްދުﷲ ނާސިހު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އާރްއާރްސީ އާއި ސީސީ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ، އަންނަ އަންގާރަ ދުވަހުގެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ