ކުޅިވަރު މުބާރާތް ހޯސްޓްކުރުމުގައި އުސް ހަރުފަތަށް ދާން ބޭނުން: މިނިސްޓަރު ކުޅިވަރު މުބާރާތް ހޯސްޓްކުރުމުގައި އުސް ހަރުފަތަށް ދާން ބޭނުން: މިނިސްޓަރު

ރާއްޖޭގައި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ހޯސްޓްކުރަން ކުރާ މަސައްކަތުގައި، ރާއްޖެ އަކީ އެންމެ އުސް ހަރުފަތުގައި އެކަން ކުރެވޭ ގައުމެއްގެ ގޮތުގައި ހަދަން ބޭނުންވާ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު، މި ގޮތަށް ވިދާޅުވީ، އަންނަ ޑިސެމްބަރު 2-6 އަށް މާލޭގައި ބާއްވަން ނިންމާފައިވާ، ހަތް ވަނަ ކެރަމް ވޯލްޑް ކަޕް މުބާރާތް ލޯންޗް ކުރަން މިއަދު ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުންނެވެ. އެ ގޮތުން، ރާފިއު ވިދާޅުވީ، ރާއްޖޭގައި މީގެ 11 އަހަރު ކުރިން، 2014 ވަނަ އަހަރު ބޭއްވި ކެރަމް ވޯލްޑް ކަޕަށް ވުރެން، މި އަހަރު ބާއްވާ މުބާރާތް، ވަރަށް ފުޅާކޮށް، އަދި މިހާތަނަށް ކެރަމް ވޯލްޑް ކަޕް އެއްވެސް ތަނެއްގައި ނުބާއްވާ ވަރަށް، 200 އަށް ވުރެން ގިނަ އެތުލީޓުންނާ އެކު، ކާމިޔާބު މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރެވިގެންދާނެ ކަމަށެވެ.
"މި ފަަދަ މުބާރާތްތައް ބޭއްވުމުގެ ބޭނުމަކީ ދިވެހި ރާއްޖެ އަކީ ވެސް، ކުޅިވަރުގައި އެންމެ އުސް ހަރުފަތަަށް، ކުޅިވަރުގެ މުބާރާތްތައް ހޯސްޓްކުރުމުގައި (ދެވޭނެ ގައުމަކަށް ހެދުން)، ރާއްޖެ އަކީ ޑެސްޓިނޭޝަން އެއްގެ ގޮތުގައި ތައާރަފްވެގެން ދާނެ ފަދަ (ގޮތަކަށް ވުން)، މުބާރާތްތައް ކުޅިވަރުގެ ރޮނގުން ދުނިޔެ އަށް ދެއްކުން ވަރަށް މުހިންމު ކަމަށް އަޅުގަނޑުމެންނަށް ފެނޭ،" ރާފިއު ވިދާޅުވި އެވެ.
"ސްޕޯޓްސް ޓޫރިޒަމް އަކީ އަޅުގަނޑުމެން ކުރިއަރުވަން، ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަކަަށް ވާތީ އަދި އެކަން އެއް ދުވަހުން އަނެއް ދުވަހަށް އަޅުގަނޑުމެން ފުޅާ ކުރަން ގެންދަން ވެސް ބޭނުންވާތީވެ، މި މުބާރާތް (ކެރަމް ވޯލްޑް ކަޕް) ރާއްޖޭގައި ހޯސްޓް ކުރަން ނިންމީ،"
އޭނާ ވިދާޅުވީ، ރާއްޖެ އަކީ މީގެ ކުރިން ވެސް ވަރަށް ގިނަ ވަނަތަކެއް، މި ފަދަ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ހާސިލްކޮށްފައި އޮތް ގައުމެއް ކަމަށެވެ. އެ ގޮތުން، ބޭނުންވަނީ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕް އަކީ ވެސް ރާއްޖެ، "އެންމެ އުސް މިނަށް" ގެނެވޭނެ ގޮތަކަށް މަގުފަހިވެގެންދާ މުބާރާތަކަށް ވުން ކަމަށް ރާފިއު ފާހަގަކުރެއްވި އެވެ.
ރާފިއު ވިދާޅުވީ، ކެރަމް ވޯލްޑް ކަޕް ފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ އެހެން ކުޅިވަރުތަކަށް ވެސް ނަމޫނާ ކަމެއް ކަމަށެވެ.
"މިއީ އެހެން ކުޅިވަރުތަކަށް ވެސް ވަރަށް ބޮޑު ބޫސްޓެއް، އަންނާނެ ކަމެއް، މި ފަދަ މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރުން. ވިހި ގައުމަށް ވުރެ ގިނަ ގައުމުތައް ބައިވެރިވެގެން 200 އަށް ވުރެ ގިނަ އެތުލީޓުން މި މުބާރާތުގައި ބައިވެރިވާ ކަމަކީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާން ޖެހޭ ކަމެއް، ކެރަމް ވޯލްޑް ކަޕެއްގައި އެންމެ ގިނަ އެތުލީޓުން މި ފަހަރު ހިސްޓްރީގައި ވެސް މި ބައިވެރިވެގެންދަނީ،" ރާފިއު ވިދާޅުވި އެވެ.
ކެރަމް ވޯލްޑް ކަޕް ފެންވަރުގެ މުބާރާތެއް ބޭއްވުމަށްޓަކައި، ސަރުކާރުން މާލީ ގޮތުން ކުރާ ހޭދަ އަކީ ބޮޑު ކަމެއްކަން ފާހަގަކުރައްވައި، މި ފުރުސަތު ދެއްވީތީ ރައީސް ޑރ މުހައްމަދު މުއިއްޒު، މި ފަދަ ކަންކަން ގައުމަށްޓަކައި ކުރެއްވުމަށް ދެއްވާ ހިތްވަރު ފާހަގަކުރައްވައި، ރާފިއު ވަނީ ޝުކުރު އަދާކުރައްވައިފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ