ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި މިއަދު ފެށި ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގެ ފުރަތަމަ ދުވަހުގައި އޯޕަން ކެޓަގަރީގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅުނުއިރު، ކުއާޓާ ފައިނަލާއި ސެމީ ފައިނަލް އަދި ފައިނަލްގެ ޖާގަތައް ގައުމީ ބެޑްމިންޓަން ކުޅުންތެރިން ހޯދައިފި އެވެ.
ޖުމްލަ އެކު، 347 ކުޅުންތެރިން ފެނިގެންދާނެ، މޯލްޑިވްސް ޖޫނިއާ އޯޕަންގައި 700 އަށް ވުރެން ގިނަ މެޗު ކުޅެވިގެންދާނެ އެވެ. އެ ގޮތުން، މިއަދު، ޕެރަލިމްޕިކްސް އާއި ސްޕެޝަލް އޮލިމްޕިކްސްގެ އެތުލީޓުންގެ މެޗުތަކުން ކުޅުން ފެށިގެންދިޔައިރު، ފަހުން ކުޅުނީ އޯޕަަން ޑްރޯގެ އިވެންޓްތަކުގެ މެޗުތަކެވެ.
މުބާރާތުގެ އަންހެން ސިންގަލްސްގައި ފަސް ކުޅުންތެރިން ވާދަކުރާއިރު، ކުޅުނީ ލީގު ބުރެކެވެ. ލީގު ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، އައިމިނަތު ނަބީހާ ފައިނަލުން ޖާގަ ހޯދިއިރު، ފާތިމަތު ނަބާހާ ބަލިވީ ނަބީހާ އަތުން އެކަންޏެވެ. ލީގު ބުރުގައި ނަބީހާ މޮޅުވީ، 15-05، 15-08 އިންނެވެ.
ފިރިހެން ސިންގަލްސް ކުރިއަށްދިޔައީ އަށް ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގެ އެއް ވަނަ ކުއާޓާ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. އެ ގޮތުން، ކުއާޓާ ފައިނަލްގެ އަށް ޖާގައިގެ ތެރެއިން ފަސް ޖާގަ ހޯދީ ރިވައިވަލްގެ ހައި ޕާފޯމަންސް ޓީމުގެ ކުޅުންތެރިންނެވެ. އެއީ، ނިބާލް އަހުމަދު، ހަސަން ޒަޔާން، ޒަޔާން ޒަކީ، ހައިޝަމް އިބްރާހިމް އަލީ އަދި އާދަމް މަހީން އަދި ހޫދު ބިން އަހުމަދު އެވެ.
ފިރިހެން ޑަަބަލްސްގައި ޒަޔާން އާއި ނިބާލްގެ ޕެއާ އަތުން މޮޅުވެ، ފިލިޕީންސްގެ ކައިލް އެޑްރިއޯ އާއި އަޖުފާން ރަޝީދުގެ ޕެއާ ސެމީ ފައިނަލުން ޖާގަ ހޯދިއިރު، ސެމީގައި ކުޅޭނީ، ހަސަން ފާކިރު އާއި މުހައްމަދު ނުރޭރް ނޯބީއާ އެވެ. އަދި އަނެއް ޑަބަލްސް މެޗުގައި، ހަސަން ޒަޔާން އާއި ހަލަފް އިމްރާންގެ ޕެއާ އިން ކުޅޭނީ އަހުމަދު ތޯއިފް އާއި ރިއާޒް މުހައްމަދުގެ ޕެއާއާ އެވެ.
އަންހެން ޑަބަލްސްގައި ފަޒްނާ އަލީ އާއި ހައްވާ މުޒްނާގެ ޕެއާ އިން ކުޅޭނީ ނަބާހާ އާއި ނަބީހާގެ ޕެއާއާ އެެވެ.
އޯޕަން ކެޓަަގަރީގެ އިތުރުން، މުބާރާތް ދެން ކުޅޭނެ އުމުރުފުރާތަކަށް ބަލާއިރު، 9، 11، 13، 15، 17 އަދި 19 އަހަރުން ދަށް ހިމެނެ އެވެ. ޖޫނިއާ އޯޕަން މެޗުތައް ކުރިއަށްދާނީ މިއަދުން ފެށިގެން ހަ ދުވަހުގެ މުއްދަތުގަ އެވެ.
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން: ގައުމީ ކުޅުންތެރިންގެ ފެށުން ވަރުގަދަ ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން: ގައުމީ ކުޅުންތެރިންގެ ފެށުން ވަރުގަދަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ