މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ ފިޔަވަޅުތައް ހަރުކަށި, މިނިވަންކަން ހަނިވޭ: އެޗްއާރުސީއެމްް

މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް މަގުފަހިވާ ގޮތަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި ހުރީ ނިސްބަތުން ހަރުކަށި ފިޔަވަޅުތަކެއް ކަމަށާއި، އޭގެ ސަބަބުން ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން މިއަދު ބުނެފިއެވެ. އެޗްއާރްސީއެމްއިން މީޑިއާ ކޮންޓްރޯލް ބިލަށް ހުށަހެޅި ޚިޔާލުގައި ބުނެފައިވާ ގޮތުގައި އެ ބިލުގައިވާ ވަކިވަކި ބައެއް މާއްދާތަކަކީ ކޮމިޝަންގެ ކަންބޮޑުވުން އޮތް ކަންކަމެވެ. އަދި، އެ ބިލުގައި ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާ ޚިލާފު، އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާ ގޮތަށް މާއްދާތައް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. ޑިމޮކްރެޓިކް ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށްދޭނެ ކަމަށާއި އޭގެ ބަދަލުގައި ނޫސްވެރިކަމަކީ ދައުލަތުގެ ބާރުގެ ދަށަށް ގެންނަންޖެހޭ ކަމެއްގެ ގޮތުގައި އެ ގައުމުތަކުން ނުދެކޭ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. އެޗްއާރްސީއެމުން ބުނީ، އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީ އަދި އޯގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ)ން ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކުން، އޮންލައިން ކޮންޓެންޓް ކްރިއޭޓަރުންނަށް ލައިސެންސް ނުވަތަ ރެޖިސްޓްރޭޝަން ޝަރުތުކުރުން ނުވަތަ މަޖުބޫރުކުރާ ގަވާއިދުތައް ކަނޑަނޭޅުމަށް ބަޔާންކުރާ ކަމަށެވެ. އެއީ، މިނިވަން ޚިޔާލުފާޅުކުރުމަށް ހުރަސްއެޅި، ސަރުކާރު ޖަވާބުދާރީކުރުވަނިވި މަޝްވަރާތަކަށް ހުރަސްއެޅޭނެތީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ވަކިން ޚާއްސަކޮށް ސަރުކާރުގެ ބައިވެރިވުން ހިމެނޭ ކޮމިޝަނަކުން ބްރޯޑްކާސްޓިން ދާއިރާ ރެގިއުލޭޓްކުރެވޭ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު އުސޫލެއް ނޫން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. ނޫސްވެރިން ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖުކުރަނީ-- ސަން ފޮޓޯ/ އަހުމަދު އިޔާދު އެގޮތުން، ބްރޯޑްކާސްޓް މީޑިއާއާއި ޕްރިންޓް މީޑިއާ ރެގިއުލޭޓްކުރުމަށްޓަކައި މިހާރު ވެސް އަމަލުކުރަމުންދާ 'މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު' އަދި 'ބްރޯޑްކާސްޓްކުރުމުގެ ގާނޫނު' އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ އިސްލާހުތައް އެ ގާނޫނުތަކަށް ގެނައުމާއެކު، އެ ދެ ނިޒާމަކީ ވަކިން އޮންނަ ދެ ނިޒާމުގެ ގޮތުގައި ބޭއްވުމަށް އެ ކޮމިޝަނުން ވަނީ ހުށަހަޅައިފައެވެ. އެއް އިދާރާއެއްގެ ދަށުން އެ ދެ ނިޒާމު ކުރިއަށް ގެންދިޔުމަށް ނިންމި ނަމަވެސް، ޕްރިންޓް މީޑިއާއާއި ބްރޯޑްކާސްޓިން މީޑިއާ ރެގިއުލޭޓް ކުރުމުގައި ގާއިމުކުރަންޖެހޭ ފަރަގު ގާއިމުކުރުމާއެކު ރެގިއުލޭޓްކުރުމަށް ވަނީ ހުށަހަޅައިފައެވެ. ހަމައެއާއެކު ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ދަފުތަރެއް ބެލެހެއްޓުމަށް އެ ބިލުގައި ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. އަދި، މިހާރު ބިލުގައި 'މަޖައްލާއަށް' ދީފައިވާ މާނަކުރުން އިސްލާހުކޮށް، މަޖައްލާގެ ގޮތުގައި ބަލާނެ ތަކެތި މިހާރަށްވުރެ ހަނިކުރުމަށް ވަނީ ހުށަހަޅާފައެއެވެ. ވަކިން ޚާއްސަކޮށް ބެކްޑޭޓްކޮށް މައްސަލަތައް ބަލައި، ކުރީގެ ގާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކާއި ޒިންމާތަކާއި އަދި އަދަބުތަކުގެ އިތުރުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެޗްއާރްސީއެމުން ހުށަހެޅިއެވެ. މިހާރު ބިލު އޮތް ގޮތުން މީޑިއާ ކޮމިޝަން އުފެދޭތާ އަހަރެއް ކުރީގެ މައްސަލަތައް ވެސް ބެކްޑޭޓްކޮށް ބެލޭނެއެވެ. އެޗްއާރްސީއެމުން ބުނި ގޮތުގައި ނޫސްތަކުން އާއްމުކުރާ މައުލޫމާތުގެ ތެދު ދޮގު ކަނޑައެޅުމަށްޓަކައި ހެކި ވަޒަންކޮށް އެކަން ސާބިތުކުރުމުގައި ތެދު ދޮގު ކަނޑައެޅުމުގައި ޖުޑިޝަރީގެ ދައުރެއް ނުވަތަ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު އޮތުން މުހިންމެވެ. ނަމަވެސް، އެ ބިލުގެ ދަށުން ފިޔަވަޅު އެޅުމުގެ ބިރު އޮތް ކަމަށާއި ގިނަ ނޫސްތަކުން މައުލޫމާތު ޝާއިއުކުރުމަށް ފަސްޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކަކީ ނިސްބަތުން ހަރުކަށި ފިޔަވަޅުތަކެއް ކަމަށާއި، އަދި އެއީ ސައްހަ މައުލޫމާތެއް ނޫންނަމަ އެ ޝާއިއުކުރި ނިޔަތަށް ބަލައި ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު -- ފޮޓޯ/ ރައީސް އޮފީސް އެޗްއާރްސީއެމްއިން ބުނި ގޮތުގައި މިނިވަން ކޮމިޝަނެއް ނުވަތަ އިދާރާއެއްގައި ސިވިލް ސާވިސްގެ މުވައްޒަފުން ތިބުމަކީ ރާއްޖެގައި އަމަލުކުރާ ގޮތް ކަމަށް ނުވުމުން ސިވިލް ސާވިސްއިން، މީޑިއާ ކޮމިޝަން ވަކިކުރަންޖެހެއެވެ. އެހެންކަމުން އެގޮތަށް އެ ކޮމިޝަނުން ވަނީ ހުށަހަޅައިފައެވެ. މިހާރު ބިލު އޮތް ގޮތުން ކޮމިޝަނަށް އައްޔަނުކުރާ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންނެވެ. އަދި، ކޮމިޝަންގެ ރައީސް ވެސް އައްޔަނުކުރައްވާނީ ރައީސުލްޖުމްޙޫރިއްޔާއެވެ. އެކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ ކޮމިޝަނަށް ހޮވާ ހަތް މެންބަރުން ވެސް ސީދާ މަޖިލީހުން ކުރާ އިއުލާނަކުން، އެ މަޖިލީހަށް ނަން ހުށަހަޅައި، މަޖިލީހުން ރުހުންދޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން، އެ ނިޒާމު ބިނާވާންވާނީ ސެލްފް ރެގިއުލޭޓަރީ ނިޒާމެއްގެ މައްޗަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި، ކޮމިޝަންގެ ރައީސާއި ނަިއބު ރައީސް ވެސް ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން އައްޔަނުކުރަން އެ ކޮމިޝަނުން ހުށަހެޅިއެވެ. ހަމައެއާއެކު ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން މައްސަލަ ނުނިމެނީސް، ނުވަތަ ސާބިތުނުވަނީސް ނޫހުގެ ނުވަތަ މީޑިއާގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބަދަލުގައި "ހިފަހައްޓަން" އެ ކޮމިޝަނުން ވަނީ ހުށަހަޅައިފައެވެ. ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލު މިހާރު އޮތީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައެވެ. ބިލުގެ ދިރާސާކުރުން ކުރިއަށްދާއިރު މިއަދު ވަނީ ވަކިވަކި ނޫސްވެރިންނާ ވެސް އެ ކޮމިޓީން ބައްދަލުކޮށް ޚިޔާލު ހޯދައިފައެވެ. މި ބިލާ ދެކޮޅަށް ގިނަ ނޫސްވެރިންތަކެއް ވަނީ މިދިޔަ ހަފުތާގައި މުޒާހަރާކޮށް، ބިލު ބޭރުކުރަން ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ