ބޭންކު އެކައުންޓު ހާމަ ކުރަން ނުޖެހޭ ކަމަށް ހީކުރައްވާ މުހައްމަދު އަލީގެ ބަޔާނުގައި އެކައުންޓުތައް ހާމައެއް ނުކުރޭ ބޭންކު އެކައުންޓު ހާމަ ކުރަން ނުޖެހޭ ކަމަށް ހީކުރައްވާ މުހައްމަދު އަލީގެ ބަޔާނުގައި އެކައުންޓުތައް ހާމައެއް ނުކުރޭ

ދުވާފަރު ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު އަލީ (ގަމީސް) ގެ ބޭންކް އެކައުންޓެއް ނެތް ކަމަށް މާލީ ބަޔާނުގައި ހާމަކޮށްފި އެވެ.
އަދަދު އާ ވާހަކަ ދައްކަވަމުން މުހައްމަދު އަލީ ވިދާޅުވީ އޭނާއަށް ހީކުރެވިފައި އޮތީ މާލީ ބަޔާނުގައި ބޭންކު އެކައުންޓުތައް ހާމަ ކުރަން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ބޭންކު އެކައުންޓު ހާމަ ކުރަންޖެހޭ ނަމަ އެކަން ނުކުރެވިފައިވާނީ އޮޅުމަކުން ކަމަށެވެ.
"އެކައުންޓު ހުންނާނެ. ޖަހަން ނެތީމަ ނުޖެހީ. އެއީ މިސްޓޭކެއް. އަޅުގަނޑު މުސާރަ ޖަމާވަނީ އެމްއައިބީ އެކައުންޓަށް. އެއީ އަޅުގަނޑުގެ މައްސަލައެއް،" މުހައްމަދު އަލީ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލީ ބަޔާނުގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ މެންބަރުންގެ އަތުގައި ހުރި ނަގުދު ފައިސާ އާއި ޓާމް ޑިޕޮސިޓް އާއި ބޭންކު އެކައުންޓުތަކާއި ބަންދުކޮށްފައިވާ އެކައުންޓުތައް ހާމަ ކުރަންޖެހޭނެ އެވެ. އެކަމަކު މުހައްމަދު އަލީގެ ބަޔާނުގައި ބުނެފައި ވަނީ އޭނާގެ އެކައުންޓެއް "ނެތް" ކަމަށެވެ.
މުހައްމަދު އަލީ ވަނީ އޭނާ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ ހަތް ލައްކަ ރުފިޔާގެ ލޯނެއް ހާމަކޮށްފަ އެވެ. އެ ލޯނުގެ ރިޕޭމަންޓަށް 91،323.65 ރުފިޔާ ދައްކާފައިވާ ކަމަށް ވެސް މާލީ ބަޔާނުގައި ވަނީ ބަޔާންކޮށްފަ އެވެ.
ބޭންކުން ލޯނެއް ނަގަންޏާ އެ ބޭންކެއްގައި އެކައުންޓެއް ހުޅުވަންޖެހެ އެވެ. އަދި އެއްވެސް މެންބަރަކަށް ނަގުދު ފައިސާއިން މުސާރަ ދޫނުކުރާ ކަމަށް އެ މަޖިލީހުގެ ތަރުޖަމާނު އަހުމަދު މާން އަސްއަދު ވިދާޅުވި އެވެ.
މުހައްމަދު އަލީގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އޭނާއަށް މެއި 28، 2024، އިން މެއި 27، 2025، ގެ ނިޔަަލަށް މަޖިލީހުގެ މުސާރަ އާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 924،552.63 ރުފިޔާ ލިބުނެވެ.
މަޖިލީހުގައި 93 މެންބަރުން ތިބޭއިރު އޭގެ ތެރެއިން އިއްޔެ މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑުކުރީ 88 މެންބަރެއްގެ މާލީ ބަޔާނެވެ. ބާކީ ފަސް މެންބަރުންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑު ނުކުރަނީ އެ މާލީ ބަޔާންތައް މުއްދަތުގެ ތެރޭގައި ނުފޮނުވާތީ އެވެ.
މަޖިލީހުގެ ގަވާއިދަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް، ހަމަޖެއްސީ އެއް އަހަރު ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށެވެ. އަދި ނިންމީ ބަޔާން ދޭންޖެހޭނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު 31، ގެ ނިޔަލަށް ކަމަށެވެ.
މަޖިލީހުން އާންމުކޮށްފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ވަނީ އަހަރެއްގެ ތެރޭގައި ލިބުނު އާމުދަނީ އާއި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި އަމިއްލަ ނަމުގައި ހުރި ދަރަނި/ލޯނުތަކާއި އަމިއްލަ ނަމުގައި ހުރި މުދަލުގެ ތަފުސީލެވެ.
އެއްވެސް ކުންފުންޏެއްގައި ހިއްސާއެއް އޮތް ނަމަ އޭގެ ތަފުސީލާއި ނަގުދު ފައިސާގެ ގޮތުގައި ހުރި ފައިސާގެ އަދަދާއި ވިއްކާލާފައިވާ ބައެއް ކެޓަގަރީތަކުގެ މުދަލުގެ ތަފުސީލާއި އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ގޮތުގައި ބެލެވޭ އެއްވެސް އެއްޗެއްގެ ތަފުސީލު ވެސް ބަޔާންތަކުގައި ހިމަނަންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ