އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހުއްޓާނުލައި މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނިން އައްޑޫގައި ދޭ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހުއްޓާނުލައި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
"އައްޑޫ ސިޓީގައި މި ދެމުންދާ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މި ކުންފުނިން ހުއްޓާނުލައި ކުރިއަށް ދެމުންދާކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަން. ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށްޓަކައި މި ކުންފުނީގެ ފަރާތުން މައާފަށް އެދެން،" އެ ކުންފުނިން ބުންޏެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ރޭ މެންދަމު 2:40 ހާއިރު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަށްފަހު އަލުން ކަރަންޓުގެ ހިދުމަތް ލިބުނީ ރޭ ފަތިހު 5:55 ހާއިރެވެ.
ފެނަކައިން ބުނީ ރޭ މެންދަމު އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވާ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުން ކަމަށެވެ.
އެ މީހާއަށް ލިބުނު އަނިޔާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އެ ހޮސްޕިޓަލުން ބުނީ ބައެއް ތަންތަން ފިހި، އެހެން އަނިޔާތައް ވެސް ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން، ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ފެނަކައިން ދަނީ ކުރަމުންނެވެ.
އެފަދަ އަމަލުތަކަކީ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމާއި އާއްމު ރައްޔިތުންނަށް ތަކުލީފު ލިބުމުގެ އިތުރުން އެފަދަ އަމަލެއް ކުރާ މީހަކަށާއި ނުވަތަ ބައިވެރިވާ މީހުންގެ ފުރާނައަށް ނުރައްކާވާނެ ކަމަކަށްވާތީ އެފަދަ ކަންކަން ނުކުރަން ފެނަކައިން އިލްތިމާސްކުރެ އެވެ.
އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭން ހުއްޓާނުލައި މަސައްކަތް އެބަކުރަން: ފެނަކަ އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭން ހުއްޓާނުލައި މަސައްކަތް އެބަކުރަން: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ