ވީއައިއޭއިން މަހެއް ތެރޭ 1،934 ޓަނުގެ ކާގޯ އުފުލައި، ރެކޯޑު ހަދައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން 1،934 ޓަނުގެ ކާގޯ ޓްރާންސްޝިޕްމެންޓްގެ ގޮތުގައި އުފުލައި، ރެކޯޑެއް ހަދައިފިއެވެ. ވީއައިއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ނިމުނު އޮގަސްޓު މަހަކީ އެންމެ ގިނައިން ޓްރާންސްޝިޕްމެންޓް ގޮތުގައި ކާގޯ އުފުލި މަސް ކަމަށެވެ. އެކަމުގައި ރެކޯޑެއް ހަދާފައިވާއިރު، އެ އަމާޒަށް ވާސިލުވުމަށް އެހީތެރިވި ޕާޓްނަރުންނަށް ވީއައިއޭއިން ވަކީ ޝުކުރު އަދާކޮށްފައެވެ. ޓްރާންސްޝިޕްމަންޓް މުދަލަކީ، އެހެން ގައުމަކަށް ގެންދިޔުމުގެ މަގުމަތީގައި ރާއްޖެއަށް ގެނެސް، އެ ގައުމަކަށް ފޮނުވުމުގެ ކުރިން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބަހައްޓާ މުދަލެވެ. https://x.com/VelanaAirport/status/1963409793026265334 މިދިޔަ މަހު 18ގައި، ވީއައިއޭއިން ވަނީ، ޓްރާންސްޝިޕްމެންޓް ކާގޯގެ ގޮތުގައި 100 ޓަނުގެ މުދާ އުފުލައި، ރެކޯޑެއް ހަދާފައެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ވީއައިއޭއިން ވަނީ 34،573 ޓަނުގެ މުދާ އުފުލައިފައެވެ. މިގޮތުން، ޓްރާންސްޝިޕްމަންޓް މުދަލުގެ ގޮތުގައި 6،879 ޓަނުގެ މުދާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި އެއާ-ޓު-އެއާގެ 5،621 ޓަނުގެ މުދަލާއި އެއާ-ޓު-ސީގެ 1،258 ޓަނުގެ މުދާ ހިމެނެއެވެ. ފުރަތަމަ ހަ މަސް ތެރޭ އެންމެ ގިނަ މުދާ އުފުލާފައި ވަނީ އެފްކޮމް މެދުވެރިކޮށެވެ. އެގޮތުން އެފްކޮމްއިން 112 ފްރައިޓާސް އޮޕަރޭޓްކުރިއެވެ. https://sun.mv/209749 ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ، ރާއްޖޭގެ އިގުތިސާދުގައި އެމްއޭސީއެލްއިން އަދާކުރާ ހިއްސާ އިތުރަށް ވަރުގަދަވާނެ ކަމެއްކަން އެ ކުންފުނިން ފާހަގަ ކުރެއެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލަމާތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ފާހަގަކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރު ހުޅުވި ކާގޯ ޓާމިނަލަކީ މި ފަދަ ގިނަ ޚިދުމަތްތަކެއްދެވޭ ފެންވަރަކަށް ތަރައްގީކޮށްފައިވާ ތަނެކެވެ. އެގޮތުން ކުރިން ކާގޯ ޓާމިނަލުން 50،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭއިރު އާ ޓާމިނަލުން 120،000 ޓަނުގެ ކާގޯ ހޭންޑަލް ކުރެވެއެވެ. މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރަކީ ވީއައިއޭގެ ކާގޯ ޓާމިނަލުގެ ކެޕޭސިޓީ ތިން ލައްކަ ޓަނަށް އިތުރު ކުރުން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ