ގަވައިދާ އެއްގޮތަށް މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް މާލީ ބަޔާން ހުށަނާޅުއްވާ މެންބަރުންނަށް ފިޔަވަޅު އަޅާނެކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފިއެވެ. މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅުއްވައި މިހާރު ތިއްބެވީ ފަސް މެންބަރުން ކަމަށް މަޖިލީހުން އިއްޔެ ވަނީ ބުނެފައެވެ. އެއީ ވެރިކަން ކުރާ ޕީއެންސީގެ ހަތަރު މެންބަރަކާއި އެމްއެންޕީގެ މެންބަރެކެވެ. https://www.sun.mv/210823 އޭގެ ތެރޭގައި ހިމެނެނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރާއި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރާއި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމްގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން ހަބީބެވެ. އެ މެންބަރުންނާ މެދު އަމަލު ކުރާނެ ގޮތަކާ ގުޅޭގޮތުން ސުވާލު ކުރުމުން, މަޖިލީހުންގެ އިދާރާއިން މިއަދު "ސަން" އަށް ބުނީ މާލީ ބަޔާން ހުށަނާޅުއްވާ މެންބަރުންނަށް ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މާލީ ބަޔާން ތައްޔާރުކުރަންވާނީ ހިނގަމުން އަންނަ އަހަރުގެ މޭ މަހުގެ 28ވަނަ ދުވަހުން ފެށިގެން ވިދިގެން އަންނަ އަހަރުގެ މޭ މަހުގެ 27އަށެވެ. މާލީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައި އޮތީ އޮގަސްޓް މަހުގެ 31ވަނަ ދުވަހުގެ ކުރިން އަމީން އާންމަށެވެ. https://www.sun.mv/210834 މެންބަރަކު އަމީން އާންމަށް މާލީ ބަޔާން ހުށަނޭޅުއްވުމުން، ފުރަތަމަ އޮންނަނީ އިތުރު 15 ދުވަހުގެ މުއްދަތެއް ދީ އެކަން ލިއުމުން އެންގުމެވެ. އޭގެ ފަހުންވެސް މާލީ ބަޔާން ނުދެއްވައިފިނަމަ ދެން އެ މެންބަރެއްގެ ނަން ތަޅުމުގައި އިއްވާނެއެވެ. އޭގެ ފަހުން އެ މެންބަރަކަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލީ ބަޔާން ހުށަހެޅުއްވުމުންނެވެ. އަދި މާލީ ބަޔާން ހުށަހެޅުއްވުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުން ދާނެއެވެ. ފާހަގަކުރެވޭ ގޮތުގައި މާލީ ބަޔާން ހާމަނުކުރާ ޚަބަރު މީޑިއާތަކުން އިއްޔެ ރިޕޯޓުކުރުމާއެކު އެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިޒާރު ވަނީ އެކަމާ ނުރުހުން ފާޅުކުރައްވައި، މީޑިއާ ކޮންޓްރޯލް ބިލު އަވަސްކުރުމަށް ރޭ ގޮވާލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ