ދެ ވަަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި އޮޑި ސްޕޯޓްސް ކްލަބުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން 4-0 އިން ޔުނައިޓެޑް ވިކްޓަރީ އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.
އޮޑިން ވަނީ މެއި މަހު ކުޅުނު އެފްއޭއެމް ލީގު ކަޕް ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޮޑިން ފުރަތަމަ ހާފު ނިންމާލީ އެއް ގޯލުން ކުރީގައި އޮވެ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދޫކޮށް އޮޑި އަށް ބަދަލުވި، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އެވެ. ލޫތު މި ގޯލު ޖެހީ މެޗުގެ 28 ވަނަ މިނިޓްގަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނިޓްގައި އޮޑިން ވަނީ ލީޑުފުޅާކޮށްފަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ، 52 ވަނަ މިނިޓްގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އިއްބެ މި ލަނޑު ޖެހީ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު، އަލީ ނާޖިހު (ނާޖީ) ކައިރިން ނައްޓައިފަ އެވެ.
އޮޑިން މެޗުގައި ދެން ޖެހި ދެ ލަނޑު ވެސް ޖެހީ ބަދަލަކަށް ކުޅެން އެރި ކުޅުންތެރިންނެވެ. އެ ގޮތުން، މެޗުގެ 76 ވަނަ މިނިޓްގައި، ކުޅެން އެރިތާ ފަސް މިނިޓް ތެރޭ އަހުޒަމް ރަޝީދު (އަހު) ވަނީ އޮޑީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ޔުނައިޓެޑް ވިކްޓަރީގެ އޮފްސައިޑް މަޅިން ސަލާމަތްވެ، އަހު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.
މެޗުގެ 89 ވަނަ މިނިޓްގައި، އަހު ދިން ބޯޅައަކުން، އޮޑީގެ ހަތަރު ވަނަ ލަނޑު ޖެހީ، ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި މުޒްދާން ހަސަން އެވެ.
މުހައްމަދު ނަޒީހުގެ ކޯޗުކަމުގައި ކުޅޭ ޔުނައިޓެޑް ވިކްޓަރީން ވަނީ ކައުންޓަ އެޓޭކުގައި އޮޑީގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ. އެ ގޮތުން، ޔުނައިޓެޑް ވިކްޓަރީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އާއި ޝަނާން ރަޝާދު އަށް ލިބުނު ފުރުސަތުތަކުގައި ކުރި އެޓޭކްތައް ހުއްޓުވުމުގައި އޮޑީގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ލީގުގައި މިރޭ 21:00 ގައި، ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ އިން ކްލަބް ގްރީން ސްޓްރީޓްސްއާ ކުޅޭނެ އެވެ.
އޮޑިން ޕްރިމިއާ ލީގު ފެށީ ވަރުގަދަ މޮޅަކުން އޮޑިން ޕްރިމިއާ ލީގު ފެށީ ވަރުގަދަ މޮޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ